Roadha Mihaaru
ފޯނު އެޕަކުން ފަގީރުންނަށް ކާނާ ފޯރުކޮށްދޭ ޒުވާނާ

ފޯނު އެޕަކުން ފަގީރުންނަށް ކާނާ ފޯރުކޮށްދޭ ޒުވާނާ

09 މެއި 2017

އޮސްކާ އެކްޕޮނީމޯ އުމުރުން 11 އަހަރުގައި އަބަދުވެސް ހުންނަނީ ހައިކަންމަތީގަ އެވެ. ނައިޖީރިޔާގެ ކަލަބާގައި ހުންނަ އޭނާގެ ގޭގެ ބަދިގޭގެ ކަބަޑުތައް ހާވައިގެން ވެސް އޭނާ އަށް ކާ އެއްޗެއް ނުފެނެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އޮސްކާ އެކްޕޮނީމޯ އުމުރުން 11 އަހަރުގައި އަބަދުވެސް ހުންނަނީ ހައިކަންމަތީގަ އެވެ. ނައިޖީރިޔާގެ ކަލަބާގައި ހުންނަ އޭނާގެ ގޭގެ ބަދިގޭގެ ކަބަޑުތައް ހާވައިގެން ވެސް އޭނާ އަށް ކާ އެއްޗެއް ނުފެނެ އެވެ.

އޮސްކާގެ ބައްޕައަށް ސްޓްރޯކެއް ޖެހި އެއްފަޅި ވާގިނެތުމުގެ ސަބަބުން މަސައްކަތެއް ނުކުރެވެ އެވެ. މަންމަ އަކީ ނަރުހެކެވެ. ނަމަވެސް ލިބޭ ކުޑަ ފައިސާކޮޅުން އޮސްކާ އާއި އޭނާގެ ކޮއްކޮމެންނަށް ކާ އެއްޗެއް ލިބެނީ ދެ ދުވަހުން އެއް ދުވަހު، ކޮންމެވެސް އެއް ގަޑިއެއްގަ އެވެ.

"މަންމަ އަބަދުވެސް ހަނދާން ކޮށްދޭނެ މި ބަނޑުހައިކަމެއް އަބަދަކަށް ނޯންނާނޭ. އެ ވާހަކަތަކުން އަހަރެންގެ އުންމީދު އަބަދުވެސް އާވޭ،" ޓައިމްސް އަށް ދީފައިވާ އިންޓަވިއުއެއްގައި އޮސްކާ ބުންޏެވެ.

މިހާރު އުމުރުން 30 އަހަރުގެ އޮސްކާ އަކީ ސޮފްޓްވެއާ އިންޖިނިއަރެކެވެ. އޭނާ ދިރިއުޅެނީ އަބޫޖާ، އެކްޕޮނީމޯގަ އެވެ. އޭނާ ކުޑައިރު ހައިކަންމަތީ އުޅެން ޖެހުނު ހާލު އެހެން ކުދިންނަށް ތަޖުރިބާކުރަން ޖެހުނު ނުދިނުމަށް އޮސްކާ އަންނަނީ މަސައްކަތްކުރަމުންނެވެ. އެ މަސައްކަތުގައި އޭނާ ވަނީ "ޗައުބެރީ" ކިޔާ އެޕެއް ހަދައިފަ އެވެ. މި އެޕުން އަބޫޖާގެ ތަރުކާރީ ފިހާރަތަކާއި ސުޕަމާކެޓްތައް އަދި އެންޖީއޯ ތަކާއި ޗެރިޓީތައް ވަނީ ގުޅާލާފަ އެވެ. ސުޕަމާކެޓްތަކާއި ތަރުކާރީ ވިއްކާ ފިހާރަތަކުން ބާކީވާ ސާމާނާއި މުއްދަތު ހަމަވާން ކައިރިވެފައިވާ ސާމާނު ހުރި ނަމަ މި އެޕުން އެންޖީއޯތަކާއި ޗެރިޓީތަކަށް އެނގޭނެ އެވެ. އެހެންވެ، މި ތަކެތި ކުޑަ އަގެއްގައި ގަތުމުގެ ފުރުސަތު އެންޖީއޯތަކަށް ލިބެ އެވެ.

އެހެންވެ ކާނާ ހަލާކު ނުވަނީސް ޔަތީމުޚާނާތަކަށާއި ބޭނުންޖެހިފައިވާ އާއިލާތަކަށް ފޯރުކޮށްދިނުމަށް މި އެޕްގެ ބޭނުން ހިފެ އެވެ.

މިދިޔަ އަހަރު އޮސްކާ އާއި އޭނާއާ އެކު މި މަސައްކަތުގައި ބައިވެރިވާ ހަތަރު މީހުންގެ ޓީމުން ވަނީ ތިން މަސް ދުވަހުގެ ޕައިލެޓް ޕްރޮޖެކްޓެއް ހިންގައިފަ އެވެ. އެގޮތުން ރީޓެއިލް ވިޔަފާރިކުރާ 20 ފަރާތެއް މެދުވެރިކޮށް 150 އަށް ވުރެ ގިނަ ކުދިންނަށް ކާނާ ފޯރުކޮށްދީފައިވެ އެވެ.

ކުދި ވިޔަފާރިތައް ކުރާ ބައެއް މީހުން އޮސްކާގެ އެޕްގެ ބޭނުން ހިފައި ފަގީރު ކުދިންނަށް އެހީތެރިވެދިން ނަމަވެސް ބޮޑެތި ކުންފުނިތައް މި ޓެކްނޮލޮޖީއަށް ފަރިތަވާން މާ ގިނަ ދުވަސް ނަގަ އެވެ. އެއީ ގަވާއިދުތައް ބޮޑުކަމުންނެވެ. މިއީ އޮސްކާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

މައްސަލަތައް ކުރިމަތިވަމުން ދިޔަ ނަމަވެސް މިނޫން ދިރިއުޅުމެއް އުޅޭކަށް އޮސްކާ އަށް ޚިޔާލަކަށް ވެސް ނާދެ އެވެ. އޭނާ ބުނި ގޮތުގައި ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން ރަނގަޅު މުސާރަ ލިބޭ ވަރަށް ގިނަ ވަޒީފާގެ ފުރުސަތުތައް އޭނާއަށް ލިބެ އެވެ. ނަމަވެސް އޭނާ ހިތްހަމަޖެހެނީ އެޕުން ފޯރުކޮށްދެވޭ ޚިދުމަތުންނެވެ.