Roadha Mihaaru
ފައިސާ ބެހި ތަނެއްގައި ފިތިބާރުވެގެން ބަޔަކު މަރުވެއްޖެ

ނައިޖީރިއާގައި ފައިސާ ބެހި ތަނެއްގައި ފިތި ބާރުވެގެން ބަޔަކު މަރުވެއްޖެ

25 މާޗް 2024

އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ނައިޖީރިއާގައި ވިޔަފާރިވެރިޔަކު ފައިސާ ބަހަން ފެށުމުން އެތަނަށް މީހުން ޖަމާވެ ފިތި ބާރުވުމުގެ ސަބަބުން އިއްޔެ ބަޔަކު މަރުވެއްޖެ އެވެ.

އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ނައިޖީރިއާގައި ވިޔަފާރިވެރިޔަކު ފައިސާ ބަހަން ފެށުމުން އެތަނަށް މީހުން ޖަމާވެ ފިތި ބާރުވުމުގެ ސަބަބުން އިއްޔެ ބަޔަކު މަރުވެއްޖެ އެވެ.

ފަހުގެ ތާރީހެއްގައި ކުރިމަތިވި އިގްތިސާދީ އެންމެ ބޮޑު ހީނަރުކަމުގެ ތެރޭގައި އޮތް ނައިޖީރިއާ ހިނގި މި ހާދިސާގައި ހަތަރު އަންހެނަކު މަރުވެ ބައެއް މީހުން ޒަހަމްވި ކަމަށް ފުލުހުން ބުނާއިރު އެހެން ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި 17 މީހަކު މަރުވި އެވެ.

ބައުޗީ ސިޓީގައި މި ހާދިސާގައި ހިނގާފައި މި ވަނީ ހަނޑޫ ބެހި ތަނެއްގައި ވެސް އިހަށްދުވަހު މިފަދަ ހާދިސާއެއްގައި ދެ ދަރިވަރަކު މަރުވެފައި ވަނިކޮށެވެ.

އިއްޔެގެ ހާދިސާ ހިނގީ މި ރޯދަ މަހު ސަދަގާތުގެ ގޮތުގައި ވިޔަފާރިވެރިޔަކު ކޮންމެ މީހަކަށް 5،000 ނައިރާ (3.4 ޑޮލަރު) އޭނާގެ އޮފީހުގައި ބަހަން ފެށުމުން އެތަނަށް އަންހެނުންނާއި ކުޑަކުދިން ޖަމާވުމުންނެވެ. މަންޒަރު ދުށް މީހުން ބުނީ ފިތިބާރުވެ މީހުން މަރުވާން މެދުވެރިވީ އެކަކަށްވުރެ ކުރިން އަނެކަކު ފައިސާ ހޯދަން މީހުން ކޮއްޕައި ކުރިއަށް ދާން އުުޅުމުގެ ތެރޭގައި ކަމަށެވެ.

މި ހާދިސާގައި ފަސް އަންހެނަކު ވަރަށް ބޮޑަށް ޒަހަމްވެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭގެ ތެރެއިން ހަތަރު މީހަކު މަރުވެފައިވާ ކަމަށް ފުލުހުން ބުންޏަސް އެ މީހުން ގެންދިޔަ ހޮސްޕިޓަލުން ވަނީ 17 މީހަކު މަރުވި ކަމަށާއި އެއީ 10 ކުޑަކުދިންނާއި ހަތް އަންހެނުން ކަމަށް ބުނެފަ އެވެ.

ފައިސާ ބަހާ ތަނަށް ހީކުރި ވަރަށް ވުރެ ގިނައިން މީހުން އެއްވީ ކަމަށާއި ވަރަށް ދުރު ހިސާބުތަކުން ވެސް މީހުން އައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ނައިޖީރިއާގެ އިގްތިސާދީ ހާލަތު ގޯސްވެ އިންފްލޭޝަން ވަނީ 31.7 ޕަސެންޓަށް އަރައި އަސާސީ ބައެއް ތަކެތީގެ އަގު އާންމުންނަށް ފޯރާ ވަރަށްވުރެ ވަނީ އަގު ބޮޑުވެފަ އެވެ. ނައިޖީރިއާގެ ގިނަ މީހުންނަކީ ދުވާލަކު ދެ ޑޮލަރަށްވުރެ ކުޑަ އާމްދަނީއެއްގައި އުޅޭ މީހުންނަށް ވާއިރު ހަރަދު ކުޑަކުރުމުގެ ގޮތުން ބައެއް އާއިލާތަކުން ބައެއް ވަގުތުތަކުގެ ނާސްތާ ވެސް މިހާރު ނުކުރާ ކަމަށްވެ އެވެ.

ތަދުމަޑުކަން ބޮޑުވެ ވައްކަމާއި ލޫޓުވުމުގެ އަމަލުތައް ވެސް އިތުރުވަމުންދާ ކަމަށް ނައިޖީރީއާގެ އިމަޖެންސީ ހިދުމަތްތަކާ ބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ. -- އޭއެފްޕީ