Roadha Mihaaru
ޗައިނާއާ އެކު އެއްބަސްވީ އަސްކަރީ އާލަތްތައް ހޯދަން

ޗައިނާއާ އެކު އެއްބަސްވީ އަސްކަރީ އާލަތްތައް ހޯދަން، އެއީ މިނިވަންކަން ވަރުގަދަކުރަން: ރައީސް

05 މާޗް 2024

ޗައިނާއާ އެކު ޑިފެންސް މިނިސްޓްރީން އިއްޔެ ސޮއިކުރީ ރާއްޖޭގެ ދިފާއީ ބާރަށް ބޭނުންވާ ނަން-ލީތަލް އާލަތްތަކާއި ސިފައިންނަށް ތަމްރީނުތައް ހޯދުމަށް ވި އެއްބަސްވުމެއް ކަމަށާއި އޭގެ މަގުސަދަކީ ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަން ވަރުގަދަ ކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ދ. މީދޫ އިން ނާޒިމް ހަސަން

ޗައިނާއާ އެކު ޑިފެންސް މިނިސްޓްރީން އިއްޔެ ސޮއިކުރީ ރާއްޖޭގެ ދިފާއީ ބާރަށް ބޭނުންވާ ނަން-ލީތަލް އާލަތްތަކާއި ސިފައިންނަށް ތަމްރީނުތައް ހޯދުމަށް ވި އެއްބަސްވުމެއް ކަމަށާއި އޭގެ މަގުސަދަކީ ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަން ވަރުގަދަ ކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އަސްކަރީ އެހީގެ އެއްބަސްވުމެއްގައި އިއްޔެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ޗައިނާގެ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަނުގެ ޑެޕިއުޓީ ޑިރެކްޓަރު މޭޖާ ޖެނަރަލް، ޒަން ބެއެކުންއާ ސޮއި ކުރެއްވިއިރު، އޭގެ އެއްވެސް ތަފްސީލެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ.

ނަމަވެސް ދ. މީދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވަނީ އެ އެއްބަސްވުމާ ގުޅޭ ބައެއް މައުލޫމާތު ހިއްސާ ކުރައްވައިފަ އެވެ.

ރައީސް ވިދާޅުވީ ޗައިނާ އާއި ރާއްޖެއާ ދެމެދު އަބަދުވެސް އަސްކަރީ ގުޅުން އޮންނަ ކަމަށާއި އަލަށްވީ އެއްބަސްވުމަކީ ހިލޭ އެހީގެ ދަށުން ސިފައިންގެ ކެޕޭސިޓީ އިތުރު ކުރުމަށްވީ އެއްބަސްވުމެއް ކަމަށެވެ.

"ސިފަައިންނަށް ބޭނުންވާ އެކި ކަހަލަ ތަމްރީނުތައް ހޯދުމަށާއި އަދި ނަން-ލީތަލް، ލީތަލް ނޫން އެކި ކަހަލަ އާލަތްތައް ހިލޭ ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް. މީގެ ސަބަބުން ދިފާއީ ބާރަށް ޓެކްނިކަލް ކެޕޭސިޓީ އިތުރުވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

"އޭރަށް އަޅުގަނޑުމެންނަށް ދިފާއީ ބާރު އިތުރަށް ވަރަުގަދަ ކުރެވިގެންދާނެ. މިކަންކަން މި ކުރެވެނީ އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި އަޅުގަނޑުމެންގެ އަމިއްލަވަންތަކަމާއި މިނިވަންކަން އިތުރަށް ވަރުގަދަ ކުރުމަށް."

ޗައިނާއާ އެކު އަސްކަރީ އެއްބަސްވުމެއްގައި ސޮއިކުރި އިރު، އެންމެ ފަހުން ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިންޑިއާއާ އެކު އަސްކަރީ ގިނަ އެއްބަސްވުންތަކެއް ހަދާފައިވެ އެވެ. އެ އެއްބަސްވުންތަކަށް އޭރުގެ އިދިކޮޅު އަދި މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކުރެއްވި އެވެ.

މި ސަރުކާރުން ވަނީ އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓްކުރާ އަސްކަރީ އެއާކްރާފްޓްތައް ބޭނުންކުރުން ވެސް މި ވަގުތަށް ހުއްޓާލައިފަ އެވެ. ރައީސް ޑރ. މުއިއްޒު ވައުދުވެ ވަޑައިގަތް ގޮތަށް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލާއިރު އެއާކްރާފްޓްތައް އޮޕަރޭޓްކުރަން ދެން ތިބޭނީ އިންޑިއާގެ އަސްކަރީ މީހުންގެ ބަދަލުގައި ސިވިލިއަނުން ކަމަށް ވަނީ ބުނެފަ އެވެ.

ޗައިނާއާ އެކު ރާއްޖެ އިން އަސްކަރީ ގުޅުން ބަދަހި ކުރުމަކީ އިންޑިއާ އިން ކަންބޮޑުވާ މައްސަލައެކެވެ.