Roadha Mihaaru
ގަޑުބަޑު އުފެއްދުމަށްފަހު އިންތިހާބު އިއުލާންކޮށްފި

ގަޑުބަޑު އުފެއްދުމަށްފަހު އެފްއޭމުން އިންތިހާބުގެ ތާރީހް އިއުލާން ކޮށްފި، އޭޕްރީލް 20

08 މާޗް 2024

ކްލަބް ވެލެންސިއާ ސަސްޕެންޑް ކުރުމަށް ފަހު އެފްއޭއެމުން އޭޕްރީލް 20 ވަނަ ދުވަހު އެ އެސޯސިއޭޝަންގެ އިންތިހާބު ބާއްވަން އިއުލާން ކޮށްފި އެވެ.

ކްލަބް ވެލެންސިއާ ސަސްޕެންޑް ކުރުމަށް ފަހު އެފްއޭއެމުން އޭޕްރީލް 20 ވަނަ ދުވަހު އެ އެސޯސިއޭޝަންގެ އިންތިހާބު ބާއްވަން އިއުލާން ކޮށްފި އެވެ.

"އެފްއޭއެމްގެ އިންތިހާބު 20 އޭޕްރީލް 2024 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާކަން އިއުލާނުކުރަމެވެ،" އިއްޔެ ބޭއްވި އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ބައްދަލުވުމާ ގުޅިގެން ނެރުނު ބަޔާނުގައި ވެއެވެ.

ހަމަ އެއާއެކު "މަގާމްތަކަށް ކުރިމަތިލާ ފަރާތްތަކުން 16 މާޗު 2024 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން،" އެސޯސިއޭޝަނަށް ހުށަހެޅުމަށް ވަނީ މުހުލަތު ދީފަ އެވެ.

ވެލެންސިއާގެ ކޮންޓްރޯލް އަލުން ހޯދަން، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އެކި ގޮތްގޮތުން ކުރި މަސައްކަތް ނާކާމިޔާބުވުމުން، އެންމެ ފަހުން އެ ކްލަބް ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.

އެފްއޭއެމުން ފުރަތަމަ އިންތިހާބު ބާއްވަން ނިންމީ ޖެނުއަރީ 31 ގަ އެވެ. އެ އިންތިހާބު ކެންސަލް ކުރަން ޖެހުނު މައިގަނޑު ސަބަބަކަށް ވީ ވެލެންސިއާ އެވެ.

އިންތިހާބުގައި ވާދަކުރަން ނަން ހުށަހެޅި އެފްއޭއެމްގެ ކުރީގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) އާއި ކްލަބް އީގަލްސްގެ ވައިސް ޗެއާމަން މުފާވިޒް ހާޝިމް (މުފާ) އަށް އެ ކްލަބްގެ ތާއީދު ސިޓީ ދިން މައްސަލަ ބަލައި، ދެ ސިޓީ ވެސް ކެންސަލް ކުރަން ނިންމީ އެވެ. އަދި ތޯރިގުގެ ކެންޑިޑެސީ ބާތިލް ކުރަން ޖެހުނީ އަސާސީ ގަވާއިދާ އެއްގޮތަށް ފުރަތަމަ ޑިވިޝަނުން މަދުވެގެން ތިން ކްލަބުގެ ތާއީދު ސިޓީ ހަމަނުވާތީ އެވެ.

ކެންޑިޑެސީ ބަތިލް ކުރި މައްސަލަ ތޯރިގު އެޕީލް ކުރި އެވެ. ނަމަވެސް އެފްއޭއެމްގައި އިލެކްޓޯރަލް އެޕީލް ކޮމިޓީއެއް ނެތުމުން އެ މައްސަލައަށް އޮތީ ގޮތެއް ނުނިންމި އޮއްވައި ފީފާ އަދި އޭއެފްސީން އިންތިހާބު ހުއްޓުވީ އެވެ.