Roadha Mihaaru
ދުނިޔޭގެ މުބާރާތުން މުބާލާއި ރިހާނަށް ރެކޯޑްތަކެއް

ވޯލްޑް ޗެމްޕިއަންޝިޕްގައި މުބާލް އާއި ރިހާނަށް ރެކޯޑްތަކެއް

14 ފެބުރުއަރީ 2024

ގަތަރުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ފެތުމުގެ މުބާރާތުގައި ރާއްޖޭގެ މުބާލް އައްޒާމާއި މުހައްމަދު ރިހާން ޝިހާމް، ގައުމީ ރެކޯޑްތަކެއް މުގުރާލައިފި އެވެ.

ގަތަރުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ފެތުމުގެ މުބާރާތުގައި ރާއްޖޭގެ މުބާލް އައްޒާމާއި މުހައްމަދު ރިހާން ޝިހާމް، ގައުމީ ރެކޯޑްތަކެއް މުގުރާލައިފި އެވެ.

ރާއްޖޭގެ ގައުމީ ފިރިހެން ރޭންކިންގެ އެންމެ ކުރީގައި އުޅޭ މި ދެ އެތުލީތުން ވަނީ ކޮންމެ ފެތުންތެރިޔަކު ދެ ރެކޯޑެއް މުގުރާލައިފަ އެވެ.

މުބާލް މުގުރާލީ 100 މީޓަރު ބްރެސްޓްސްޓްރޯކްގެ ރެކޯޑާއި50 މީޓަރު ބްރެސްޓްސްޓްރޯކްގެ ރެކޯޑެވެ. އެންމެ ފަހުން ބޭއްވި ގައުމީ ދިގު ފެތުމުގެ މުބާރާތުން އެއްވަނަ ހޯދި ރިހާން ވަނީ 400 މީޓަރ ފްރީސްޓައިލް އަދި 200 މީޓަރ ފްރީސްޓައިލް ރެކޯޑް މުގުރާލައިފަ އެވެ.

ބްރެސްޓްސްޓްރޯކް 100 މީޓަރުގެ ގައުމީ ރެކޯޑް ކުރިން އޮންނަނީ ވެސް މުބާލް އަތުގަ އެވެ. ކުރިން 1 މިނެޓާއި 14.73 ސިކުންތުން މުބާލް ހެދި ރެކޯޑް އިއްޔެ ގަތަރުގެ ދޯހާގައި އޭނާ މުގުރާލީ 1 މިނެޓާއި 14.58 ސިކުންތުންނެވެ. ކުރިން އެ ރެކޯޑް މުބާލް އާ ކުރީ މިދިޔަ އަހަރު ޗައިނާގައި ބޭއްވި އޭޝިއަން ގޭމްސްގަ އެވެ.

އިއްޔެ އޭނާ އާ ކުރި 50 މީޓަރުގެ ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑަކީ ވެސް ކުރިން އޭނާގެ އަތުގައި އޮތް ރެކޯޑެކެވެ. މިދިޔަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ހެދި ރެކޯޑް އޭނާ އިއްޔެ މުގުރާލީ 33.24 ސިކުތުންނެވެ. މަޑަގަސްކަރާގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އޭނާ ރެކޯޑް ހެދީ 34 ސިކުންތުންނެވެ.

ފްރީސްޓައިލް ލޯންގް ކޯސް ޓްރެކްގެ 400 މީޓަރު އިވެންޓުން ރިހާން ރެކޯޑް ހެދީ މީގެ ހަ އަހަރު ކުރިން މުބާލް ހަދާފައި އޮތް ރެކޯޑަށް ވުރެ އަވަހަށް ރޭސް ނިންމައިގެންނެވެ. ވޯލްޑް ޗެމްޕިއަންޝިޕްގައި އިއްޔެ އެ އިވެންޓްގެ ރޭސް ރިހާން ނިންމީ 4 މިނެޓާއި 31.96 ސިކުންތުންނެވެ.

އިންޑޮނޭޝިއާގައި 2018 ގައި ބޭއްވި އޭޝިއަން ގޭމްސްގައި ވާދަކޮށް މުބާލް އެ އިވެންޓްގެ ރޭސް ނިންމީ 4 މިނެޓާއި 48.44 ސިކުންތުންނެވެ.

ރިހާން އިއްޔެ މުގުރާލި 200 މީޓަރުގެ ފްރީސްޓައިލްގެ ރެކޯޑް ވެސް ކުރިން އޮތީ މުބާލް އަތުގަ އެވެ. މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގައި 2 މިނެޓް 8.22 ސިކުންތުން އޭނާ ހެދި ރެކޯޑް ރިހާން އިއްޔެ މުގުރާލީ 2 މިނެޓް 6.32 ސިކުންތުން ރޭސް ނިންމައިގެންނެވެ.