Roadha Mihaaru
މާލީ ދެ އިދާރާއެއްގެ ވެރިން ރައީސްއާ ބައްދަލުކޮށްފި

އައިއެމްއެފް އާއި އަބޫދާބީ ފަންޑުގެ ވެރިން ރައީސްއާ ބައްދަލުކުރައްވައިފި

12 ފެބުރުއަރީ 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު ދުބާއީ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާލީ ދެ އިދާރާއެއްގެ ވެރިންނާ ބައްދަލު ކުރައްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ދުބާއީ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާލީ ދެ އިދާރާއެއްގެ ވެރިންނާ ބައްދަލު ކުރައްވައިފި އެވެ.

ރައީސްގެ އަރިހަށް މިއަދު ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ މެނޭޖިން ޑިރެކްޓަރު އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާފަ އެވެ. މި ބައްދަލުވުމާ ގުޅޭ ތަފްސީލެއް ރައީސް އޮފީހުން އަދި ހާމައެއް ނުކުރެ އެވެ.

އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރުގެ އިތުރުން އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރު ޖެނެރަލް، މުހައްމަދު ސައިފް އަލް ސުވައިދީ ވެސް ވަނީ ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފަ އެވެ.

ރައީސް އޮފީހުން ބުނީ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެ އާއި ޔޫއޭއީއާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށާއި އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ރާއްޖޭގެ ތަރައްގީއަށް ދޭ އެހީތެރިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.

ރައީސްގެ ވާހަކަފުޅުގައި އަބޫދާބީ ފަންޑުން ރާއްޖެއަށް ހުއްޓުމެއް ނެތި ފޯރުކޮށްދެއްވަމުން ގެންދަވާ މާލީ އެހީތެރިކަން ޝުކުރުވެރިކަމާ އެކު ފާހަގަކުރެއްވި އެވެ. އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރު ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ތަރައްގީގެ ކަންކަމުގައި ހުއްޓުމެއް ނެތި އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައި، ރާއްޖެއާ ގުޅިގެން ކުރެވޭ މަސައްކަތްތަކާ މެދު އުފާކުރައްވާ ކަމަށް ވިދާޅު ވިއެވެ. ފަންޑުގެ އެއްބާރުލުމާ އެކު ރާއްޖޭގައި ކުރިޔަށްގެންދާ ތަރައްގީގެ މަސައްކަތްތައް ކުރިޔަށްދާ ގޮތާ ގުޅޭ ގޮތުންނާއި ދެ ފަރާތުން ގުޅިގެން އިތުރަށް މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުންނާއި ދަނޑުވެރިކަމުގެ ދާއިރާއާ ސިއްހީ ދާއިރާ އަދި އިގްތިސޯދީ ތަރައްގީގެ ދާއިރާގައި އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ދުބާއީ އަށް އިއްޔެ ވަޑައިގެންނެވީ ރާއްޖެ އިން އިންތިޒާމު ކޮށްގެން ދުބާއީގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމްގެ އިތުރުން "ވޯލްޑް ގަވަމަންޓްސް ސަމިޓް 2024" ގައި ބައިވެރިވެވަޑައިގަތުމަށެވެ. "ވޯލްޑް ގަވަމަންޓްސް ސަމިޓް 2024" އޮންނާނީ މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ. އިންވެސްޓްމަންޓް ފޯރަމް ބާއްވާނީ މާދަމާ އެވެ.

ރައީސް މުއިއްޒާ އެކު، އިންވެސްޓްމަންޓް ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ ވަފުދުގައި ބައެއް މިނިސްޓަރުންނާއި ބައެއް ކުންފުނިތަކުގެ ވެރިންނާއި އަމިއްލަ ވިޔަފާރިވެރިން ހިމެނިވަޑައިގަންނަވަ އެވެ.