Roadha Mihaaru
އަޔެކްސްގެ ތިންވަނަ ޖޯޒީ ޔޫއެފާއިން މަނާކޮށްފި

އަޔެކްސްގެ ތިންވަނަ ޖޯޒީ ޔޫއެފާ އިން މަނާކޮށްފި

14 ސެޕްޓެމްބަރ 2021

އެމްސްޓަޑަމް (ސެޕްޓެމްބަރު 14) - ނެދަލޭންޑްސްގެ އަޔެކްސްގެ ތިން ވަނަ ޖޯޒީ ބޭނުން ކުރަން ހުއްޓާލާން ޔޫއެފާއިން އަންގައިފި އެވެ.

އެމްސްޓަޑަމް (ސެޕްޓެމްބަރު 14) - ނެދަލޭންޑްސްގެ އަޔެކްސްގެ ތިން ވަނަ ޖޯޒީ ބޭނުން ކުރަން ހުއްޓާލާން ޔޫއެފާއިން އަންގައިފި އެވެ.

ޖޯޒީ ބޭނުން ކުރަން ހުއްޓާލަން އެންގީ އެ ޖޯޒީގައި ތިން ދޫނި ހިމަނާފައިވުމުންނެވެ. އެ ތިން ދޫނި އަޔެކްސްއިން ޖޯޒީގައި ހިމެނީ މިޔުޒިކު ލެޖެންޑް ބޮބް މާލީ އަށް އިހުތިރާމް އަދާ ކުރުމުގެ ގޮތުންނެވެ. ބޮބް މާލީގެ "ތުރީ ލިޓްލް ބާޑްސް" އަކީ އޭނާ ކިޔާފައިވާ އެންމެ މަޝްހޫރު އެއް ލަވަ އެވެ.

ޑަޗު ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޗުގައި އަޔެކްސް އިން ވަނީ އެ ކިޓް ބޭނުން ކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން ޔޫއެފާގެ ސަމާލުކަން އެކަން އައުމުން އަޔެކްސް އަށް އަންގާފައި ވަނީ އެ ކިޓް ބޭނުން ނުކުރުމަށެވެ.

އަޔެކްސްގެ ތިން ވނަ ކީޓް

އަޔެކްސް ޚަބަރުތައް ގެނެސްދޭ، އަޔެކްސް ލައިފް ވެބްސައިޓުގައި ބުނެފައި ވަނީ އެ ޖޯޒީ ބޭނުން ނުކުރަން ޔޫއެފާއިން އެންގީ ތިން ދޫންޏަކީ ކްލަބުގެ ލޯގޯއެއް ކަމަށް ރަމްޒުވާތީ ކަމަށެވެ. ކްލަބުގެ އޮފިޝަލް ލޯގޯ ފިޔަވައި އެހެން ލޯގޯއެއް ކްލަބަށް ނިސްބަތް ކުރުމަކީ މަނާ ކަމެކެވެ. ކްލަބުގެ ޖޯޒީގައި ދެން ހިމެނޭނެ ލޯގޯ ތަކަކީ ސްޕޮންސާޗިޕް ލޯގޯތަކާއި ވާދަކުރާ މުބާރާތުގެ ލޯގޯ އެވެ.

ސެރީއާ އަށް މި ސީޒަންގައި ޕްރޮމޯޓްވި ވެނޭޒިއާ އަކީ ކޮންމެ އަހަރަކު ވެސް ރީތި ޖޯޒީ ތައްޔާރު ކުރާ ކްލަބެކެވެ. މިފަހަރު އެ ކްލަބަށް ވެސް ޖޯޒީ ތައްޔާރު ކުރުމުގައި މައްސަލަ ޖެހުނެވެ. މިފަހަރު އެ ޓީމުން ފަރުމާކުރި ޖޯޒީގައި "ވެނޭޒިއާ" މޭމަތީގައި ޖެހުމުގެ އިތުރަށް ކްލަބު ލޯގޯ ވެސް ޖެހި އެވެ. މޭމަތީގައި ޖަހާފައިވާ "ވެނޭޒިއާ" އަކީ ކްލަބުގެ ދެ ވަނަ ލޯގޯ ކަމށް ބަލައި ޖޯޒީ ބަދަލު ކުރަން އެންގި އެވެ. އެ ޓީމުން އަލުން ކިޓް ނެރުނު އިރު ލޯގޯ ވަނީ ނަގައިފަ އެވެ.