Roadha Mihaaru
އެމްއެމްޕީއާރުސީގެ ޑީއެމްޑީ ސަސްޕެންޑުކޮށްފި

ޖިންސީ ފުރައްސާރައިގެ މައްސަލައިގައި އެމްއެމްޕީއާރުސީގެ ޑެޕިއުޓީ އެމްޑީ ސަސްޕެންޑުކޮށްފި

02 އެޕްރީލް 2024

މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައިގައި، އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމް އިއްޔެ ސަސްޕެންޑުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައިގައި، އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމް އިއްޔެ ސަސްޕެންޑުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި، އަންހެން މުވައްޒަފަކަށް ބައްސާމް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ، އޭނާ ވަނީ އެހެން ބައެއް މުވައްޒަފުން ކައިރީގައި ޝަކުވާކޮށްފަ އެވެ. އެއާއެކު، އެ މައްސަލަ އިތުރަށް ބަލަން އެމްއެމްޕީއާރުސީގެ ބޯޑުން ވަނީ ބައްސާމް ސަސްޕެންޑުކޮށްފަ އެވެ.

ނަމަވެސް، ސީދާ އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފާތުމަތު ތައުފީގު ޖަވާބެއް ނުދެއްވަ އެވެ. އޭނާ ވިދާޅުވީ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލަ ފެންމަތިވުމާ އެކު، އެމްއެމްޕީއާރުސީން ނެރުނު ބަޔާނުގައި ބުނީ ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ އެއްވެސް މުވައްޒަފަކު ރަސްމީކޮށް ހުށަހަޅާފައިނުވާ ކަމަށެވެ.

އެކަމަކު، މެނޭޖްމަންޓަށް ލިބިފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި މެނޭޖްމަންޓުން އަޅަންޖެހޭ ފިޔަވަޅު އަޅަން ޑިސިޕްލިނަރީ ކޮމިޓީއަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ބުންޏެވެ.

"ޑިސިޕްލިނަރީ ކޮމިޓީގެ ތަހުގީގަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ވެސް އަރުވަމެވެ." ބަޔާނުގައި ވެ އެވެ.

"ޖިންސީ ފުރައްސާރައިގެ އަމަލުތަކަކީ މި ކުންފުނީގެ މެނޭޖްމަންޓުން އެއްވެސް ހާލެއްގައި ބަލައިގަންނާނެ އަމަލުތަކެއް ނޫން ކަމަށާއި މި ފަދަ އަމަލެއް ކޮށްފިނަމަ ކޮންމެ މުވައްޒަފަކާ މެދު ކުންފުނިން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން އަރުވަމެވެ."