Roadha Mihaaru
ސިފައިން ގެންދަން ތާރީހެއް ދިނުމަކީ ކާމިޔާބީއެއް:ރައީސް

ރައީސް ވިދާޅުވީ، އިންޑިއާ ސިފައިން ގެންދަން ތާރީހެއް ދިނުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް

07 ފެބުރުއަރީ 2024

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން މޭ 10 ގެ ނިޔަލަށް ބޭލުމަށް ތާރީހަކަށް އެއްބަސްވެވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން މޭ 10 ގެ ނިޔަލަށް ބޭލުމަށް ތާރީހަކަށް އެއްބަސްވެވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ގައި އަހުމަދު ޝަރީފް ކިޔާ މީހަކު ރައީސާ ސުވާލު ކުރީ އިންޑިއާ ސިފައިން ޔުނީފޯމް ބާލައި، ކުލަ ހެދުމުގައި އަންނަ ވާހަކައިގެ ހަގީގަތަކީ ކޮބައިތޯ ބެލުމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭން ގެންދިޔުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށާއި އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށްދާ އިރު އެއް ޕްލެޓްފޯމްގެ ސިފައިން ގެންދާނެ ކަމަށެވެ.

އަނެއް ދެ ޕްލެޓްފޯމްގައި ތިބި ސިފައިން ވެސް މި އަހަރުގޭ މޭ 10 ވަނަ ދުވަހުގެ ނިޔަލަށް ގެންދަން އިންޑިއާ އިން އެއްބަސްވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ތިބީ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓް އޮޕަރޭޓް ކުރުމަށެވެ.

"މި ހިސާބަށް މި ގެންދެވެނީ ޑިޕްލޮމެސީގެ ރިވެތި އުސޫލުތަކުގެ ތެރެއިން ކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން. މިއީ ހަގީގަތުގައި ވަރަށް ބޮޑު ކާމިޔާބީއަކަށް ވާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ފޮނުވާލުމުގެ އިތުރުން އަމިއްލަ ގާބިލްކަން އިތުރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި އެ މަސައްކަތުގެ ތެރެއިން އެއާ އެމްބިއުލާންސްގެ ހިދުމަތް އަންނަ މަހު ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަމިއްލަ އަށް ބެލެހެއްޓުމުގެ ގާބިލްކަން އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރިއަށްގެންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރޭވުންތެރިކަމާއި މަޝްވަރާގެ މަތިން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ސަބަބުން ބޭރުގެ އެއްވެސް ސިފައިންގެ މީހަކު ރާއްޖޭގައި ގާއިމުވެ ނުހުންނަ ހިސާބަށް ގެންގޮސްދޭނެ ކަމަށެވެ. ނަމަވެސް، އިންޑިއާގެ ސިފައިންގެ ބަދަލުގައި އެ ގައުމުގެ މަދަނީ މީހުން، އަސްކަރީ އުޅަނދުތައް އޮޕަރޭޓް ކުރުމަށް ގެނައުމާ މެދު ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ތ. ވޭމަންޑޫގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ އަޑި އާއި ވަޔާއި ކަނޑާއި އެއްގަމާއި ހުރިހާ ތަނެއް ވެސް ދިވެހިން އަމިއްލަ އަށް ބަލަހައްޓަން ނިންމާފައިވާ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލިހަށް އިއްވެވި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަަޔާނުގައި ވެސް ރައީސް މުއިއްޒު ވިދާޅުވީ، އެއްގަމާއި ކަނޑާއި ވައިގެ މަގުން ރާއްޖެ ދިފާއު ކުރެވޭނެ ޒަމާނީ އަސްކަރީ ގާބިލުކަން ރާއްޖޭގައި ވަރުގަދަކުރަން ޖެހޭ ކަމަށާއި އެ މަސައްކަތް މި ސަރުކާރުން ފަށައިފި ކަމަށެވެ.

