Roadha Mihaaru
ޕީޖީއަށް ހަމަލާދިން މީހުން ޝަރީއަތް ނިމެންދެން ބަންދު

ޕީޖީ ޝަމީމް އަށް ހަމަލާ ދިން ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް

01 ފެބުރުއަރީ 2024

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް އިއްޔެ ހެނދުނު ދިން ހަމަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް އިއްޔެ ހެނދުނު ދިން ހަމަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

އެ މައްސަލާގައި ދެ މީހުން ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކުރީ މިއަދެވެ. އެއީ ރ. އަލިފުށީ، ރިވެލި މިދުހަތު އާދަމް، 23 އާއި ލ. ގަމު ތުނޑިއަވަށް، ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާން، 22 އެވެ. އެ ދެ ޒުވާނުންގެ މާލޭގެ އެޑްރެހެއް ކަމަށް ކޯޓު އަމުރުގައި ވަނީ ހ. ފެނިގެއްލިދާގެ އެވެ.

ފުލުހުން މިރޭ ބުނީ، ހައްޔަރުކުރި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރު މިއަދު ކްރިމިނަލް ކޯޓުން ނެރެފައިވާ ކަމަށެވެ.

ޕީޖީ ޝަމީމަށް ހަމަލާ ދީފައި ވަނީ އޭނާ އިއްޔެ ދަރިފުޅު ސްކޫލަށް ގެންގޮސް، އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތީގައި، ގޭގެ ދޮރުމަތިންނެވެ. ސައިކަލެއްގައި ފާރަލަމުން ދިޔަ ދެ މީހަކު މަރުތޭލަކުން ޝަމީމްގެ އަތުގައި ޖެހިޖެހީނުން އޭނާގެ އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ވަނީ ރެނދުލައިފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ ޕީޖީ ޝަމީމަށް ދިން ހަމަލާ ފުލުހުން ބަލަމުން އަންނަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

ޕީޖީ ޝަމީމަށް ހަމަލާ ދިނީ ކާކުކަން ނޭނގޭ ގޮތަށް، ވަރަށް ބޮޑަށް ރޭވިގެން ކަމަށާއި އެ ކަހަލަ އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވޭތުވެދިޔަ ތަނުގައި ހިންގާފައިވާ އެކަހަލަ ކަންތައްތަކަށް ބަލާއިރު މި ހަމަލާގެ ފަހަތުގައި ވެސް އިތުރު ބަޔަކު ތިބުން އެކަށީގެންވާ ކަމަށް ފުލުހުން ބުންޏެވެ.