Roadha Mihaaru
އަލީ ވަހީދަށް މިހާރު އަޅާނެ ފިޔަވަޅެއް ނެތް: އެމްޑީޕީ

އަލީ ވަހީދަށް ކުރެވެނީ ތުހުމަތެއް، މި ވަގުތު ފިޔަވަޅު އަޅާނެ ހާލަތެއް ނެތް: އެމްޑީޕީ

09 އެޕްރީލް 2024

ޓޫރިޒަމް މިނިސްޓަރެއްގެ ގޮތުގައި ހުންނަވައި، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް، ކުޅުދުއްފުށި ދެކުނު ދާއިރާގެ މަޖިލިސް އިންތިހާބަށް މިހާރު ކުރިމަތިލައްވާފައިވާ އަލީ ވަހީދު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި މިހާތަނަށް ފިޔަވަޅެއް އެޅެން ނެތް ކަމަށް ދޭހަވާ މޭރުމަކުން އެމްޑީޕީން ވާހަކަ ދައްކައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޓޫރިޒަމް މިނިސްޓަރެއްގެ ގޮތުގައި ހުންނަވައި، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް، ކުޅުދުއްފުށި ދެކުނު ދާއިރާގެ މަޖިލިސް އިންތިހާބަށް މިހާރު ކުރިމަތިލައްވާފައިވާ އަލީ ވަހީދު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި މިހާތަނަށް ފިޔަވަޅެއް އެޅެން ނެތް ކަމަށް ދޭހަވާ މޭރުމަކުން އެމްޑީޕީން ވާހަކަ ދައްކައިފި އެވެ.

އިދިކޮޅު އެމްޑީޕީގެ މަޖިލިސް ކެމްޕެއިނުގެ ތަރުޖަމާނު، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އެ ޕާޓީގެ ޓިކެޓުގައި އިންތިހާބަށް ވާދަކުރައްވާ އަލީ ވަހީދާ ގުޅުވައި ދެއްކެވޭ ޖިންސީ ގޯނާ އާއި ފުރައްސާރައިގެ މައްސަލަތަކާ ގުޅިގެން ސުވާލުކޮށްފަ އެވެ.

އީސަ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އެ މައްސަލަ ފެންމަތިވުމާ އެކު، އޭރުގެ ރައީސްގެ ހައިސިއްޔަތުން އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފިޔަވަޅު އަޅުއްވާފައި ކަމަށެވެ.

"އެ މައްސަލަތައް ތަހުގީގު ކުރައްވަން ތަހުގީގީ އިދާރާތަކަށް ހަވާލުކުރެއްވި. އަދި ތުހުމަތު ކުރެވުނު ހިނދު، ކެބިނެޓުން އެއްފަރާތްކޮށް ތަހުގީގަށް ޖާގަ ދިނުމަށްޓަކައި ސަރުކާރަކުން ކުރަން ޖެހޭ ހުރިހާ ކަމެއް ބަރާބަރަށް ފުރިހަމަ ކުރެއްވި،" އީސަ ވިދާޅުވި އެވެ.

މި މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިނަށް ޕީއެންސީން ބާއްވާ ޕްރެސް ކޮންފަރެންސްތަކުގައި ތަރުޖަމާނު ހީނާ ވަލީދު ވަނީ އަލީ ވަހީދުގެ މައްސަލާގައި އެމްޑީޕީން އެކަން ދިފާއުކޮށް، ފިޔަވަޅު ނާޅާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެހެންވެ، އެކަމަށް ރައްދު ދެއްވައި އީސަ ވިދާޅުވީ އެ ޕާޓީން އެ ވާހަކަ ދެއްކުމުން "ލަދު" ގަންނަ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އީސަ ވިދާޅުވީ އެ މައްސަލާގައި ދެން ތުހުމަތު ކުރެވުނު ބޭފުޅާ މި ވަގުތު ވެސް ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި އިސް މަގާމެއްގައި ކަމަށް ވާތީ އެވެ.

