Roadha Mihaaru
ލެވަކޫސަނަށް އޮލޮންސޯ ފުރަތަމަ ފަހަރަށް ލީގު ހޯދައިދީފި

ރެލިގޭޝަނުން ލެވަކޫސަނާ އެކު އޮލޮންސޯ ފެށި ދަތުރު؛ ފުރަތަމަ ފަހަރަށް ލީގު ހޯދައި ދީފި

15 އެޕްރީލް 2024

ލެވަކޫސަން (އޭޕްރީލް 15) – ވާޑާބްރޭމަންގެ މައްޗަށް ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ، 113 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ބެޔާ ލެވަކޫސަނުން ޖަރުމަނުގެ ލީގު ޗެމްޕިއަންކަން ހޯދައިފި އެވެ.

ލެވަކޫސަން (އޭޕްރީލް 15) – ވާޑާބްރޭމަންގެ މައްޗަށް ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ، 113 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ބެޔާ ލެވަކޫސަނުން ޖަރުމަނުގެ ލީގު ޗެމްޕިއަންކަން ހޯދައިފި އެވެ.

ލެވަކޫސަންގެ މި ކާމިޔާބުގެ ފަހަތުގައި ހުރީ ޒުވާން ކޯޗު ޒަބީ އޮލޮންސޯ އެވެ. ޔޫރަޕްގައި މިހާރު އެންމެ ޑިމާންޑް ބޮޑު ކޯޗު، އޮލޮންސޯ ލެވަކޫސަނާ އޮކްޓޯބަރު 2022 ގައި ހަވާލުވި އިރު އެ ޓީމުން އުޅުނީ ރެލިގޭޝަން ޒޯނުން އަރައި ނުގަނެވިގެންނެވެ.

އެ ސީޒަނުގައި ލެވަކޫސަން ސަލާމަތްކޮށްދީ، ގަދަ ހައެއްގެ ތެރެއަށް ގެންގޮސްދިނެވެ. މި ސީޒަނަކީ އޭނާގެ ފުރަތަމަ ފުލް ސީޒަނެވެ.

ޖަރުމަނުގެ ފުޓްބޯޅައިގައި ވަރުގަދަ ބެޔާން މިޔުނިކްގެ ނުފޫޒު ފަނޑުކޮށްލައި ލެވަކޫސަނުން ލީގު ޗެމްޕިއަންކަން ކަށަވަރު ކުރީ މި ސީޒަނުގައި އަދި މިހާތަނަށް އެއްވެސް މެޗަކުން ބަލި ނުވެ އެވެ.

މިރޭ، ވާޑާ ބްރޭމަންއާ ދެކޮޅަށް އެ ޓީމު ހޯދި މޮޅާ އެކު ބަލިނުވެ 43 މެޗު ވަނީ ފުރިހަމަކޮށްފަ އެވެ.

ބެޔާން މި ސީޒަނަށް ނުކުތީ ވިދިވިދިގެން 12 ވަނަ ފަހަރަށް ލީގު ކާމިޔާބު ކުރުމަށެވެ. އެކަމަކު އެކަން ވިޔަ ނުދީ ލެވަކޫސަން ލީގު ކަށަވަރު ކުރީ 16 ޕޮއިންޓްގެ ބޮޑު ލީޑަކާ އެކު އެވެ. ލީގުގައި ކޮންމެ ޓީމަކަށް އަދި ބާކީ ފަސް މެޗު އެބައޮތެވެ.

ޖަރުމަނުގައި ލެވަކޫސަން މަޝްހޫރު ވެފައި ވަނީ "ނެވާކޫސަން" ގެ ނަމުންނެވެ. އެއީ އެ ޓީމަށް ނުވާނެ ކަމަށް ބުނުމުގެ ގޮތުން ބޭނުން ކުރާ ޓެގްލައިނެކެވެ.

އެކަމަކު، މި ސީޒަނުގައި 30 އަހަރަށް ފަހު އެ ޓީމު ތައްޓެއް ހޯދި އެވެ. މީގެ ކުރިން އެ ޓީމުން ތައްޓެއް ހޯދީ 1993 ގަ އެވެ.

ލެވަކޫސަނުން ލީގުގެ ދެވަނަ މަގާމު ފަސް ފަހަރު ހޯދި އެވެ. އޭގެ ތެރެއިން އެންމެ ހިތްދަތި އަހަރަކީ 2002 އެކެވެ. އެ އަހަރު ޖަރުމަނު ލީގާއި ޖަރުމަނު ކަޕްގެ ފައިނަލާއި ޗެމްޕިއަންސް ލީގުގެ ފައިނަލުން ވެސް އެ ޓީމު ވީ ބައްޔެވެ.

މިރޭގެ މެޗުގައި އެ ޓީމުގެ ފްލޯރިއާން ވިރްޓްޒް ހެޓްރިކް ހެދި އެވެ. އަނެއް ދެ ލަނޑު ޖެހީ ގްރެނިޓް ޒަކާ އާއި ވިކްޓާ ބޮނިފޭސް އެވެ.