Roadha Mihaaru
ރައީސް: ރުންކުރުވެގެން އިންޑިއާ ސިފައިން ނުބޭލޭނެ

އިންޑިއާ ސިފައިން ބޭލުމުގެ ކަންކަން: ރައީސް ވިދާޅުވީ ރުންކުރުވެގެން އެކަން ހާސިލު ނުވާނެ ކަމަށް

07 ފެބުރުއަރީ 2024

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމުގެ ކަންކަން ކުރިއަށް ގެންދަނީ ޑިޕްލޮމަސީގެ ރީތި ހަމަތަކުގެ މަތިން ކަންކަން ރަނގަޅަށް ކިޔައިދީގެން ކަމަށާއި ރުންކުރު އުސޫލުން ކަންކަން ހާސިލް ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމުގެ ކަންކަން ކުރިއަށް ގެންދަނީ ޑިޕްލޮމަސީގެ ރީތި ހަމަތަކުގެ މަތިން ކަންކަން ރަނގަޅަށް ކިޔައިދީގެން ކަމަށާއި ރުންކުރު އުސޫލުން ކަންކަން ހާސިލް ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ، ތ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ވޭމަންޑޫގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑުމެންގެ ގައުމަކީ މިނިވަން ޑިމޮކްރެޓިކް ގައުމެއްކަން އެންމެންނަށް ވެސް ގަބޫލު ކުރެވޭ ގޮތަށް ރަނގަޅަށް ކިޔައިދީގެން ހާސިލް ކުރެވޭ ކަންކަން. އަޅުގަނޑުމެން ދިވެހިންނަކީ ސުލްހަ އަށް ލޯބިކުރާ ބައެއް ކަމާއި އަޅުގަނޑުމެން ދިވެހިން ބޭނުންވަނީ އަމިއްލަ ވަންތަ ގައުމެއްގެ ގޮތުގައި އޮތުމަށް ކަމާއި އަޅުގަނޑުމެން ނިންމާ ނިންމުންތައް ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރެވިގެންދާ ގައުމެއްގެ ގޮތުގައި އޮންނަން ކަމާއި އިގުތިސާދީ ގޮތުން ބާރުވެރި ކުރެވިފައިވާ، އަމިއްލަ ބާރުވެރިކަން އޮތް ގައުމަކަށް ވާން ކަން އެންމެންނަށް ވިސްނައިދީގެން ކަންކަން ކުރަން އުޅުނީމާ ކަންކަން ހާސިލް ވާނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ރުންކުރު އުސޫލު ބޭނުންކޮށްގެންނެއް ކަންކަމެއް ހާސިލެއް ނުވާނެ."

ރައީސް ވިދާޅުވީ، ދުރުގައި ހުރެގެން ކަންކަމަށް ފާޑުކިޔަން ވަރަށް ފަސޭހަވާނެ ކަމަށާއި އެކަމަކު އެ ފާޑުކިޔުންތަކުގެ ސަބަބުން ކަންކަމުގެ ހަގީގަތް ނުގެއްލޭނެ ކަމަށެވެ.

ރައީސް މުއިއްޒު ރޭ ވެސް ވިދާޅުވީ، ރާއްޖެ އާއި އިންޑިއާ އިން މިހާރު ފަށާފައިވާ މަޝްވަރާގައި ދެ ގައުމުން އެއްބަސްވި ގޮތަށް އިންޑިއާ ސިފައިން ރާއްޖެ އިން ފައިބައިގެން ދާނެ ކަމަށެވެ.

އެހެންވީމާ ކަނޑުގެ އަޑި އާއި ވަޔާއި ކަނޑާއި އެއްގަމާއި ހުރިހާ ތަނެއް ވެސް އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ އަށް އަޅުގަނޑުމެން ބަލަހައްޓާނީ. އަމިއްލަ އަށް އެކަން ކުރާނީ. އިރާދަކުރެއްވިއްޔާ އަމިއްލަ ވަންތަ، މިނިވަން ގައުމެއްގެ ގޮތުގައި މި ގައުމު ދަމަހައްޓާނީ."--- ރައީސް މުއިއްޒު

އެއީ ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބި ތިން ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދުގައި ގާއިމްވި ތިބި ސިފައިން އަންނަ މާޗު 10 ގެ ނިޔަލަށް އަދި ބާކީ ހުރިހާ ސިފައިން މޭ 10 ގެ ނިޔަލަށް ރާއްޖެ ފައިބައިގެން ދިއުމެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވެސް ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ރާއްޖެ އިން އިންޑިއާގެ ސިފައިން ބާލާނީ ޑިޕްލޮމެސީގެ ރީތި އުސޫލުގެ ތެރެއިން ކަމަށެވެ. އެހެންވެ، ދެ ގައުމުން ވަނީ މަތީ ފެންވަރުގެ ޓީމެއް އެކުލަވާލައި މަޝްވަރާތައް ފަށައިފަ އެވެ. މިހާތަނަށް ދެ ބައްދަލުވުން ބާއްވައި އެއްބަސްވުންތަކެއް ވަނީ ވެފަ އެވެ.

