Roadha Mihaaru
ޒަކާތުގެ ގޮތުގައި 1.6 މިލިއަން ރުފިޔާ ލިބިއްޖެ

ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 1.6 މިލިއަން ރުފިޔާ ލިބިއްޖެ

28 މާޗް 2024

މި ރޯދަމަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 1.6 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި ރޯދަމަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 1.6 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ޒަކާތުގެ ކަންކަން ބެލެހެއްޓުމަށް މި ސަރުކާރުން އުފެއްދި އާ އިދާރާ، މޯލްޑިވްސް ޒަކާތު ހައުސް އިން މިރޭ ނެރުނު ރޯދަމަހުގެ ފުރަތަމަ 10 ދުވަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފިތުރު ޒަކާތުގެ ގޮތުގައި އެ މުއްދަތުގައި ވަނީ ޖުމްލަ 1،599،113ރ. ލިބިފަ އެވެ.

ފިތުރު ޒަކާތް ބަލައިގަންނަން ފެށީ މި މަހު 11 އިން ފެށިގެންނެވެ.

އަންނަ މަހު ހައެއްގެ ނިޔަލަށް އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. އަދި ބަނޑޭރި ޕޭ މެދުވެރިކޮށް ރޯދަމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެ އެވެ. އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން މީހުންނަށް ހާއްސަކޮށް އިސްލާމީ މަރުކަޒުގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. އަދި ރަށްރަށުގެ ކައުންސިލްތަކުން ވެސް ޒަކާތް ބަލައިގަންނާނެ އެވެ.

ފަހު 10ގެ ދުވަސްތަކުގައި (އަންނަ އާދިއްތަ ދުވަހުން ފެށިގެން) އިސްލާމީ މަރުކަޒުގެ ހޯލުގައި ޒަކާތް ބަލައިގަންނާނީ ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރު ފަހު 2:00 އަށެވެ.

ގޮވާމުން ޒަކާތް ދައްކަން ބޭނުންވާ މީހުންނަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހު ނުވައެއްގެ ނިޔަލަށް ޒަކާތް ދެއްކޭނެ އިންތިޒާމު ވެސް ޒަކާތު ހައުސް އިން މިހާރު ވަނީ ހަމަޖައްސައިފަ އެވެ. މާލޭގައި ގޮވާމުން ޒަކާތް ބަލައިގަންނާނީ އަމީނިއްޔާ ސްކޫލް ހޯލުގަ އެވެ.

ޒަކާތު ހައުސް އިން ބުނީ ގޮވާމުން ޒަކާތް ބަލައިގަންނާނީ އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހު އަށެއްގެ ނިޔަލަށް ހުކުރު އަދި ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރުފަހު 1:00 އިން ހަވީރު 4:00 އަށެވެ. އަދި އަންނަ މަހުގެ ނުވަ ވަނަ ދުވަހު ގޮވާމުން ޒަކާތް ބަލައިގަންނާނީ މެންދުރުފަހު 1:00 އިން ހަވީރު 6:00 އަށް އެ އިދާރާ އިން ބުންޏެވެ.