Roadha Mihaaru
އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލަން ހުށަހަޅަނީ

އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލަން ގޮވާލުމާ މެދު އދ. އިން ގޮތެއް ނިންމަނީ

04 އެޕްރީލް 2024

އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ގޮވާލުމާ މެދު އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާފައިވާ ޑްރާފްޓަކާ މެދު މާދަމާ ގޮތެއް ނިންމާނެ އެވެ.

އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ގޮވާލުމާ މެދު އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާފައިވާ ޑްރާފްޓަކާ މެދު މާދަމާ ގޮތެއް ނިންމާނެ އެވެ.

ޣައްޒާއަށް އިޒްރޭލުން ހަމަލާދޭން ފެށިތާ ހައެއްކަ މަސް ވެފައި ވަނިކޮށް ނިންމާ މި ނިންމުން އިޒްރޭލާ ދެކޮޅަށް ފާސްކޮށްފި ނަމަ ވެގެން ދާނީ ޣައްޒާގައި މިހާތަނަށް އިޒްރޭލުން ހިންގި އެންމެ އަނިޔާވެރި އަމަލުތަކުގެ މައްސަލައިގައި އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރަށެވެ.

ފާސްކުރުމަށް ހުށަހަޅާފައި ހުށަހެޅުމުގައި، ހަނގުރާމައިގެ ބޭނުމަށް އާންމުން ބަނޑަށްޖެއްސުން ކުށްވެރިކޮށްފައިވެ އެވެ. އަދި ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ އަމަލުތައް ހިނގިޔަ ނުދިނުމަށް އިޒްރޭލުން އުފުލަންޖެހޭ ގާނޫނީ ޒިންމާ އުފުލުމަށް ވެސް ގޮވާލާފައިވެ އެވެ.

މިއީ އދ.ގެ މެންބަރު ގައުމުތަކުގެ ތެރޭގައި ހިމެނޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ 56 ގައުމުގެ ތެރެއިން 55 ގައުމެއްގެ ފަރާތުން ޕާކިސްތާނުން ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. އޯއައިސީގެ މެންބަރުންގެ ތެރެއިން މި ހުށަހެޅުމުގައި ބައިވެރިނުވަނީ އަލްބޭނިއާ އެވެ.

ހުށަހެޅުން ކޯ-ސްޕޮންސަކޮށްފައިވަނީ ބޮލީވިއާ، ކިއުބާ އަދި ޖެނީވާއަށް ކަނޑައަޅާފައިވާ ފަލަސްތީނުގެ މިޝަނުންނެވެ.

އެ ޑްރާފްޓުގައި، އިޒްރޭލުން ފަލަސްތީނުގެ ބިންތައް ހިފައިގެން ތިބުން ނިމުމަކަށް ގެނައުމަށާއި ޣައްޒާގެ ހިސާރު ވަގުތުން ދޫކޮށްލައި އެތަނުގެ ހުރިހާ ރައްޔިތުން ޝާމިލުވާ ގޮތަށް "ކަލެކްޓިވް ޕަނިޝްމަންޓް" ދިނުން ހުއްޓާލުމަށް ވެސް ގޮވާލާފައިވެ އެވެ.

އިޒްރޭލަށް ހަތިޔާރާއި ވަޒަނާއި އަސްކަރީ އެހެނިގެން ސާމާނު ވިއްކުމާއި ބަދަލުކުރުމާއި އެހެން ގޮތްގޮތުން ފޯރުކޮށްދިނުން ހުއްޓާލުމަށް ހުރިހާ ދައުލަތްތަކަށް މި ހުށަހެޅުމުގައި ގޮވާލާ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ބައިނަލްއަގްވާމީ އަދި އިންސާނީ ގާނޫނުތަކާ އިޒްރޭލުން ހިލާފުވުން ހުއްޓުވުމަށެވެ.

ޣައްޒާގެ އާބާދީ ބޮޑު ސަރަހައްދުތަކުގައި، ގޮވާ ހަތިޔާރު ބޭނުންކުރުމާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އަސްކަރީ ނިންމުންތަކަށް އެހީތެރިކަން ހޯދުން ވެސް މި ޑްރާފްޓްގައި ކުށްވެރިކޮށްފައިވެ އެވެ.

އިޒްރޭލުން މިފަހަރު ހަމަލާތައް ދޭން ފެށީ ހަމާސް އިން އިޒްރޭލަށް ހަމަލާދީ 1،160 މީހަކު މަރާލައި 250 މީހަކު ރަހީނުކުރުމާ އެކުގަ އެވެ. އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ހުށަހެޅި ލިޔުމުގައި ހަމާސްގެ ވާހަކައެއް ނެތެވެ.

ހަމާސްގެ ހަމަލާގެ ބަދަލު ހިފަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި އިޒްރޭލުން ވަނީ ފަލަސްތީނުގެ 33،000 މީހަކު މިހާތަނަށް ޝަހީދުކޮށްލައިފަ އެވެ.

އިޒްރޭލުން ތުހުމަތުކުރާ ގޮތުގައި، އދ.ގެ ހިއުމަން ރައިޓްސް ކައުންސިލް އޮންނަނީ އިޒްރޭލާ ދެކޮޅަށެވެ. -- އޭއެފްޕީ