Roadha Mihaaru
ވޮލީގެ ބޮޑު ލީގެއްގެ މަސައްކަތް ބޭރު ކުންފުންޏަކާއެކު

"ފޭން ބޭސްޑް" ވޮލީ ލީގެއް ހަދަން އިންޑިއާގެ ކުންފުންޏަކާ އެކު މަސައްކަތް ފަށައިފި

01 އެޕްރީލް 2024

މުޅި ރާއްޖެ ޝާމިލުވާ ގޮތަށް ކުޅޭ ވޮލީގެ ވަރުގަދަ ލީގެއް އުފެއްދުމުގެ މަސައްކަތުގައި އިންޑިއާގެ ކުންފުންޏަކާ އެކު ވީއޭއެމުން މަސައްކަތް ފަށައިފި އެވެ.

މުޅި ރާއްޖެ ޝާމިލުވާ ގޮތަށް ކުޅޭ ވޮލީގެ ވަރުގަދަ ލީގެއް އުފެއްދުމުގެ މަސައްކަތުގައި އިންޑިއާގެ ކުންފުންޏަކާ އެކު ވީއޭއެމުން މަސައްކަތް ފަށައިފި އެވެ.

އެ އެސޯސިއޭޝަންގެ ރައީސް ކަމަށް ދެވަނަ ފަހަރަށް ވަޑައިގެންނެވި، މުހައްމަދު ލަތީފް ވިދާޅުވީ އިންޑިއާގެ ބޭސްލައިން ވެންޗާސްއާ އެކު އެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

ބޭސްލައިން ވެންޗުއާސް އަކީ، އިންޑިއާގެ އެންމެ ބޮޑު ވޮލީ ލީގު، ޕްރައިމް ލީގު ކޮންސެޕްޓް ތައްޔާރު ކުރި ކުންފުންޏެވެ. އަދި އިންޑިއާގެ ސްޓޭޓް ލީގުތަކުގެ ތެރެއިން ޓެމިލް ނާޑޫ ވޮލީ ލީގު ވެސް ފަރުމާ ކުރީ އެ ކުންފުންޏެވެ.

"އެނގިވަޑައިގަންނަވާނެ އިންޑިއާގެ ވޮލީ ލީގަކީ އޭޝިއާގައި ވެސް އެންމެ ވަރުގަދަ ޑޮމެސްޓިކް އެއް ލީގު،" ސެންޓްރަލް ޒޯން ވޯލީބޯލް އެސޯސިއޭޝަންގެ ރައީސްކަން ވެސް ކުރައްވާ ލަތީފް ވިދާޅުވި އެވެ.

"އެ ލީގުގެ ކޮންސެޕްޓް ތައްޔާރުކޮށް ޑިޒައިންކޮށް ކުރިއަށް ގެންދާނެ ގޮތުގެ މަސައްކަތް ކުރީ ބޭސްލައިން އިން. އެ ކުންފުންޏާ އެކު އަޅުގަނޑުމެން މިހާރު ވާނެ ވޯކިން ގުރޫޕެއް އުފައްދާފަ، ރާއްޖޭގައި ފޭން ބޭސްޑް ލީގެއް އުފެއްދުމުގެ މަސައްކަތުގައި."

ވީއޭއެމްގެ އެކްސްކޯ،  --- ފޮޓޯ: ނިޝާން އަލީ | މިހާރު

ވީއޭއެމްގެ އެކްސްކޯ، --- ފޮޓޯ: ނިޝާން އަލީ | މިހާރު

އޭނާ ވިދާޅުވީ، އެ މަސައްކަތުގައި ރާއްޖޭގެ ވޮލީ ކޮމިޔުނިޓީ އާއި ވޮލީގެ އެހެނިހެން ހިއްސާދާރުންގެ މަޝްވަރާ ވެސް އެ ކުންފުނިން ހޯދާނެ ކަމަށެވެ.

"ރާއްޖޭގެ ވޮލީގެ ސްޓޭކްހޯލްޑަރުންގެ މަޝްވަރާ ހޯދައި އެ ހިޔާލުތައް ބޭނުންކޮށްގެން ރާއްޖެ އަށް އެންމެ ކަމުދާ ގޮތަށް އެ ލީގު ކުރިއަށް ގެންދެވޭނެ ގޮތަށް އެކުލަވާލާނީ،" ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވޮލީ ލީގު ކުރިއަށް ގެންދާނީ މުޅި ރާއްޖެ ޝާމިލުވާނެހެން ކަމަށެވެ.

"ބޭނުމަކީ ފޭން ބޭސްޑް ލީގެއް އުފެއްދުން. އޭރުންތާ ސަސްޓެއިންކޮށް ލީގު ކުރިއަށް ގެންދެވޭނީ. މި މަސައްކަތް ޖުލަމަހު ނިމޭނެ. އެއަށް ފަހު ލީގު ބްރޭންޑްކޮށް އަޅުގަނޑުމެން އިއުލާން ކުރާނަން،" ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ވީއޭއެމް އާއި ޓެމިލް ނާޑް ވޯލީ އެސޯސިއޭޝަން ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން އެ އެސޯސިއޭޝަނާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. ނަމަވެސް އެއްބަސްވުމެއްގައި ސޮއި ނުކުރާ ކަމަށް ލަތީފް ވިދާޅުވި އެވެ.

"މި ދެކެވެނީ އެކްސްޗޭންޖް ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމާ ބެހޭގޮތުން. އެ ބޭފުޅުންގެ އިސްވެރިންނަށް އަޅުގަނޑުމެން އިންވައިޓް ކުރާނަން ރާއްޖެ އަންނަން،" ލަތީފް ވިދާޅުވި އެވެ.