Roadha Mihaaru
ހެންޑަސަން އިންގްލެންޑުން އެނބުރި ދާން ޖެހުނީ ހުސްއަތާ

ހެންޑަސަން އިނގްލެންޑަށް އައިސް އެނބުރި ދާން ޖެހުނީ ހުސްއަތާ

15 މާޗް 2024

ބާމިންހަމް (މާޗު 15) - ލިވަޕޫލްގެ ކުރީގެ ކެޕްޓަން ޖޯޑަން ހެންޑަސަން ކްލަބް ބަދަލު ކުރުމަށް ފަހު އެނބުރި އިންގްލެންޑަށް އައިސް ކުޅުނު މެޗުގައި އޭނާ ކުޅެމުން އަންނަ ނެދަލެންޑްސްގެ އަޔެކްސް ބޮޑު ތަފާތަކުން ބަލިވެ، ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުން ކަޓައިފި އެވެ.

ބާމިންހަމް (މާޗު 15) - ލިވަޕޫލްގެ ކުރީގެ ކެޕްޓަން ޖޯޑަން ހެންޑަސަން ކްލަބް ބަދަލު ކުރުމަށް ފަހު އެނބުރި އިންގްލެންޑަށް އައިސް ކުޅުނު މެޗުގައި އޭނާ ކުޅެމުން އަންނަ ނެދަލެންޑްސްގެ އަޔެކްސް ބޮޑު ތަފާތަކުން ބަލިވެ، ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުން ކަޓައިފި އެވެ.

އިންގްލެންޑް ދޫކޮށް ހެންޑަސަން ވަނީ ސައުދީ އަރަބިއްޔާގެ އަލް އިއްތިފާގަށް ބަދަލުވެފަ އެވެ. ނަމަވެސް އެޓީމާ އެކު އޮތް ކޮންޓްރެކްޓް ބާތިލުކޮށް ޖެނުއަރީ މަހު އޭނާ ވަނީ ދެ އަހަރާ ބައިގެ މުއްދަތަކަށް އަޔެކްސް އަށް ބަދަލު ވެފަ އެވެ.

ރޭގެ މެޗަކީ އޭނާ ލިވަޕޫލް ދޫކޮށްލުމަށް ފަހު ކްލަބް ލެވެލްގައި އިންގްލެންޑުގައި ކުޅުނު ފުރަތަމަ މެޗެވެ.

ޔޫރޮޕާ ލީގުގެ ގަދަ 16 ގައި އިނގިރޭސި ކްލަބް އެސްޓަން ވިލާއާ ދެކޮޅަށް ފުރަތަމަ ލެގު ކުޅުނީ އަޔެކްސްގެ ދަނޑުގަ އެވެ. ހެންޑަސަން ފުލް ކޮށް ކުޅުނު އެ މެޗު ނިމުނީ ދެ ޓީމަށް ވެސް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ރޭ އިންގްލެންޑުގައި ކުޅުނު ދެވަނަ ލެގު މެޗުގައި ވެސް ހެންޑަސަން ފުލް ކޮށް ކުޅުނެވެ. ނަމަވެސް އެސްޓަން ވިލާ ވަނީ 4-0 ގެ ނަތީޖާއަކާ އެކު ފުރިހަމަ މޮޅެއް ހޯދައިފަ އެވެ.

އޮލީ ވަޓްކިންސް އެސްޓަން ވިލާ އަށް ލީޑު ނަގައިދިން ގޯލު ޖެހުމަށް ފަހު.--

އޮލީ ވަޓްކިންސް އެސްޓަން ވިލާ އަށް ލީޑު ނަގައިދިން ގޯލު ޖެހުމަށް ފަހު.--

އެސްޓަން ވިލާ އަށް ފުރަތަމަ ހާފުގައި ލީޑު ނަގައިދިނީ އޮލީ ވަޓްކިންސް އެވެ. ދެވަނަ ހާފުގައި އެޓީމަށް ގޯލުތައް ޖަހައިދިނީ ލިއޯން ބެއިލީ އާއި ޖޯން ޑިއުރާން އަދި މޫސާ ޑިއާބީ އެވެ.

އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް ވަނީ މި މަހުގެ އިންޓަނޭޝަނަލް ބްރޭކުގައި ބްރެޒިލް އާއި ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗުތަކަށް ހެންޑަސަން ސްކޮޑުގައި ހިމަނައިފަ އެވެ.

އިނގިރޭސި ގައުމީ ޓީމަށް މިހާތަނަށް 81 މެޗު ކުޅެދީފައިވާ މިޑްފީލްޑަރު ހެންޑަސަންއާ މެދު ރޭގެ މެޗުގައި އިނގިރޭސި ސަޕޯޓަރުން ވަނީ ނުރުހުން ފާޅު ކޮށްފަ އެވެ. އޭނާ އަޔެކްސް އަށް ބަދަލުވެ މިހާތަނަށް ކުޅުނު އަށް މެޗުގެ ތެރެއިން ޓީމު މޮޅު ވެފައި ވަނީ އެންމެ މެޗަކުންނެވެ. އަދި ދެ މެޗުން ވަނީ ބަލި ވެފަ އެވެ.

އެސްޓަން ވިލާއަށް ލީޑު ހޯދައިދޭން ގޯލު ޖެހި އޮލީ ވަޓްކިންސް އާއި އެޓީމުގެ ޑިފެންޑަރު އާޒީ ކޮންސާ ވެސް އިނގިރޭސި ސްކޮޑުގައި ހިމަނާފައިވެ އެވެ. ގޯލު ޖެހިތާ ފަސްވަރަކަށް މިނިޓު ފަހުން ވަޓްކިންސް އަށް އަނިޔާވެގެން ވިލާގެ ކޯޗު އުނެއި އެމެރީ ވަނީ އޭނާ ބަދަލު ކޮށްފަ އެވެ. ކޮންސާ ރޭގެ މެޗުގައި ނުކުޅުނީ ފުރަތަމަ ލެގުގައި ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ.

ރޭގެ މެޗުގެ ދެވަނަ ހާފުގައި އަޔެކްސްގެ ކުޅުންތެރިއަކަށް ވެސް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އޭރު އެސްޓަން ވިލާ އޮތީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ.

އަޔެކްސް އަތުން ހޯދި ބޮޑު މޮޅާ އެކު އެސްޓަން ވިލާ މިވަނީ 26 އަހަރަށް ފަހު ޔޫރަޕްގެ މުބާރާތެއްގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.