Roadha Mihaaru
ކާބޯތަކެތި ދަތިވެ ޒިމްބާބްވޭގައި 200 އެތް ކަތިލަނީ

ކާބޯތަކެތި ލިބުން ދަތިވުމުން ޒިމްބާބްވޭގައި 200 އެތް ކަތިލަނީ

15 ސެޕްޓެމްބަރ 2024

ޒިމްބާބްވޭއަށް މިއިން ޒަމާނަކު ވެސް ކުރިމަތިވެފައި ނުވާހާ ބޮޑަށް ހަނަފަސްކަން ބޮޑުވެ ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ ވާތީ ކާނާގެ ބޭނުމަށް 200 އެތް މަރަން ނިންމައިފި އެވެ.

ޒިމްބާބްވޭއަށް މިއިން ޒަމާނަކު ވެސް ކުރިމަތިވެފައި ނުވާހާ ބޮޑަށް ހަނަފަސްކަން ބޮޑުވެ ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ ވާތީ ކާނާގެ ބޭނުމަށް 200 އެތް މަރަން ނިންމައިފި އެވެ.

ޒިމްބާބްވޭގެ ވައިލްޑް ލައިފް އޮތޯރިޓީން ބުނީ މިއީ އެ ގައުމުގައި އާދަޔާ ހިލާފަށް އިތުރުވަމުންދާ ވަލުޖަނަވާރުގެ އާބާދީ ކޮންޓްރޯލްކުރުމުގެ ވެސް ބޭނުމުގައި އަޅާ ފިޔަވަޅެއް ކަމަށެވެ.

ޒިމްބާބްވޭގެ އެންވަޔަރަމަންޓް މިނިސްޓަރު، ގާނޫނު ހަދާ މަޖިލީހުގައި ބުދަ ދުވަހު ވިދާޅުވީ އެ ގައުމުގައި "ބޭނުންވާ ވަރަށް ވުރެ އިތުރަށް އެތް އެބައުޅޭ" ކަމަށާއި، ޒިމްބާބްވޭ ޕާކްސް އެންޑް ވައިލްޑްލައިފް އޮތޯރިޓީ (ޒިމްޕާކްސް) އަށް ސަރުކާރުން މިހާރު ވަނީ އެ މެރުމުގެ މަސައްކަތް ފަށަން އަންގާފައި ކަމަށެވެ.

ޒިމްޕާކްސްގެ ޑިރެކްޓާ ޖެނެރަލް ފުލްޓަން މަންގްވާންޔާ އޭއެފްޕީއަށް ވިދާޅުވީ މި 200 އެތް ޝިކާރަކުރުމަށް ހަމަޖެހިފައިވަނީ ޒިމްބާބުވޭގެ އެންމެ ބޮޑު ގުދުރަތީ ރިޒާވް އޮންނަ ހަވަންގޭ ހިމެނޭ ގޮތަށް، އެތާއި އިންސާނުންގެ ކުރިމަތިލުން އެންމެ ބޮޑަށް ހިނގާފައިވާ ސަރަހައްދުތަކުގައި ކަމަށެވެ.

ޒިމްބާބުވޭއަކީ ގާތްގަނޑަކަށް ލައްކައެއްހާ އެތް އުޅޭ ގައުމަކަށް ވާއިރު އެއީ ބޮޓްސްވާނާއަށް ފަހު ދެވަނައަށް އެތުގެ އާބާދީ އެންމެ ގިނަ ގައުމެވެ. ޒިމްޕާކްސް އިން ބުނި ގޮތުގައި ޖަނަވާރު ހިމާޔަތް ކުރުމުގެ ކާމިޔާބު ސަބަބުން ހަވަންގޭއަކީ މިހާރު 65،000 ޖަނަވާރު ދިރިއުޅޭ ސަރަހައްދެއް ކަމަށާއި އެކަމަކު މިހާރު އެއީ އެ ސަރަހައްދުގެ ޖާގައަށްވުރެ ހަތަރު ގުނަ އިތުރު އަދަދެއް ކަމަށެވެ.

ޒިމްބާބްވޭއިން އެންމެ ފަހުން މިގޮތަށް އެތް މަރާފައިވަނީ 1988 ވަނަ އަހަރު އެވެ.

ޒިމްބާބުވޭއާ އަވަށްޓެރި ނަމީބިއާއިން މިމަހު ވަނީ އެ ގައުމަށް ވެސް ހަނަފަސްކަމާ ކުރިމަތިވެ ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައި ވާތީ 700 އަށް ވުރެ ގިނަ ޖަނަވާރު މަރަން ނިންމައި އޭގެ ތެރެއިން 160 ޖަނަވާރު މަރައިފަ އެވެ. މީގެ ތެރޭގައި ވެސް 83 އެތް ހިމެނެ އެވެ.

ޒިމްބާބުވޭ އާއި ނަމީބިއާ އަކީ އެފްރިކާގެ ދެކުނުގެ ގައުމުތަކުގެ ތެރޭގައި ހަނަފަސްކަން ބޮޑުވުމުގެ ސަބަބުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ގައުމެވެ.

ޒިމްބާބްވޭގެ 42 ޕަސެންޓް މީހުން ދިރިއުޅެމުންދަނީ ފަގީރުކަމުގައ ކަމަށް އދ. އިން ލަފާކުރާއިރު، ކަމާބެހޭ ފަރާތްތަކުން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ގާތްގަނޑަކަށް ހަ މިލިއަން މީހުންނަށް ކާބޯތަކެތީގެ އެހީ ބޭނުންވެ އެވެ.

ކާބޯތަކެތީގެ ބޭނުމުގައި އެތްތައް ޝިކާރަކުރަން އުޅޭތީ ބައެއް މީހުން އެކަމަށް ފާޑުކިޔަ އެވެ. އެ މީހުން ބުނަނީ އެތަކީ ޒިމްބާބްވޭއަށް އާމްދަނީ ލިބޭ އެއް ވަސީލަތް ކަމަށްވާ ޓޫރިޒަމްގައި މުހިންމު އެއްޗެއް ކަމަށެވެ. އެހެންވެ ކާބޯތަކެތީގެ މައްސަލަ ހައްލުކުރުމަށް މިއަށްވުރެ ދެމެހެއްޓެނިވި ގޮތެއް ސަރުކާރުން ހޯދަންޖެހޭ ކަމަށް އެ މީހުން ބުނެ އެވެ.