Roadha Mihaaru
އާން އާއި ރިހާން އަދި ރިލޭ ޓީމުން ރެކޯޑް މުގުރާލައިފި

އާން އާއި ރިހާން އަދި ފިރިހެން ރިލޭ ޓީމުން ވެސް ރެކޯޑް މުގުރާލައިފި

27 ފެބުރުއަރީ 2024

ފިލިޕީންސްގައި މިހާރު ކުރިއަށްދާ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރަމުން އަންނަ ރާއްޖޭގެ މުހައްމަދު ރިހާން ޝިހާމާއި މުހައްމަދު އާން ހުސައިން ގައުމީ ރެކޯޑް މުގުރާލައިފި އެވެ.

ފިލިޕީންސްގައި މިހާރު ކުރިއަށްދާ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރަމުން އަންނަ ރާއްޖޭގެ މުހައްމަދު ރިހާން ޝިހާމާއި މުހައްމަދު އާން ހުސައިން ގައުމީ ރެކޯޑް މުގުރާލައިފި އެވެ.

އެ ދެ އެތުލީޓުންގެ އިތުރުން ފިރިހެން ރިލޭ ޓީމުން ވެސް ވަނީ ރެކޯޑް މުގުރާލައިފަ އެވެ.

އުންމީދީ ފެތުންތެރިޔާ ރިހާން އިއްޔެ މުގުރާލީ 100 މީޓަރު ބަޓަފްލައި ލޯންގްކޯސް އިވެންޓްގެ ރެކޯޑެވެ. ކުރިން ވެސް މި ރެކޯޑް އޮންނާނީ އޭނާ އަތުގަ އެވެ. އޭރު އޭނާ މި ރެކޯޑް ހެދީ މިދިޔަ އަހަރު މަޑަގަސްކަރާގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގަ އެވެ. އެ ގޭމްސްގައި 1 މިނެޓާއި 02.41 ސިކުތުން އޭނާ ރޭސް ނިންމި ރެކޯޑް ފިލިޕީންސްގެ ނިއު ކްލާކް ސިޓީގައި ކުރިއަށްދާ މުބާރާތުގައި ނުގުރާލީ 1 މިނެޓް 1.60 ސިކުންތުންނެވެ.

އާން މުގުރާލީ 50 މީޓަރު ބެކްސްޓްރޯކްގެ ލޯންގްކޯސް ރެކޯޑެވެ. އެ ރެކޯޑް ވެސް ކުރިން އޮންނަނީ އޭނާ އަތުގަ އެވެ. އާދިއްތަ ދުވަހު އޭނާ އެ ރެކޯޑް މުގުރާލީ 29.51 ސިކުންތުން ރޭސް ނިންމައިގެނެންނެވެ. ކުރިން އެ ރެކޯޑް އޭނާ ހެދީ ހެންގޭރީގެ ބުޑަޕެސްޓްގައި 2022 ގައި ބޭއްވި ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގަ އެވެ. އޭރު އޭނާ ރޭސް ނިންމީ 29.57 ސިކުންތުންނެވެ.

ލޯންގްކޯސް 4 ގުނަ 100 މީޓަރު ފްރީސްޓައިލްގައި ވާދަކޮށް ރާއްޖޭގެ ފިރިހެން ޓީމުން މުގުރާލި ރިލޭގެ ރެކޯޑްގައި ވެސް އާން ހިއްސާވި އެވެ. ދެން އެ ޓީމުގައި ހިމެނެނީ މުބާލް އައްޒާމް އިބްރާހިމާއި އަލީ އިމްއާން އަދި މުހައްމަދު ޔަމަން ޔާސީނެވެ.

މި ފެތުންތެރިން ހިމެނޭ ޓީމުން ރޭސް ނިންމީ، މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގައި ވާދަކޮށް ދިވެހި ޓީމުން ހެދި ރެކޯޑަށް ވުރެ 7.22 ސިކުންތު އަވަހަށް ރޭސް ނިންމައިގެންނެވެ. އޭޝިއަން ގޭމްސްގައި ރިލޭ ޓީމުގައި ހިމެނުނު ފެތުންތެރިންނަކީ އިމްއާނާއި މުބާލްގެ ރިހާން އަދި އަހްމަދު ނީޤް ނިޔާޒެވެ. ޗައިނާގެ ހުއަންގްޒޫގައި ބޭއްވި އޭޝިއަން ގޭމްސްގައި އެ ޓީމުން ރޭސް ނިންމީ 3 މިނެޓާއި 57.16 ސިކުންތުންނެވެ.

އިއްޔެ ފިލިޕީންސްގައި ދިވެހި ޓީމުން ރެކޯޑް ހެދީ 3 މިނެޓާއި 49.94 ސިކުންތުން ރޭސް ނިންމައިގެންނެވެ. މުބާރާޓުގައި ރާއްޖޭން 26 ފެތުންތެރިން ވާދަ ކުރެ އެވެ.