Roadha Mihaaru
ބޯޓު ހޯދަން ކައިޒީން ކުރި ދައުވާ ކާމިޔާބެއް ނުވި

ބައްޕަ އަތުން ބޯޓު ހޯދަން ކައިޒީން ކުރި ދައުވާ ކާމިޔާބެއް ނުވި

27 ފެބުރުއަރީ 2024

ރާއްޖޭގެ މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ބޯޓެއްގެ މައްސަލާގައި ކުރި ދައުވާ ނާކާމިޔާބު ވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރާއްޖޭގެ މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ބޯޓެއްގެ މައްސަލާގައި ކުރި ދައުވާ ނާކާމިޔާބު ވެއްޖެ އެވެ.

ބޯޓެއްގެ މައްސަލާގައި ކައިޒީން އޭނާގެ ބައްޕަ، އިބްރާހިމް އަލިފުޅާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ ކައިޒީން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީގެން ގަތް ބޯޓެއް އޭނާގެ ރުހުން ނެތި ބައްޕަގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ބުނެ އެވެ. އެހެންވެ، ކައިޒީން ދައުވާކުރީ އެ ބޯޓު އޭނާގެ ނަމަށް ބަދަލު ކުރުމަށެވެ.

އެ މައްސަލާގައި ބައްޕަގެ ފަރާތުން ޖަވާބު ހުށަހަޅާފައި ނުވާ ކަމަށް ބުނެ، މަދަނީ އިޖުރައާތުގެ ގާނޫނުގެ ދަށުން ބައްޕަގެ ޣައިރު ހާޒިރުގައި އެ މައްސަލަ ނިންމަން ކައިޒީންގެ ފަރާތުން ސިވިލް ކޯޓުގައި އެދުނެވެ. ނަމަވެސް އެ ކޯޓުން މިދިޔަ އަހަރު ނިންމާފައި އޮތީ އެގޮތަށް ހުކުމް ކުރެވެން ނެތް ކަމަށެވެ.

އެ ނިންމުން ކައިޒީންގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން ވަނީ ސިވިލް ކޯޓުގެ ނިންމުން ބާތިލް ކޮށްފަ އެވެ. އެ މައްސަލާގައި ޣައިރު ހާޒިރުގައި ހުކުމް ކުރަން ކައިޒީންގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު އަލުން ގޮތެއް ނިންމުމަށް ސިވިލް ކޯޓަށް ތަހުވީލުކުރާ ކަމަށް ހުކުމުގައި ވެ އެވެ.

ސިވިލް ކޯޓަށް ތަހުވީލުކުރި މައްސަލާގައި މިދިޔަ އާދިއްތަ ދުވަހު އެ ކޯޓުން ކުރި ހުކުމްގައި ބުނީ، ކައިޒިންގެ ބައްޕަ އިބްރާހިމްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ބޯޓަކީ ކައިޒީން ފައިސާ ދީގެން ގަނެފައިވާ ބޯޓެއް ކަމަށް މަދަނީ މިންގަނޑުން ސާބިތުނުވާ ކަމަށެވެ. އެއީ އެ ބޯޓު ގަތުމަށް ކައިޒީން ފައިސާ ދިން ގޮތާއި އަދަދާ މެދު ހެކިވެރިޔާގެ ހެކި ބަހުގައި ވެސް ފުށުއެރުންތަކެއް ހުރުމުން ހެކިވެރިޔާއާ މެދު ސުވާލު އުފެދޭތީ ކަމަށް ހުކުމްގައި ބުންޏެވެ.

އެހެންވެ، ސިވިލް ކޯޓުން މައްސަލަ ނިންމީ ކައިޒީން އެދުނު ގޮތަށް އެ ބޯޓުގެ މިލްވެރިފަރާތަކީ އޭނާ ކަމަށް ކަނޑައަޅައިދެވެން ނެތް ކަމަށެވެ.