އީސަ ވިދާޅުވި ގޮތުގައި އެއްވެސް ނުފޫޒެއް ނެތި އޭރު ތަހުގީގު ކުރިއަށް ގެންދިޔަ އެވެ. އަދި އެމްއެމްޕީއާރުސީގެ މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު، އެ ތަނުގެ ޑެޕިއުޓީ މިނިސްޓަރެއްގެ މައްޗަށް ކުރެވޭއިރު އޭނާ މަގާމުން އެއް ފަރާތްކޮށް، އެ މައްސަލަ ތަހުގީގު ނުކުރާކަމުގެ ތުހުމަތު އޭނާ ކުރެއްވި އެވެ.

"ހީނާ ވަލީދަށް ދަންނަވައި ފުރަތަމަ ގޭތެރެއިން ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރައްވާފައި ދެން އެހެން މީހުންގެ ވާހަކަ ދައްކާށޭ. އަޅުގަނޑުމެންގެ ގޭތެރެ ރަނގަޅު ކުރަން ޖެހުނު ވަގުތު ބަރާބަރަށް އަޅުގަނޑުމެންގެ ރަނގަޅު ކުރިން،" އޭނާ ވިދާޅުވި އެވެ.

އެއާ އެކު ހީނާ ވަނީ ކާށިދޫ ދާއިރާއަށް ވާދަކުރެއްވި އަބްދުﷲ ޖާބިރުގެ ޓިކެޓު އަތުލިއިރު އަލީ ވަހީދާ މެދު އެފަދަ ފިޔަވަޅެއް ނޭޅީ ކީއްވެތޯ ވެސް ސުވާލު އުފައްދަ އެވެ.

އެހެންވެ އީސަ ވިދާޅުވީ ޖާބިރު ރަށްރަށަށް ވަޑައިގެން ކުޑަކުދިންނާއި އަންހެނުން ވެސް ތިބޭ ތަންތަނުގައި ވަރަށް ހުތުރު ބަހުން ވާހަކަ ދައްކަވަމުން ދިޔައިރު އޭގެ ސަބަބުން ޕާޓީއަށް ވަރަށް ބޮޑަށް ގެއްލުން ލިބެމުން ދިޔަ ކަމަށެވެ.

"ރޯ އަވަގުރާނަ ގޮވަމުންދާ ވީޑިއޯތައް ސޯޝަލް މީޑިއާގައި އެ އޮތީ އެތައް ބައިވަރު. އަހުލާގީ ގޮތުން ވަރަށް ދަށް ފެންވަރުގެ އަމަލުތަކުގެ ސަބަބުން މި ޕާޓީ އަށް ވަރަށް ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށްވާ ކަމަށް ޕާޓީއަށް ފެންނާތީ ފިޔަވަޅު އެޅީ،" އީސަ ވިދާޅުވި އެވެ.

އީސަ ވިދާޅުވި ގޮތުގައި ޖާބިރުގެ މައްސަލާގައި ވީޑިއޯ އިން ފެންނަ ވަރަށް ހަގީގަތްތައް ހުއްޓެވެ. އެކަމަކު، އަދި އަލީ ވަހީދުގެ މައްސަލާގައި ހުރީ ތުހުމަތުތަކެއް ކަމަށް ވިދާޅުވި އެވެ.

އެ މައްސަލާގައި އިތުރު ހެކި ހޯދި، ތަހުގީގީ އިދާރާތަކުން އެ މައްސަލަ އަލުން ތަހުގީގުކުރަން ނިންމައި ދައުވާކުރާ ނަމަ، ދެން އެ ޕާޓީން ފިޔަވަޅު އަޅާނެ ކަމަށް ވެސް އީސަ ވިދާޅުވި އެވެ.

އެގޮތަށް އެމްޑީޕީން ބުނިއިރު އަލީ ވަހީދު، މަޖިލިސް އިންތިހާބުގައި ވާދަކުރަން ނިންމެވުމާ އެކު، އޭނާއާ އަޅުވައި ދައްކަމުންދާ ޖިންސީ ފުރައްސާރައިގެ އަޑުތައް ވަނީ ގަދަވެފަ އެވެ. އެކަން ކުރިމަތިވި މުވައްޒަފުން ދީފައިވާ ބަޔާންތައް ވެސް ސޯޝަލް މީޑިއާގައި އާންމު ކޮށްފަ އެވެ.