Roadha Mihaaru
ދެން ފަށާ މަޝްރޫއިން ޓޫރިޒަމް މުވައްޒަފުންނަށް ފްލެޓް

އެންމެ އަވަހަށް ފަށާ ހައުސިން މަޝްރޫއުތަކުން ޓޫރިޒަމް ދާއިރާގެ މީހުންނަށް ޖާގަ ލިބޭނެ: ރައީސް މުއިއްޒު

14 ފެބުރުއަރީ 2024

ރާއްޖޭގައި ދެން އެންމެ އަވަހަށް ފަށާ ހައުސިން މަޝްރޫއަކުން ދޫކުރާ ފްލެޓްތަކެއް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގައި ދެން އެންމެ އަވަހަށް ފަށާ ހައުސިން މަޝްރޫއަކުން ދޫކުރާ ފްލެޓްތަކެއް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަ ކެޓަގަރީއެއް ކަނޑައެޅުއްވުމަކީ ރިޔާސީ ކެމްޕެއިންގައި ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ.

"ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން ރ. މީދޫ، ނަރުގިސް، ތޯހާ ހުސައިން ރައީސް މުއިއްޒާ ސުވާލުކުރީ ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންގެ ބޯހިހިޔާވަހިކަމާ ގުޅޭ ގޮތުންނާއި އެ ސިނާއަތުގެ މަސައްކަތްތެރިންގެ މަޝްވަރާ ސަރުކާރުން ހޯދުމުގެ ކަންތައްތަކުގަ އެވެ.

ބޯހިޔާވަހިކަމާ ގުޅޭ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއޒު ވިދާޅުވީ، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ގޯތި ނުވަތަ ފްލެޓް ލިބޭނީ މާލެ ސަރަހައްދުން އެކަނި ނޫން ކަމަށެވެ.

އޭގެ ބަދަލުގައި އެ މީހަކު މަސައްކަތް ކުރާ ސަރަހައްދެއްގައި ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ވަކި ޕަސެންޓެއް އެ މީހުންނަށް ކަނޑައަޅުއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ދެން ކިހާ ތާކުތޯ، އެންމެ އަވަހަށް ފެށޭ ހައުސިން ޔުނިޓް ޕްރޮޖެކްޓްގެ ތެރެއިން ވެސް އެކަން ހަމަޖެހިގެންދާނެ. އަޅުގަނޑުމެން މިހާރު އެކަމާ ގުޅޭ ބައިވަރު މަސައްކަތްތަކެއް ކުރެވެމުން ދަނީ،" ރައީސް ވިދާޅުވި އެވެ.

މި އަހަރުގެ ތެރޭ އެ ފުރުސަތު ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ލިބުމަކީ ކުރެވޭ އުއްމީދެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންގެ މަޝްވަރާ ސަރުކާރުން ހޯދުމާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ ސިނާއަތުގައި މަސައްކަތް ކުރާ ޒުވާނުންނަކީ ސަރުކާރުން ވަރަށް އިސްކަން ދޭނެ ބައެއް ކަމަށެވެ.

ރިސޯޓު މުވައްޒަފެއް-- ފޮޓޯ: ރިސޯޓް ވޯކާސް މޯލްޑިވްސް

ރިސޯޓު މުވައްޒަފެއް-- ފޮޓޯ: ރިސޯޓް ވޯކާސް މޯލްޑިވްސް

ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ބޭނުންފުޅު ވަނީ އެ ސިނާއަތުގައި މަސައްކަތްކުރާ މީހުންގެ ހިޔާލާއި މަޝްވަރާއާ އެކު ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެ މުވައްޒަފުންނަށް ސޯޝަލް ހައުސިން ސްކީމްގެ ތެރެއިން ތަންތަން ދޫކުރުމަށް، އެކަމާ ގުޅޭ އޮނިގަނޑު ފާސްކޮށްފައިވާ ކަމަށެވެ.

އެ އޮނިގަނޑުގެ މައްޗަށް ބިނާކޮށް، ޓޫރިޒަމާ ގުޅޭ އެކި ޖަމިއްޔާތަކާއި ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މަޝްވަރާއާ އެކު، ކެޓަގަރީތަކާއި ޕޮއިންޓް ދޭނެ ގޮތްތައް ކަނޑައަޅުއްވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.