Roadha Mihaaru
ކާބޯތަކެތީގެ ހިދުމަތްދޭ ހާހެއްހާ ތަން ބަލައިފި

ކާބޯތަކެތީގެ ހިދުމަތްދޭ ހާހެއްހާ ތަން ބަލައިފި؛ ސާފުތާހިރުކަން ކުޑަ ތަންތަނަށް ފިޔަވަޅު އަޅަނީ

04 މާޗް 2024

މާލޭ ސަރަހައްދުގައި ހިންގާ ކެފޭ/ ރެސްޓޯރަންޓުތައް އެޗްޕީއޭގެ މިންގަނޑުތަކަށް ފެތޭތޯ ބަލަން ހިންގި އިންސްޕެކްޝަނުގައި 993 ތަނެއް ބަލާފައިވާ ކަމަށާއި އޭގެ ތެރޭގައި ހުރި މިންގަނޑަަށް ނުފެތޭ ތަންތަން އިސްލާހު ކުރަން އަންގާނެ ކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލޭ ސަރަހައްދުގައި ހިންގާ ކެފޭ/ ރެސްޓޯރަންޓުތައް އެޗްޕީއޭގެ މިންގަނޑުތަކަށް ފެތޭތޯ ބަލަން ހިންގި އިންސްޕެކްޝަނުގައި 993 ތަނެއް ބަލާފައިވާ ކަމަށާއި އޭގެ ތެރޭގައި ހުރި މިންގަނޑަަށް ނުފެތޭ ތަންތަން އިސްލާހު ކުރަން އަންގާނެ ކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އާއި ސިޓީ ކައުންސިލާއި އެޗްޑީސީ އަދި ހުޅުމާލޭ ހޮސްޕިޓަލު ގުޅިގެން މިދިޔަ މަހުގެ 18 އިން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަނުގައި މާލެ، ހުޅުމާލެ، ވިލިމާލެ، ހުޅުލެ، ތިލަފުށި، ގުޅީފަޅު އަދި ކްރޮސްރޯޑާއި ހުޅުލެ އެއާޕޯޓުގައި ހުރި ކާބޯތަކެތި ހަދާ ތަންތަން ބަލާފައިވެ އެވެ.

މިކަމާ ގުޅިގެން އެޗްޕީއޭ އިން ބުނީ އެ އިންސްޕެކްޝަނަކީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ސާފުތާހިރުކަމުގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުމަށް ބާރުއަޅާ އެ މިންގަނޑުގެ ތެރެއިން ހިދުމަތް ދިނުމަށް އަހުލުވެރިކުރުމަށް ހިންގި އިންސްޕެކްޝަނެއް ކަމަށެވެ.

އިންސްޕެކްޝަނުގައި ބެލި ތަންތަނުގެ ތަފްސީލު:

- ހުޅުމާލެ - 308

- ތިލަފުށި - 9

- ވިލިމާލެ - 19

- މާލެ -597

- ގުޅިފަޅު - 2

- ކްރޮސްރޯޑް - 15

- ހުޅުލެ އެއާޕޯޓް - 43

އެޗްޕީއޭ އިން ބުނީ އިންސްޕެކްޝަނުގައި ފާހަގަކުރެވުނު ކަންކަން ބަލައި އިސްލާހުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ. އަދި ކާބޯތަކެތީގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ނެތް ތަންތަނަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ.

އެ އިންސްޕެކްޝަނުގައި ބައިވެރިވި ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ވެސް ވަނީ އެ އިންސްޕެކްޝަނުގައި ބެލި، ކާބޯތަކެތި ހަދާ ތަންތަނުގެ ތެރޭގައި ސާފުތާހިރުކަން ކުޑަ ތަންތަން ގިނަ އަދަދަކަށް ފާހަގަކުރެވުނު ކަމަށެވެ. އަދި ނުގަވައިދުން ބިދޭސީން ހިންގާ ތަންތަން ވެސް ހުރި ކަމަށާއި އެތަންތަނާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ.

ސިޓީ ކައުންސިލުން ވެސް އެ އިންސްޕެކްޝަނުގެ ބައެއް ވީޑިއޯތައް އާންމުކޮށްފައިވާއިރު ބައެއް ތަންތަން ފެންނަނީ ވަރަށް މުޑުދާރުކޮށެވެ. ރައްކާތެރިކަން ކުޑަ ގޮތަކަށް ކާބޯތަކެތި ބަހައްޓައިގެން އޭގެ ވިޔަފާރިކުރާ މަންޒަރު އެ ވީޑިއޯތަކުން ފެނުނެވެ.