"ރާއްޖޭގެ 900،000 އަކަކިލޯމީޓަރުގެ ބޮޑު އެކްސްކްލޫސިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލްކަން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ގާއިމް ކުރެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އިންޑިއާގެ އަސްކަރީ ޔުނީފޯމް އަޅައިގެން ތިބި ސިފައިން ގެންގޮސް، އެ މީހުންގެ ބަދަލުގައި މަދަނީ މީހުން ރާއްޖެ ގެނެސް، އަސްކަރީ އުޅަނދުތައް އޮޕަރޭޓް ކުރަން ތިބުމަށް ރާއްޖެ އާއި އިންޑިއާއާ ދެމެދު އުފައްދާފައިވާ ކޯ ގުރޫޕްގެ ދެ ވަނަ ބައްދަލުވުމުގައި ރާއްޖެ އިން ވެސް އެއްބަސްވެފައިވާ ކަމަށް އެނގިފައި ވެ އެވެ.

ސިފައިންގެ ބަދަލުގައި މަދަނީ މީހުން ރާއްޖެ ގެނައުމަށް އެއްބަސްވުމާ މެދު ދިވެހި ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައި ނުވީ ނަމަވެސް މިއީ ސަރުކާރުގެ ވިސްނުން ކަން ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހިމް ކުރިން ވަނީ ހާމަކުރައްވައިފަ އެވެ.

އޭނާ ވިދާޅުވެފައި ވަނީ ވައިގެ އުޅަނދުތައް ދުއްވުމުގައި އިންޑިއާގެ އަސްކަރީ މީހުން ތިބި ނަމަ ރާއްޖެ ދޫކޮށް ދާން ޖެހޭނެ ކަމަށާއި އެކަމަކު މަދަނީ މީހުން އެ ކަމުގައި ތިބުން އެންމެ ރަނގަޅު ކަމަށް ދެ ގައުމުގެ ކޯ ގުރޫޕުގެ ފުރަތަމަ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ރައީސް މުއިއްޒުގެ ވައުދަކީ އިންޑިއާ ސިފައިން ބޭލުމަށް ފަހު، އަސްކަރީ އުޅަނދުތަކުގެ ފުލް ކޮންޓްރޯލް އެމްއެންޑީއެފަށް ހޯދުމެވެ.

އެ މަނިކުފާނު ވިދާޅުވެފައިވަނީ ވެސް އެ އުޅަނދުތައް ދުއްވުމުގެ ގާބިލްކަން އެމްއެންޑީއެފްގައި ގާއިމް ކުރާނެ ކަމަށެވެ. މާނައަކީ ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވަން ތިބެން ވާނީ ދިވެހިން ކަމެވެ.

އިންޑިއާ ސަރުކާރުން ރާއްޖެ އަށް އުޅަނދުތައް ހަދިޔާކުރިއިރު އެއްބަސްވެފައި އޮތް ގޮތަކީ ވެސް ދިވެހިން އެކަމަށް ތަމްރީނު ކުރުމެވެ. އެ މީހުންގެ މީހުން ރާއްޖޭގައި ގާއިމްވެ ތިބޭނީ ދިވެހިން ތަމްރީނު ކުރެވެންދެން ކަމެވެ. ފުރަތަމަ ހެލިކަޕްޓަރު ރާއްޖެ އަށް 2010 ވަނަ އަހަރު ގެނައިރު، އެ ދުއްވުމުގެ ތަމްރީނުތައް ބައެއް ދިވެހި އަސްކަރީ ޕައިލެޓުން 2017 ވަނަ އަހަރު ވެސް ކުރި އެވެ.

މިދިޔަ ސަރުކާރުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް ވެސް ވަނީ 2020 ވަނަ އަހަރު ދިވެހިން ތަމްރީނު ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި 2021 ވަނަ އަހަރު ޑޯނިއާ ދުއްވަން ސިފައިންގެ ދެ ޕައިލެޓަކު ރަސްމީކޮށް ފަށައި އެކަމުގެ ބެޖް ވެސް ހަވާލުކުރި އެވެ. ނަމަވެސް، އެ ތަމްރީނުތަކަށް ވީގޮތެއް ފަހަކުން ނޭނގެ އެވެ.