Roadha Mihaaru
ރިއަލް އެސްޓޭޓް ޕްރޮޖެކްޓުތައް މޮނިޓާކުރަން ގާނޫނެއް

ރިއަލް އެސްޓޭޓް ވިޔަފާރީގައި މިހާރު ދިމާވާ މައްސަލަތަކަށް ހައްލު ލިބޭ ވަކި ގާނޫނެއް ހަދައި މަޖިލީހަށް ވައްދައިފި

14 މާޗް 2024

ދިރިއުޅުމަށާއި ވިޔަފާރީގެ ބޭނުމަށް ރިއަލް އެސްޓޭޓް ވިޔަފާރީގައި މިހާރު ދިމާވަމުންދާ މައްސަލަތަކަށް ހައްލު ލިބޭ ގޮތަށް ވަކި ގާނޫނެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ވައްދައިފި އެވެ.

ދިރިއުޅުމަށާއި ވިޔަފާރީގެ ބޭނުމަށް ރިއަލް އެސްޓޭޓް ވިޔަފާރީގައި މިހާރު ދިމާވަމުންދާ މައްސަލަތަކަށް ހައްލު ލިބޭ ގޮތަށް ވަކި ގާނޫނެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ވައްދައިފި އެވެ.

ސަރުކާރުގެ ފަރާތުން ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ހުށަހަޅުއްވާފައިވާ "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު" ގެ ފުރަތަމަ ކިޔުން މިދިޔަ ބުދަ ދުވަހުގެ ޖަލްސާގައި އިއްވާފައިވާ އިރު، އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގައި ރިއަލް އެސްޓޭޓް ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް، ކުރިއަރުވައި ، ޖަވާބުދާރީކުރަނިވި ނިޒާމެއްގެ ދަށުން ހިންގޭނެ މަގުފަހިކުރުން ކަމަށެވެ.

އެ ބިލުގައިވާ ގޮތުން، މިނިސްޓްރީން ހަދާ ގަވާއިދެއްގެ ދަށުން ރިއަލް އެސްޓޭޓް ޕްރޮޖެކްޓުތަކާއި ޑިވަލޮޕަރުންނާއި ޕްރޮމޯޓަރުން ރަޖިސްޓްރީ ކުރަންޖެހެ އެވެ. އަދި އެގޮތަށް ރަޖިސްޓްރީ ކުރެވޭ ޕްރޮޖެކްޓުތައް އެޕްރޫވްކުރުމާއި، ހުށަހަޅާފައިވާ ޓައިމްލައިންތަކާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދޭތޯ ބަލައި، މޮނިޓާކުރުމުގެ ޒިންމާ އެ ބިލުން ވަނީ މިނިސްޓްރީގެ މައްޗަށް ލާޒިމުކޮށްފަ އެވެ.

ރާއްޖޭގައި ހިންގާފައިވާ ބައެއް ރިއަލް އެސްޓޭޓް ޕްރޮޖެކްޓުތައް ހުއްޓި، ޔުނިޓުތައް ގަތް ގިނަ ބަޔަކަށް އަނބުރާ ފައިސާ ނުލިބި ބޮޑެތި ގެއްލުންތައް ލިބުނު ގިނަ މައްސަލަތަކެއް މި ފަހުން ފެންމަތިވެފައިވާ އިރު، މި ގޮތަށް ދިމާވި މައްސަލަތަކަށް މި ބިލުން ވަނީ ހައްލުތަކާއި ހިމާޔަތް ހޯދައިދީފަ އެވެ. މިގޮތުން:

- ޕްރޮޖެކްޓުގެ ޓައިމްލައިނާއި، ޕްލޭންތަކާއި އެ ނޫން ވެސް މައުލޫމާތު އެކަށީގެންވާ ވަގުތުތަކުގައި ގަންނަ ފަރާތްތަކަށް ފޯރުކޮށްދިނުން.

- ޕްރޮޖެކްޓުގެ ފެންވަރު ބެލުމަށާއި މަސައްކަތް ކުރިއަށްދާ ކަން ބެލުމަށް ސައިޓް އިންސްޕެކްޓު ކުރުމުގެ ހައްގު.

- ޕްރޮޖެކްޓަކާ ގުޅިގެން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު.