"އިރާދަކުރެއްވިއްޔާ އެ ގޮތުގައި މަސައްކަތްތައް މި ހިނގަނީ. އަޅުގަނޑުމެންގެ ގައުމުގެ ކަންކަން ބައްޓަން ކުރުމުގައި މި ނޫން ގޮތެއް ހިޔާރު ކޮށްގެންނެއް ވާނެ މޮޅެއް ނޯންނާނެ. އަޅުގަނޑުމެންނަށް އެނގެން އެބަޖެހޭ ކަންކަން ހިނގާނީ ކަންކަން ކޮން ގޮތަކަށް ކަންކަން ކުރީމާ ކަން. މިއީކީ ރޮކެޓް ސައެންސެއް ނޫން. ސާފުކޮށް ފެންނަން އޮތް ކަމެއް،" އިންޑިއާ ސިފައިން ބޭލުމުގެ މައްސަލާގައި ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމުގައި ދިވެހި ސަރުކާރަށް ކާމިޔާބު ލިބޭތީ ބަޔަކު މަސައްކަތް ކުރަނީ ކަންކަން އޮޅުވައިލާން ކަމަށެވެ. ވިދާޅުވީ، ދިވެހިން ހަވާލުކުރި އެއްވެސް ކަމެއް ނުކޮށް މި ސަރުކާރުން އެންމެ އިންޗިއަކަށް ވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.

ހައިޑްރޮގްރެފިކް ސާވޭ ދެން ހަދާނީ ދިވެހިން

ރާއްޖޭގެ އިންތަކާ ކަނޑުއަޑީގެ ޗާޓުތައް ކުރަހައި ކަންކަން ބެލުމުގެ ބޮޑެތި އިހުތިޔާރުތަކެއް އިންޑިއާ އަށް ލިބިދީފައިވާ އެއްބަސްވުން އާ ނުކުރަން މި ސަރުކާރުން ވަނީ ނިންމައި އެކަން އެ ގައުމަށް އަންގައިފަ އެވެ.

ރޭގެ ވާހަކަފުޅުގައި ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ކަނޑުއަޑި ސާވޭކޮށް، މެޕް ހަދައިގެން އެހެން ބަޔަކު އެ ގެންދިއުމަށް ދިވެހިން ބޭނުން ނުވާ ކަމަށާއި ހައިޑްރޮގްރެފިކް އެއްބަސްވުން އިންޑިއާއާ އެކު އާ ނުކުރަން ނިންމީ އެހެންވެ ކަމަށެވެ. އެއްވެސް ގައުމަކަށް އެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި ހިމެނޭ ކޮންމެ އެއްޗަކީ ދިވެހިންގެ މިލްކެއް ކަމަށާއި ރާއްޖޭގެ ކަނޑު އަޑީގައި ކޮންމެ އެއްޗެއް އޮތަސް އެނގެން ޖެހޭނީ ދިވެހިންނަށް ކަމަށެވެ.

"އޭގެ ސްކޭންކޮށް، މެޕްކޮށް ހަދައިގެން އެހެން ބަޔަކު ގެންގޮސް އަދި އަޅުގަނޑުމެން އެ ލާރި ދީގެން ގަނެ، މިއީ ކޮން ސަކަރާތެއްތޯ؟ މިހެން ހަދާފައި އޮތް އެއްބަސްވުމެއް ވީމާ އަޅުގަނޑުމެން ބޭނުން ނުވީ އާ ކުރަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވޭމަންޑޫގެ މީހުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ.

ރައީސް މުއިއްޒު ވޭމަންޑޫގެ މީހުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ.

ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ކަނޑު އަޑީގެ ހައިޑްރޮގްރެފިކް ސާވޭ ދެން ހަދާނީ ދިވެހި އަސްކަރިއްޔާ އިންނެވެ. އެކަމަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތް ވަނީ ފަށާފައި ކަމަށް ވިދާޅުވި އެވެ. ރައީސް މިހާރު ކުރަނީ އެ ކަމަށް ބޭނުންވާ ބަޖެޓު ޑިފެންސް މިނިސްޓްރީ އަށް ހަމަޖައްސައިދިނުމުގެ ކަންކަމަށް ކަމަށެވެ

"ހަމަޖެހުނުހާ އަވަހަކަށް އެ ގަންނަންޖެހޭ ސޮފްޓްވެއާ އާއި ހާޑްވެެއާ އާއި ހުރިހާ އެއްޗެއް ގަނެގެން އަޅުގަނޑުމެން އަމިއްލަ އަށް އެ މަސައްކަތް ކުރާނީ. އެހެން ބަޔަކު ކޮންމެހެން ނުޖެހޭނެ ހޯދާކަށެއް، ގެންނާކަށެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމާ ކަނޑުގެ އަޑި އާއި ވަޔާއި ކަނޑާއި އެއްގަމާއި ހުރިހާ ތަނެއް ވެސް އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ އަށް އަޅުގަނޑުމެން ބަލަހައްޓާނީ. އަމިއްލަ އަށް އެކަން ކުރާނީ. އިރާދަކުރެއްވިއްޔާ އަމިއްލަ ވަންތަ، މިނިވަން ގައުމެއްގެ ގޮތުގައި މި ގައުމު ދަމަހައްޓާނީ."