Roadha Mihaaru
ވައިޓްހައުސްގައި އެއްވެސް މައްސަލައެއް ނެތް: ޓްރަމްޕް

ވައިޓްހައުސްގައި އެއްވެސް މައްސަލައެއް ނެތް: ޓްރަމްޕް

19 ފެބުރުއަރީ 2017

ފްލޮރިޑާ (ފެބްރުއަރީ 19) - ވައިޓް ހައުސްގެ ހިންގުމުގައި މައްސަލައެއް ނެތް ކަމަށާއި ހުރިހާ ކަމެއް ވެސް ދަނީ ވަރަށް އޮމާންކޮށް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ފްލޮރިޑާ (ފެބްރުއަރީ 19) - ވައިޓް ހައުސްގެ ހިންގުމުގައި މައްސަލައެއް ނެތް ކަމަށާއި ހުރިހާ ކަމެއް ވެސް ދަނީ ވަރަށް އޮމާންކޮށް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ފްލޮރިޑާގެ މެލްބަން އެއާޕޯޓުގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އޭނާ މަސައްކަތް ކުރައްވަނީ ކެމްޕޭނުގެ ވައުދާ އެއްގޮތަށް ކުޑަ ސަރުކާރެއް ހިންގުމަށާއި އަސްކަރިއްޔާ ވަރުގަދަކޮށް އަދި ސިއްހީ އިންޝުއަރެންސްގެ ނިޒާމް ވަރުގަދަ ކުރަން ކަމަށެވެ.

ފްލޮރިޑާގެ މެލްބަން އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި އެއްވުމުގައި ރައީސް ޓްރަމްޕް ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ފްލޮރިޑާގެ މެލްބަން އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި އެއްވުމުގައި ރައީސް ޓްރަމްޕް ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ވެރިކަމުގައި އެއް މަސް ފުރިހަމަ ކުރެއްވި އިރު ގައުމީ ސަލާމަތާ ބެހޭ މުޝީރުގެ މަގާމަށް ހަމަޖެއްސި މައިކަލް ފްލައިން ވަނީ ރަޝިޔާއާ ގާތްގުޅުންތަކެއް ބޭއްވިކަން ފަޅާ އެރުމާ އެކު މަގާމުން އިސްތިއުފާ ދޭން ޖެހިފަ އެވެ. އަދި ކެބިނެޓަށް ހަމަޖެއްސި އެހެން މެންބަރަކު ވަނީ މަގާމު ދޫކޮށްލައްވައިފަ އެވެ. އެކަމަކު ޓްރަމްޕް ވިދާޅުވީ ވައިޓް ހައުސްގެ ހުރިހާ ކަމެއް އޮމާންކަމާ އެކު ކުރިއަށްދާ ކަމަށެވެ.

މި ބައްދަލުވުމުގައި ވެސް ޓްރަމްޕް ވަނީ އާދައިގެ މަތިން މީޑިއާ އަށް ހަމަލާ ދެއްވައިފަ އެވެ.

ފްލޮރިޑާގެ މެލްބަން އެއާޕޯޓުގެ އެއްވުމަށް ރައީސް ޓްރަމްޕާއި އަނބިކަނބަލުން މެލަނިއާ ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

ފްލޮރިޑާގެ މެލްބަން އެއާޕޯޓުގެ އެއްވުމަށް ރައީސް ޓްރަމްޕާއި އަނބިކަނބަލުން މެލަނިއާ ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

"ދޮގު މީޑިއާތަކުން ދަނީ ދޮގު ޚަބަރަކަށް ފަހު ދޮގު ޚަބަރެއް ފަތުރަމުން. ގިނަ ފަހަރަށް ޚަބަރު ފަތުރަނީ އޭގައި އެއްވެސް މަސްދަރެއް ނެތި. މީޑިއާތަކުން ތެދު ހާމަކޮށްދޭން ބޭނުމެއް ނުވޭ. އެއީ ކޮރަޕްޓް ސިސްޓަމުގެ ބައެއް،" ޓްރަމްޕް ވިދާޅުވި އެވެ.

އެއްވެފައި ތިބި މީހުންނާ މުޚާތަބް ކުރައްވާ ޓްރަމްޕް ވިދާޅުވީ މިއިން ދުވަހަކު ވެސް ދެކެފައި ނުވާހާ ގިނަ އަދަދެއްގެ ވަޒީފާ އޭނާ އުފައްދަވާނެ ކަމަށެވެ. އަދި އޭނާގެ ވިޔަފާރި ސިޔާސަތުގެ ސަބަބުން އެމެރިކާގެ ކުންފުނިތަކަށް މިހާރު ވެސް ފައިދާ ކުރަން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

ފްލޮރިޑާގެ މެލްބަން އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި އެއްވުމުގައި ރައީސް ޓްރަމްޕުގެ ސަޕޯޓަރުން ތަރުހީބު ދެނީ. --ފޮޓޯ:އޭއެފްޕީ

ފްލޮރިޑާގެ މެލްބަން އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި އެއްވުމުގައި ރައީސް ޓްރަމްޕުގެ ސަޕޯޓަރުން ތަރުހީބު ދެނީ. --ފޮޓޯ:އޭއެފްޕީ

ޓެރަރިޒަމާ ދެކޮޅަށް ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އިސްލާމިކް ސްޓޭޓް (އައިއެސް) ނެތިކޮށްލާނެ ޕްލޭނެއް ތައްޔާރު ކުރުމަށް ޑިފެންސް މިނިސްޓަރު ޖޭމްސް މެޓިސް އަށް މިހާރު ވެސް ދަންނަވާފައިވާ ކަމަށެވެ.

ބައްދަލުވުމުގެ ވަކި ހިސާބަކުން ޓްރަމްޕް ވަނީ ސެކިއުރިޓީ ޕްރޮޓޮކޯލާ ޚިލާފަށް ސަޕޯޓަރަކު ސްޓޭޖަށް ގެންނަވައިފަ އެވެ.