Roadha Mihaaru
"އެއާ ކޯއަކީ އަމިއްލަ މިނިވަންކަން ދެމެހެއްޓޭނެ ހެއްކެއް"

އެއާ ފޯސް އުފެއްދުމަކީ ދިވެހިންނަށް އަމިއްލަ މިނިވަންކަން ދެމެހެއްޓޭނެ ކަމުގެ ހެއްކެއް: އަބްދުއްރަހީމް

15 މާޗް 2024

ސިފައިންގެ އެއާ ފޯސް އުފެއްދުމުން،، ދިވެހިންގެ މިނިވަންކަން ބެލެހެއްޓުމަށް އަސްކަރިއްޔާގެ ގާބިލްކަން ހުރިކަން ހާމަވާ ކަމަށް، ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސިފައިންގެ އެއާ ފޯސް އުފެއްދުމުން،، ދިވެހިންގެ މިނިވަންކަން ބެލެހެއްޓުމަށް އަސްކަރިއްޔާގެ ގާބިލްކަން ހުރިކަން ހާމަވާ ކަމަށް، ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު މިރޭ ވިދާޅުވެއްޖެ އެވެ.

ސިފައިންގެ ވައިގެ ހިދުމަތް ފެށުމަށް، ނ. މާފަރުގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، އަސްކަރިއްޔާގެ ތެރޭގައި ވައިގެ ތާރީހެއް އޮތަސް ގިނަ ދުވަހު އެ ހިދުމަތް ދިނީގެ ބޭރުގެ ބަޔަކަށް ބަރޯސާވެގެން ކަމަށެވެ.

ނަމަވެސް، ދިވެހިން އަމިއްލަ ފައި މައްޗަށް ތެދުވާންޖެހޭނެ ކަމަށް ވިދާޅުވެ، ސިފައިންގޭގައި އެއާ ކޯ އުފައްދަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެ، ޒަމާނީ ވަސީލަތްތަކާ އެކު ޔޫއޭވީ ހޯއްދަވައިދެއްވައި، ސިފައިންގެ އަސްކަރީ ގާބިލްކަން އެތައް ގުނައެއް މައްޗަށް ޖައްސާފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއީ ގައުމީ ސަލާމަތަށް ހުރި ވަރަށް ބޮޑު ޔަގީންކަމަކާއި އިތުބާރެކެވެ.

"ދިވެހިންގެ އިގުތިސާދީ ލޭ ނާރާ، ކަނޑުފަޅުތަކުން ނަފާ ހޯދައިގެން ދިރިއުޅެމުން ދާ ހިތްމަތްތެރި ދިވެހި ދަރިންގެ ސަލާމަތާ ރައްކާތެރިކަން އެމްއެންޑީއެފްގެ އެއާ ކޯގާ ހިދުމަތާއެކު ބޮޑުތަނުން ކަށަވަރުވާނެ. ރެއާ ދުވާލު ހުއްޓުމެއް ނެތި ރާއްޖެ ބެލެހެއްޓުމުގެ ގާބިލްކަން ސިފައިންނަށް ލިބުމަކީ ކާބަފައިން، އެއުރެންގެ ލެެއާ ފުރާނައިން މި ގައުމަށް ވެވަޑައިގެންނެވި މަތިވެރި ގުރުބާނީގެ ހައްގުގައި ވެސް އެޅިގެން ދިޔަ ވަރަށް ހަރުދަނާ ފިޔަވަޅެއް." ރައީސް ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

"މިއީ މިނިވަންކަމުގެ ރަމްޒު ކަމުގައިވާ ރަތާއި ފެއްސާއި ހުދުގެ އައުދާނަ މިނިވަން ދިދައަށް ވިހުރިލަން ލިބޭ ހިތްވަރާއި ބާރެއް. މިއީ ދިވެހިންނަށް، ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓޭނެކަމާއި އެ ގާބިލްކަން ދިވެހިންނާއި އަސްކަރިއްޔާގެ ކިބައިގައި އެބަހުރިކަން އެނގި، ހާމަވެގެންދާނެ ކަމެއް."

އަބްދުއްރަހީމް ވަނީ ރައްޔިތުންގެ ސަލާމަތަށް އަސްކަރިއްޔާއަށް ހޯދައިދޭ ވަސީލަތްތަކުގެ ބޭނުންތައް ހިފައިގެން، ސިޔާދަތާއި މިނިވަންކަމަށް އެއްވެސް ފަސްޖެހުމެއް ނެތި، ރެއާ ދުވަލު މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އަރުވައިފަ އެވެ.