Roadha Mihaaru
ޖާބިރުގެ ޓިކެޓު ވަކީލު ނަސީރަށް ދީފި

އިސްތިއުނާފު ނުނިމެނީސް ޖާބިރުގެ ޓިކެޓު ވަކީލު ނަސީރަށް ދީފި

11 ފެބުރުއަރީ 2024

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓު ގާނޫނީ ވަކީލު އަބްދުﷲ ނަސީރަށް ދޭން އެ ޕާޓީން މިއަދު ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓު ގާނޫނީ ވަކީލު އަބްދުﷲ ނަސީރަށް ދޭން އެ ޕާޓީން މިއަދު ނިންމައިފި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައި، ކާށިދޫ ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވީ މިހާރު ވެސް އެ ދާއިރާގެ މެމްބަރު މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރެވެ.

ނަމަވެސް އަހުލާގީ މައްސަލައެއް ބެލުމަށް ފަހު، ޖާބިރުގެ ޓިކެޓް އެމްޑީޕީން އަތުލައި އޭނާ ވަނީ އެ ޕާޓީން ވަކިކޮށްފަ އެވެ. އެހެންވެ، އެ މައްސަލަ އޭނާ ވަނީ އެމްޑީޕީގައި އިސްތިއުނާފު ވެސް ކޮށްފަ އެވެ.

ޖާބިރުގެ ބަދަލުގައި އެމްޑީޕީގެ ޓިކެޓް ދޭން ނިންމި ގދ. ގައްދު އަށް އުފަން ނަސީރަކީ މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ހުޅުމާލެ އުތުރު ދާއިރާ އަށް ވާދަކުރައްވައި ބަލިވި ކެންޑިޑޭޓެކެވެ. ނަސީރުގެ މައްޗަށް އެ ދާއިރާގައި ކާމިޔާބު ހޯއްދެވީ އެމްޑީޕީގެ ސަރުކާރުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި މޫސާ އަލިމަނިކު (މޫކޭ) އެވެ. މޫކޭ 70 ވޯޓު ހޯއްދެވިއިރު ނަސީރަށް ލިބިވަޑައިގަތީ 66 ވޯޓެވެ.

ނަސީރު އެންމެ ފަހުން ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގަ އެވެ. އެއީ އެ އޮފީހުގެ ލީގަލް ޑިޕާޓްމަންޓް ހިންގަވާށެވެ.

އޭގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ބޯޑުގައި ވެސް ނަސީރު ކުރިން މަސައްކަތް ކުރެއްވި އެވެ.

އެމްޑީޕީގެ އިސް އޮފިޝަލަކު "މިހާރު" އަށް މިރޭ ވިދާޅުވީ ޖާބިރު ހުށަހެޅުއްވި އިސްތިއުނާފުގެ މައްސަލަ ނިމުމުގެ ކުރިން ޓިކެޓު އެހެން ބޭފުޅަކަށް ދޭން ނިންމީ މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާން ކައިރިވާތީ އާއި އިސްތިއުނާފުގެ މައްސަލަ ނިމެންދެން އެ ދާއިރާއާ މެދު ގޮތެއް ނުނިންމާ ނުބޭއްވުމަށެވެ.

މަޖިލިސް އިންތިހާބަށް ކެންޑިޑޭޓުންގެ ފޯމު ބަލައިގަންނަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ސުންގަޑިއަކީ އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00 އެވެ.

އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ އަންނަ މަހުގެ 17 ގައި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބާއްވާށެވެ. އެކަމަކު، މިހާރު ހިނގަމުން އަންނަ 19 ވަނަ ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލްކުރާ އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ އިތުރުން ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުންގެ ވޯޓާ އެކު މިއަދު ފާސްކުރީ އަންނަ މަހުގެ 11 ގައި ފަށާ މި އަހަރުގެ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން އެ އިންތިހާބު ބާއްވާށެވެ.

ނަމަވެސް އެ ނިންމުމަށް އަމަލު ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލް ތަސްދީގު ކުރެއްވުމުންނެވެ.

ޖާބިރު ޕާޓިން ވަކިކުރި މައްސަލައިގެ އިސްތިއުނާފު މައްސަލަ ވެސް ވަރަށް އަވަހަށް ނިންމާނެ ކަމަށް އެމްޑީޕީގެ އޮފިޝަލް ވިދާޅުވި އެވެ.