Roadha Mihaaru
ޖުމްލަ އަދަދު ގުނާ ގޮތް ބަދަލުކުރަން ފާސްކޮށްފި

ކޯޓަށް ހުށަހެޅި މާއްދާތައް ބާތިލްކޮށް، އެހެން މާއްދާއެއްގައި ހިމަނަން ފާސްކޮށްފި

19 ފެބުރުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުން ގުނާ މާއްދާތައް ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނިކޮށް، އެ މާއްދާތައް ގަވައިދުން އުނިކޮށް އެހެން މާއްދާއެއްގައި ހިމަނަން އާންމު ކޮމިޓީން ނިންމި ނިންމުން މިއަދު މަޖިލީހުން ފާސް ކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުން ގުނާ މާއްދާތައް ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނިކޮށް، އެ މާއްދާތައް ގަވައިދުން އުނިކޮށް އެހެން މާއްދާއެއްގައި ހިމަނަން އާންމު ކޮމިޓީން ނިންމި ނިންމުން މިއަދު މަޖިލީހުން ފާސް ކޮށްފި އެވެ.

މަޖިލީހުގެ ހަތް މެމްބަރަކު މި ސަރުކާރުގެ ކެބިނެޓަށް އައްޔަން ކުރުމާ އެކު، މެންބަރުކަމުން އިސްތިއުފާ ދެއްވުމުން އެމްޑީޕީން ވަނީ އެ މެންބަރުންނާ ނުލައި މަޖިލީހުގެ ޖުމުލަ އަދަދު ގުނާ ގޮތަށް ގަވައިދު ބަދަލު ކޮށްފަ އެވެ.

މަޖިލިހުގެ ގަވައިދުގެ 49 ވަނަ މާއްދާ އަށް (ކ)، (އ) އަދި (ވ) އިތުރު ކުރަން އެމްޑީޕީން ނިންމި އެވެ. އެ މާއްދާތަކުގައިވާ ގޮތުން މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނުމުގައި ބަލާނީ އެ ވަގުތު މަޖިލީހުގެ މެންބަރުކަމުގައި ތިބި މެންބަރުންގެ ޖުމްލަ އަދަދެވެ.

ނަމަވެސް އެޓާނީ ޖެނަރަލް އޮފީހުން ވަނީ އެ ތިން މާއްދާތައް ބާތިލް ކުރަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.

އެ މާއްދާތަކާ ގުޅޭ ގޮތުން އޭޖީ އޮފީހުން ބުނެފައި ވަނީ އެ ތިން މާއްދާގައި މަޖިލީހުގެ ޖުމުލަ މެންބަރުން އިބާރާތް ކޮށްފައިވާ ގޮތް ގާނޫނުއަސާސީއާ ހިލާފު ކަމަށެވެ.

އެ ކޯޓުން ވަނީ އެ މާއްދާތަކަށް ސަސްޕެންޑް ކުރަން ވަގުތީ އަމުރެއް ވެސް ނެރެފަ އެވެ.

ނަމަވެސް އެ އަމުރަށް އަމަލު ނުކުރަން މަޖިލީހުން ފާސް ކުރުމަށް ފަހު، އާންމު ކޮމިޓީން ވަނީ އޭޖީ ބާތިލް ކުރަން އެދުނު އެ ތިން މާއްދާތައް ގަވައިދުން އުނިކޮށް، އެ ވާހަކަތައް ގަވާއިދުގެ 242 މާއްދާ އަށް އިތުރު ކުރަން ފާސްކޮށްފަ އެވެ.

އެގޮތަށް ގަވައިދު ބަދަލު ކުރަން މިއަދު ނެގި ވޯޓުގައި ބައިވެރިވި 29 މެންބަރުން ވޯޓު ދެއްވި އެވެ. އެކަމާ ދެކޮޅަށް ވޯޓު ދެއްވީ 8 މެންބަރެކެވެ.

އެ މާއްދާގައި މިހާރު ބުނާ ގޮތުން މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން މެންބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިހާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެ އަށް ވުރެ ކުރު މުއްދަތެއް އޮތުމުން އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުހިމެނޭނެ އެވެ.