Roadha Mihaaru
ފިތުރު އީދަކީ ބުދަ ދުވަސް

ފިތުރު އީދަކީ ބުދަ ދުވަސް

08 އެޕްރީލް 2024

މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ބުދަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ދެންމެ ކަނޑައަޅައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ބުދަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ދެންމެ ކަނޑައަޅައިފި އެވެ.

މާދަމާއަކީ ރޯދަމަހުގެ 30 ވަނަ ދުވަސް ކަމަށާއި އީދު ދުވަހަކީ އަންނަ ބުދަ ދުވަސް ކަމަށް ކަނޑައެޅީ އިސްލާމީ އެއްވެސް ގައުމަކަށް މިއަދު ހަނދު ފެނިފައި ނުވާތީ އެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ހަނދާނާ ބެހޭ ބަޔާނުގައި ބުނީ މިއަދުގެ އިރުއޮއްސުނު ވަގުތު ރާއްޖޭގެ އެއްވެސް ރަށަކަށް އަދި އިސްލާމީ އެހެން އެއްވެސް ގައުމަކަށް ވެސް މި އަހަރުގެ ޝައްވާލުމަހުގެ ހަނދު ފެންމަތިނުވާނެ ކަމަށް އިތުބާރުހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ.

މިއަދުގެ އިރުއޮއްސުމަށް ފަހު ހަނދު ފެނުނު ކަމުގެ ރަސްމީ މައުލޫމާތެއް ވެސް ލިބިފައި ނުވާތީ، ރޯދަމަހާއި ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށް ރާއްޖޭގައި އަމަލުކުރާ އުސޫލުގެ މަތިން މާދަމާއަކީ ރޯދަމަހުގެ 30 ވަނަ ދުވަސް ކަމަށާއި އަންނަ ބުދަ ދުވަހަކީ ފިތުރު އީދު ދުވަސް ކަމަށް ކަނޑައެޅީ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"މި ބަރަކާތްތެރި ފިތުރު އީދުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަށާއި އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި އިސްލާމީ އުއްމަތަށް ތަހުނިއްޔާ އާއި ހެޔޮއެދުންތައް ފޮނުވަމެވެ. މާތް ﷲ އަޅުގަނޑުމެން ރޯދަ އާއި ހެޔޮ އަމަލުތައް ގަބޫލު ކުރައްވައި އަޅުގަނޑުމެންގެ ފާފަ ފުއްސަވާށި އެވެ،" އެ ބަޔާނުގައިވެ އެވެ.

"އަދި ރަމަޟާން މަހަށް ފަހު ވެސް ހެޔޮ އަމަލުތައް މަތީ ދެމިތިބުމުގެ ތައުފީގު އަޅަމެންނަށް ދެއްވާށި އެވެ."