Roadha Mihaaru
"ހިމަ ނާރު ބުރިކޮށްފައި ނޫނީ ރައީސް ދުރު ނުކުރެވޭނެ"

ވެރިކަމަކީ ކުޅިވަރެއް ނޫން، ހިމަނާރުތައް ބުރިކޮށްފައި ނޫނީ ރައީސް މަގާމުން ދުރުކުރިޔަ ނުދޭނަން: ޝަހީމް

19 ފެބުރުއަރީ 2024

މި ސަރުކާރަށް 100 ދުވަސް ނުވަނީސް ވެރިކަން ފުރޮޅާލަން ރޭވުންތައް ރާވައި މަޝްވަރާކުރިޔަސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ "ކަރުގެ ހިމަނާރުތައް ބުރިކޮށްފައި ނޫނީ" އެކަން ކުރިޔަ ނުދޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މި ސަރުކާރަށް 100 ދުވަސް ނުވަނީސް ވެރިކަން ފުރޮޅާލަން ރޭވުންތައް ރާވައި މަޝްވަރާކުރިޔަސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ "ކަރުގެ ހިމަނާރުތައް ބުރިކޮށްފައި ނޫނީ" އެކަން ކުރިޔަ ނުދޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

އިންތިހާބަށް ފަހު ރައީސް އައްޑުއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ފޭދޫގައި ރޭ ބޭއްވި ޖަލްސާގައި ޝަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މި ވެރިކަން ވައްޓާލަން އެތެރެ އާއި ބޭރުން ގޮންޖެހުންތައް ކުރިމަތިކޮށް ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. މިއީ ރައްޔިތުން ވިސްނަން ޖެހޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި ސަރުކާރު ޒިންމާދާރުކުރުވުމަކީ ކުރަން ޖެހޭ ކަމެކެވެ. އެކަމަކު ރައްޔިތުން ވެރިއަކު އިންތިހާބުކޮށް ސަރުކާރު ހިންގަން ފެށުމާ އެކު އެމަނިކުފާނަށް ދަތިކޮށް، ރައްޔިތުންނަށް އެތައް ގެއްލުމެއް ލިބޭ ގޮތަށް ސަރުކާރު ބަދަލުކުރަން އުޅުމަކީ ޒިންމާދާރުކުރުވުން ނޫން ކަމަށް ވިދާޅުވި އެވެ.

"..ކުޅޭ ކުޅިވަރަކަށް ހަދައިގެން، ދިވެހި ރައްޔިތުން އިންތިހާބު ކޮށްފައިވާ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖޫމްހުރިއްޔާ އަޒުލުކުރުމުގެ މަޝްވަރާކުރާ ހިސާބަށް ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ގާނޫނާ ހިލާފަށް ފުރޮޅައެއް ނުލެވޭނެ އިންޝާﷲ، ކުޅޭކުރިވަރަކަށް ހަދައިގެން މަނިކުފާނު ވެރިކަމުން އަޒުލެއް ނުކުރެވޭނެ އިންޝާﷲ. އެކަން ކުރަން ޖެހޭނީ އަޅުގަނޑުމެންގެ ކަރުގެ ހިމަ ނާރު ބުރިކޮށްލާފައި. -- ޝަހީމް

ރައީސް މުއިއްޒުގެ ވެރިކަން ފެށުމާ ހަމައަށް ކެމްޕޭންގައި ވެސް އިސްކޮށް އުޅުއްވި ޝަހީމް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގަތް ގޮތަށް ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ގެންދަވަނީ ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވަމުން ކަމަށެވެ. ރައްޔިތުންނަށް ދެމުން އަންނަ އެ ހިދުމަތްތަކުގައި އޭނާ ހުންނަވާނީ ރައީސްއާ އެކު ސާބިތުކޮށް ކަމަށް ޝަހީމް ވިދާޅުވި އެވެ.

"ގާނޫނާ ހިލާފަށް ފުރޮޅައެއް ނުލެވޭނެ އިންޝާﷲ، ކުޅޭކުރިވަރަކަށް ހަދައިގެން މަނިކުފާނު ވެރިކަމުން އަޒުލެއް ނުކުރެވޭނެ އިންޝާﷲ. އެކަން ކުރަން ޖެހޭނީ އަޅުގަނޑުމެންގެ ކަރުގެ ހިމަ ނާރު ބުރިކޮށްލާފައި އިންޝާﷲ. އެ ނޫން ގޮތަކަށް އެކަމެއް ނުކުރެވޭނެ،" ޝަހީމް ވިދާޅުވި އެވެ.

ގައުމުގެ ރައީސަކަށް ރައްޔިތުން މިފަހަރު އިންތިހާބުކުރީ އެންމެ މަތީ ފެންވަރަށް ކިޔަވާ ވިދާޅުވެފައިވާ ބޭފުޅެއް ކަމަށާއި ރައްޔިތުންގެ އެ އިތުބާރާ އެކު ވައުދުތައް ތަންފީޒުކޮށް ސަރުކާރު ހިންގަން ރައީސް މުއިއްޒަށް ވަގުތު ދޭން ޖެހޭ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

"އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަން ވެވަޑައިގަތް ވައުދުތައް ފުއްދުމަށްޓަކައި އެމަނިކުފާނަށް ވަގުތު ދޭން އެބަޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމްގެ ފާޑުވިދާޅުވުން އިދިކޮޅު އެމްޑީޕީއަށް އަމާޒުކުރެއްވި އިރު، ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެވޭ ގޮތް ހަދައި، އެ މަރުހަލާ ވެސް އަވަސްކުރަން މަޖިލީހުގެ ގަވާއިދު ވަނީ އިސްލާހުކޮށްފަ އެވެ. ފަހުން އެ މަސައްކަތް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ކުރިއަށް ގެންދަން ވެސް ނިންމި އެވެ.

ރައީސް މަގާމުން ވަކިކުރުމުގެ މަސައްކަތް އެ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕުން ކުރިކަން ބައެއް މެމްބަރުން ކަށަވަރުކޮށްދެއްވިޔަސް، އެކަން ރަސްމީކޮށް އެ ޕާޓީން މިހާތަނަށް އިއުލާނެއް ނުކުރެ އެވެ. އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ވިސްނުން އެއްގޮތްކޮށް، މަޖިލީހުގެ ތެރެއިން ސަރުކާރު ޒިންމާދާރުކުރުވުމުގެ ނަމުގައި އެކުގައި މަސައްކަތް ކުރަން ވެސް އޮތީ އެއްބަސްވެފަ އެވެ.