Roadha Mihaaru
ޑޮލަރު ލިމިޓް ކުޑަކުރުމުގެ ނިންމުމެއް ނެތް: ފިނޭންސް

ޑޮލަރު ލިމިޓް ކުޑައެއް ނުކުރޭ، މައްސަލަ ހައްލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: ފިނޭންސް

12 ފެބުރުއަރީ 2024

ބީއެމްއެލް އަށް ޑޮލަރު ލިބުން ދަތިވެ ރުފިޔާ އެކައުންޓުތަކުގެ ކާޑު ލިމިޓް 90 ޕަސެންޓާ ހަމަޔަށް ކުޑަކުރަން ޖެހިދާނެ ކަމަށް އެ ބޭންކުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާގައި ބުނެފައި ވިޔަސް އެފަދަ އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށާއި ޑޮލަރުގެ މައްސަލަ ހައްލުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބީއެމްއެލް އަށް ޑޮލަރު ލިބުން ދަތިވެ ރުފިޔާ އެކައުންޓުތަކުގެ ކާޑު ލިމިޓް 90 ޕަސެންޓާ ހަމަޔަށް ކުޑަކުރަން ޖެހިދާނެ ކަމަށް އެ ބޭންކުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާގައި ބުނެފައި ވިޔަސް އެފަދަ އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށާއި ޑޮލަރުގެ މައްސަލަ ހައްލުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޑޮލަރު ލިމިޓް ކުޑަކުރަން އުޅޭ ކަމުގެ ޚަބަރު މީޑިއާގައި ރިޕޯޓްކުރުމާ އެކު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ބޭންކާ ހަވާލާދީ ބުނީ ބީއެމްއެލްގެ ކާޑުތަކުން ޑޮލަރުން ކުރާ މުއާމަލާތްތައް ލިމިޓުކުރަން ނުނިންމާ ކަމަށެވެ.

ފިނޭންސުން އެހެން ބުނި އިރު، މީޑިއާގައި ވެސް ރިޕޯޓްކޮށްފައިވަނީ ޑޮލަރު ލިމިޓް ކުޑަކުރުމަށް މަޝްވަރާކުރާ ވާހަކަ އެވެ. ވަކި ގޮތަކަށް ނިންމި ވާހަކެއް ނޫނެވެ.

"ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނަގަން ކަނޑައަޅާފައިވާ މިންވަރު ކުޑަކުރުމަށް އެއްވެސް ނިންމުމެއް ބޭންކް އޮފް މޯލްޑިވްސް އިން އަދި ނިންމާފައި ނުވާކަމުގެ ޔަގީންކަން އެ ބޭންކުން މި މިނިސްޓްރީއަށް ވަނީ ދެއްވައިފަ އެވެ." ބަޔާނުގައިވެ އެވެ.

ފިނޭންސް މިނިސްޓްރީގެ ބަޔާން

ފިނޭންސުން ބުނީ، ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އެ މިނިސްޓްރީން މަރުކަޒީ ބޭންކް، އެމްއެމްއޭ އާއި ބީއެމްއެލްއާ އެކު މަސައްކަތް ފަށައިފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އިގްތިސާދީ މިފަދަ މައްސަލަތަކުގައި ރައްޔިތުން ކަންބޮޑުވާ ގޮތަށް ޚަބަރު ނުފެތުރުމަށް އެދޭ ކަމަށާއި ޒިންމާދާރުކަމާ އެކު މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް އެދޭ ކަމަށެވެ.

ބީއެމްއެލް މިއަދު "މިހާރު" އަށް ބުނި ގޮތުގައި ބޭރު ފައިސާ ލިބުމުގައި ބޭންކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވެ އެވެ. އަދި މިވަގުތު ރުފިޔާ އެކައުންޓްތަކުން ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް އިތުރަށް ލިމިޓް ކުރަން މަޝްވަރާ ކުރާ ކަމަށް ބުންޏެވެ. އެ ބޭންކްގެ އިސް ބޭފުޅަކު ވިދާޅުވީ، ޑޮލަރުގެ މިހާރުގެ ލިމިޓު ގާތްގަނޑަކަށް 90 ޕަސެންޓަށް ކުޑަ ކުރަން ޖެހިދާނެ ކަމަށެވެ. އެކަމުގެ މަޝްވަރާތައް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިނޭންސުން ބުނީ، ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތު ރަނގަޅުކޮށް، ދަރަނީގެ ހިރާސްތައް ކުޑަކޮށް، ބޭރު ފައިސާ ލިބުން ފަސޭހަކުރެވޭނެ ގޮތްތައް ފަހިކުރަން މަސައްކަތް ކުރާ ކަމަށެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ގައުމަށް ކުރިމަތިވެފައި ހުރި މާލީ ދަތިތަކުން އަރައިގަނެ، ރާއްޖޭގެ އިގްތިސާދީ ހާލަތަށް އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލުތަކެއް ސަރުކާރުން ގެންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

"ބޭރު ފައިސާ ލިބުމުގައި ބޭންކަށް ދިމާވާ ދަތިތަކާ ގުޅިގެން ރުފިޔާ އެކައުންޓްތަކުން ބޭރުފައިސާގެ މުއާމަލާތް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ކާޑު ލިމިޓްތައް މިދަނީ މުރާޖައާ ކުރަމުން. އަދި މިހާތަނަށް ބޭންކުން ވަކި ލިމިޓެއް ކަނޑައެއް ނާޅާ. އަދި އާ ލިމިޓަކަށް އަމަލުކުރަން ފަށާނެ ތާރީހެއް ވެސް ކަނޑައެއް ނާޅާ،" ބީއެމްއެލްގެ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވި އެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 18ރ. އަށް ވުރެ މަތީގަ އެވެ. ބީއެމްއެލް އިން ބުނީ، ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި އެހާ ބޮޑަށް ފުޅާވުމުން އެ ބޭންކު މެދުވެރިކޮށް ޑޮލަރު މާރުކުރަން އަންނަ މީހުން ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. ބޭންކުގައި ޑޮލަރު ހުންނަ ވަރު އެކަމުގެ ސަބަބުން ވަރަށް ބޮޑަށް ވަނީ މަދުވެފަ އެވެ.