- މިނިސްޓްރީގައި ޕްރޮޖެކްޓެއް ރަޖިސްޓްރީ ކުރުމުގެ ކުރިން އެ ޕްރޮޖެކްޓެއް އިޝްތިހާރުކުރުން މަނާވުން.

- ރިއަލް އެސްޓޭޓް ވިޔަފާރިގެ އެއްބަސްވުމެއްގައި ސޮއި ކޮށް، ޔުނިޓު ހަވާލުކުރެވޭނެ ތާރީހު ބަޔާންކުރުން.

- ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އަދަދަށް ވުރެ އިތުރަށް ބުކިން ފީ ނެގުން މަނާވުން.

- ޕްރޮޖެކްޓު އިޝްތިހާރު ކުރާ ގޮތާ ވަރަށް ބޮޑު ތަފާތެއް ހުންނަ ގޮތަށް ޔުނިޓު ތަރައްގީކޮށްފައިވާނަމަ، އޮޅުވާލުމެއް ކަމަށް ބުނެ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު.

- ޔުނިޓުތަކުގެ ވެރިފަރާތްތަކުން ދައްކާ ފައިސާ ވަކި އެކްސްކްރޯ އެކައުންޓެއްގައި ބެހެއްޓުން. އަދި އެ ފައިސާ ބޭނުންކުރެވޭނީ ޕްރޮޖެކްޓު ކުރިއަށް ގޮސްފައިވާ ސްޓޭޖަށް ބަލައި ބޭނުންވާ މިންވަރަށް ކަމަށް ކަނޑައެޅުން.

- ޔުނިޓުތަކުގެ ވެރިފަރާތްތަކުން ޑިވެލޮޕަރުންނަށް ދައްކާ ފައިސާ އިން ކުރާ މުއާމަލާތްތަކުގެ ހާމަކަން ކަށަވަރުކުރަން މިނިސްޓްރީން ނިޒާމެއް ގާއިމުކުރުން.

- ޕްރޮޖެކްޓު ނުނިމި ލަސްވެއްޖެނަމަ، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މިންގަނޑާ އެއްގޮތަށް ޔުނިޓުތަކުގެ ވެރިފަރާތްތަކަށް ގެއްލުމުގެ ބަދަލު ދިނުން.

- ޕްރޮޖެކްޓަކާ ގުޅޭގޮތުން ފަސޭހައިން ޝަކުވާ ހުށަހެޅޭނެ ނިޒާމެއް މިނިސްޓްރީން ގާއިމުކުރުން.

މި ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު އެޅޭނެ ހަރުކަށި ފިޔަވަޅުތައް ވެސް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

މީގެ ތެރޭގައި، މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ ވަކި މުއްދަތަކަށް ހިފެހެއްޓުމާއި، ހުއްދަ ބާތިލުކުރުމުގެ އިތުރުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުގެ ބާރު ވެސް މި ބިލުން ވަނީ މިނިސްޓްރީއަށް ލިއްބައިދީފަ އެވެ.

ޑިވެލޮޕަރަކު ނޫނީ ޕްރޮމޯޓަރަކު މި ގާނޫނާއި ނޫނީ ގަވާއިދާ ހިލާފަށް ކުރާ އަމަލެއްގެ ކުޑަ ބޮޑުމިނަށް ބަލައި، ޕްރޮޖެކްޓުގެ ޖުމްލަ އަގުގެ 30 ޕަސަންޓުން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބެ އެވެ. އަދި އަމަލެއްގެ ކުޑަ ބޮޑުމިނަށް ބަލައި، 100،000ރ. އާއި 1،000،000ރ. އާ ދެމެދުގެ ނޫނީ ޕްރޮޖެކްޓުގެ ޖުމްލަ އަގުގެ 10 ޕަސަންޓުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

މީގެއިތުރުން، ގާނޫނާއި ނޫނީ ގަވާއިދާ ހިލާފަށް ކޮށްފައިވާ އަމަލެއްގައި ޖިނާއީ ކުށެއް އެކުލެވޭނަމަ، ކަމާގުޅޭ ތަހުގީގީ އިދާރާއަށް ހުށަހެޅުމުގެ ބާރު ވެސް މިނިސްޓްރީއަށް ވަނީ ދީފަ އެވެ.