Roadha Mihaaru
ރައީސްގެ އިގުތިސާދީ އެޖެންޑާއަށް އައިއެމްއެފްގެ ތައުރީފު

ރައީސް މުއިއްޒުގެ އިގުތިސާދީ އެޖެންޑާ އަށް އައިއެމްއެފްގެ ތައުރީފު

13 ފެބުރުއަރީ 2024

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ރޭ އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައި، ރާއްޖޭގެ އިގުތިސާދު ރަނގަޅު ކުރަން އެ މަނިކުފާނު ގެންގުޅުއްވާ ސިޔާސަތުތަކަށް ތައުރީފު ކުރައްވައިފި އެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ރޭ އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައި، ރާއްޖޭގެ އިގުތިސާދު ރަނގަޅު ކުރަން އެ މަނިކުފާނު ގެންގުޅުއްވާ ސިޔާސަތުތަކަށް ތައުރީފު ކުރައްވައިފި އެވެ.

ވޯލްޑް ގަވަންމަންޓްސް ފޯރަމްގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް މުއިއްޒު ދުބާއީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގައި ބޭއްވި އެ ބައްދަލުވުމުގައި ޖޯޖީވާ ވަނީ ގައުމުގައި ހުރި އެތެރޭގެ ގޮންޖެހުންތަކާއި ބޭރު ދުނިޔޭގައި ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، މާލީ ނިޒާމު އިސްލާހުކޮށް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތައް ރާވައި އެ ކަންކަން ތަންފީޒުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލެއްވި އެވެ.

އަދި އާ ސަރުކާރު ވެރިކަމަށް އައިއިރު ރާއްޖެއަށް މާލީ ގޮތުން ކުރިމަތިވެފައިވާ ނާޒުކު ހާލަތުގެ މައްޗަށްވެސް އޭނާ އަލިއަޅުވައިލެއްވި އެވެ.

އާ ސަރުކާރަށް ކުރިމަތިވި މާލީ އުނދަގޫ ހާލަތުން އަރައިގަތުމަށް އަޅަންޖެހިފައިވާ މުހިންމު، އަވަސް ފިޔަވަޅުތައް ވެސް އެކަމަނާ ފާހަގަ ކުރެއްވި އެވެ.

ދެމެހެއްޓެނިވި ގޮތެއްގައި އިގުތިސާދީ ކުރިއެރުމާއި ހަމަޖެހުމަށް މަގު ފަހިކޮށްދެއްވުމަށްޓަކައި، ހިކުމަތްތެރިކަމާއި ދުރު ވިސްނުންފުޅާ އެކު، މި ސަރުކާރުގެ ހިންގުމަށް އިސްލާހުތައް ގެނައުމަށް ރައީސް މުއިއްޒު ދެއްވާ އަހަންމިއްޔަތު އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ފާހަގަކުރެއްވި އެވެ.

އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ، ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ، ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން، ސަރުކާރުގެ އިގުތިސާދީ އިސްލާހުގެ އެޖެންޑާ އަށް ފުރިހަމަ އިތުބާރު އޮތްކަން ހާމަކުރައްވަމުން، މިހާރު އަޅަން ފަށާފައިވާ ފިޔަވަޅުތަކަށް ޖޯޖީވޯ ތައުރީފު ކުރެއްވި އެވެ.

ރޭ ބޭއްވި ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުން ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެކަންކަމަށް ހޭނުމަށާއި ވިލުންތެރިކަން އިތުރުކުރުން ފަދަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. ޖޯޖީވާ އަކީ ވާލްޑް ބޭންކުގެ ކުރީގެ ސީއީއޯ އަދި ޔޫރަޕިއަން ކޮމިޝަންގެ ބަޖެޓް އެންޑް ހިއުމަން ރިސޯސަސްގެ ކުރީގެ ވައިސް ޕްރެޒިޑެންޓެވެ.

ސަރުކާރުގެ އިގުތިސާދީ އިސްލާހީ އެޖެންޑާ އަށް ޖޯޖީވޯ ތައުރީފު ކުރެއްވީ، މި ފަހުން ރާއްޖެ އަށް ޒިޔާރަތްކުރި ވަފުދުން ވެސް ދައުލަތުގެ ހަރަދު ކުޑަކުރުމާއި މާލިއްޔަތު އިސްލާހުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް މަރުހަބާ ކިޔާފައި ވަނިކޮށެވެ.

އޭގެ ތެރޭގައި މިހާރު ގެންގުޅޭ ސަބްސިޑީ ދިނުމުގެ އުސޫލު ޓާގެޓަޑް ސަބްސިޑީއަކަށް ބަދަލުކުރުމާއި އާސަންދަ އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ އިތުރުން ޕީއެސްއައިޕީ މަޝްރޫއުތައް އިސްކަން ދޭ ތަރުތީބަކުން ހިންގުމަށް ނިންމާފައިވާ ނިންމުން އެ ވަފުދުން ނެރުނު ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. "...އެމްއެމްއޭ މެދުވެރިކޮށް ޕަބްލިކް އެކައުންޓު އޯވާޑްރޯ [ފައިސާ ޗާޕުކުރުން] ކުރުން ހުއްޓާލުމަކީ ވަރަށް މުހިންމު ފެށުމެއް،" އެ ވަފްދުގައި އިސްކޮށް ހުންނެވި ޕިޔާޕޯން ސޮޑްސްރިވިބޫން ވިދާޅުވި އެވެ.