Roadha Mihaaru
ކުލަ ހެދުމުގައި ވެސް ބޭރުގެ ސިފައިން ނުތިބޭނެ: ރައީސް

ކުލަ ހެދުމުގައި ވެސް އިންޑިއާ ސިފައިން ރާއްޖޭގައި ނުތިބޭނެ: ރައީސް

03 މާޗް 2024

އަންނަ މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި އިންޑިއާ ސިފައިން ޔުނީފޯމްގައި ވިޔަސް، އަދި ކުލަ ހެދުމުގައި ވެސް ނުތިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އަންނަ މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި އިންޑިއާ ސިފައިން ޔުނީފޯމްގައި ވިޔަސް، އަދި ކުލަ ހެދުމުގައި ވެސް ނުތިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ބ. އޭދަފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް މި ސަރުކާރުން ކާމިޔާބުކަމާ އެކު ކުރާތީ، ދޮގު ހަދާ މީހުން އެ ކަން ވެސް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އެ މީހުން [އިންޑިއާ ސިފައިން] އެ ފައިބަނީއެއް ނޫނޭ ޔުނީފޯމް ބަދަލުކޮށްލައިގެން ކުލަ ހެދުމުގައި އަންނަނީއޭ، މި ކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ ހިތްތަކުގައި ޝައްކު އުފައްދައި ދޮގު ފެތުރުމަކީ ފުރުސަތު ދީގެން ވާނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

"10 މެއި އަންނަ އިރު ނުތިބޭނެ ރާއްޖޭގައި އިންޑިއާ ސިފައިންނެއް. އެއީ ޔުނީފޯމް ގަތޯ، ކުލަ ހެދުމުގަތޯ އެއް ނޫން. އެއްވެސް ކަހަލަ ހެދުމެއްގައި އިންޑިއާ ސިފައިންނެއް މި ރާއްޖެއަކު ނުތިބޭނެ. އެކަން ޔަގީންކަމާ އެކު ދަންނަވަން."

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބާލަން ދެ ގައުމުން އެއްބަސްވެފައި ވަނީ މި އަހަރުގެ މޭ 10 ގެ ނިޔަލަށެވެ. ފުރަތަމަ ބާލަނީ އައްޑޫގައި އޮންނަ ހެލިކޮޕްޓަރު ދުއްވަން ތިބި އިންޑިއާ ސިފައިންނެވެ. އޭގެ ފަހުން ހދ. ހަނިމާދު އާއި ލ. ކައްދޫގައި ތިބި ސިފައިން ވެސް ބާލަން ވަނީ އެއްބަސްވެފަ އެވެ.

އިންޑިއާ ސިފައިން ބާލަން އެ ގައުމުން އެއްބަސްވެފައިވަނީ ސިފައިން ތިބި އަދަދަށް އުޅަނދުތައް އޮޕަރޭޓް ކުރަން އިންޑިއާގެ މަދަނީ މީހުން ގެންނަ ގޮތަށެވެ. އޭގެ ތެރެއިން އައްޑޫގައި އޮޕަރޭޓް ކުރާ ހެލިކަޕްޓަރު ދުއްވަން ސިފައިންގެ ބަދަލުގައި މަދަނީ މީހުން މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ.

މަދަނީ މީހުންގެ ގޮތުގައި ވެސް އިންޑިއާ އިން ފޮނުވަނީ ސިފައިން ކަމަށާއި އެކަން ސަރުކާރުން ޔަގީން ކުރާނެ ގޮތެއް ނޯންނާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.

ރައީސް މުއިއްޒު އޭދަފުށީގައި ވާހަކަފުޅު ދައްކަވަނީ: ކުލަ ހެދުމުގައި ވެސް އިންޑިއާ ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމަށް ރައީސް ވިދާޅުވި

ރައީސް މުއިއްޒު އޭދަފުށީގައި ވާހަކަފުޅު ދައްކަވަނީ: ކުލަ ހެދުމުގައި ވެސް އިންޑިއާ ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމަށް ރައީސް ވިދާޅުވި

ރާއްޖޭގައި ގާއިވެގެ ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އެ މަނިކުފާނު ވަނީ އިންޑިއާ އަށް އެ ހުށަހެޅުއްވުން ހުށަހަޅުއްވައިފަ އެވެ. އަދި މިހާތަނަށް ދެ ގައުމުގެ އިސްބޭފުޅުންގެ މެދުގައި ދެ ބުރެއްގެ މަތިން މަޝްވަރާތައް ބޭއްވި އެވެ.

ރައީސް ވިދާޅުވެފައި އޮތީ އިންޑިއާ ސިފައިން ބާލާނީ ޑިޕްލޮމަސީގެ ހަމަތަކުގެ ތެރެއިން ދެ ސަރުކާރުގެ ދެމެދުގައި މަޝްވަރާތައް ކޮށްގެން ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ހަގީގީ މިނިވަންކަން ކަށަވަރު ކުރުމަކީ އެ މަނިކުފާނު އެންމެ އިސްކަމެއް ދީގެން ކުރައްވާ މަސައްކަތް ކަމަށެވެ. އިންޑިއާ ސިފައިން ފޮނުވާލުމުގެ އިތުރުން ރާއްޖޭގެ ދެކުނުގެ ސަރަހައްދުން ގެއްލިފައިވާ ކަނޑުގެ ބައި ހޯދުމުގެ މަސައްކަތް ވެސް ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަން ކާމިޔާބު ވާނެ ކަން އަޅުގަނޑަށް ޔަގީންކަން އެބަ އޮތް. އެކަން ކުރަން ގިނަ ވަގުތު ނަގަނީ އެކަން ކޮށްފައިވާލެއް ގޯސްކަމުން. ރައްޔިތުންގެ މަޖިލީހަށް ވެސް ނުގެނެސް އެ ކަން ކޮށްފައި އޮތީ. ގާނޫނުއަސާސީއާ ވެސް ހިލާފަށް،" ރައީސް ވިދާޅުވި އެވެ.

"މި ކުރާ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި އެބަ ކުރިއަށް ގެންދަން."