Roadha Mihaaru
ވެލާގެ ސާވިސް ޗާޖު: މުވައްޒަފަކަށް 72،000ރ.

ވެލާ އިން ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 72،000 ރުފިޔާ

01 ފެބުރުއަރީ 2024

ރާއްޖޭގައި ހިންގާ އެންމެ މަތީ ފެންވަރުގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ވެލާ ޕްރައިވެޓް އައިލެންޑުގެ ޖެނުއަރީ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 4،693 ޑޮލަރު (72،366ރ.) ލިބިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި ހިންގާ އެންމެ މަތީ ފެންވަރުގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ވެލާ ޕްރައިވެޓް އައިލެންޑުގެ ޖެނުއަރީ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 4،693 ޑޮލަރު (72،366ރ.) ލިބިއްޖެ އެވެ.

މިއީ މިދިޔަ މަހު އެންމެ މަތިން ސާވިސް ޗާޖު ލިބުނު ރިސޯޓެވެ. ވެލާގައި ގާތްގަނޑަކަށް 50 ކޮޓަރި ހުންނަ އިރު އެތަނުގައި މަސައްކަތް ކުރަނީ 300 އެއްހާ މުވައްޒަފުންނެވެ. އެހެން ކަމުން ވެލާއިން ޖެނުއަރީ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި 1.4 މިލިއަން ޑޮލަރު (22 މިލިއަން ރުފިޔާ) ހޭދަކުރާނެ އެވެ.

ރިސޯޓް ވޯކާސް މޯލްޑިވްސްގެ ފޭސްބުކް ޕޭޖުގައިވާ ގޮތުން ދެ ވަނައަށް އެންމެ ބޮޑު ސާވިސް ޗާޖެއް ލިބުނީ، ފަރި އައިލެންސްގެ ރިޒް ކާލްޓަން އަށެވެ. އެ ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 4،283 ޑޮލަރު (66،000ރ.) ލިބުނެވެ.

ރިޒް ކާލްޓަންގައި 750 މުވައްޒަފުން އުޅެ އެވެ. އެހެންވެ މި ރޭޓުން ބަލައިފި ނަމަ ޖެނުއަރީ މަހު ސާވިސް ޗާޖުގެ ގޮތުގައި އެ ރިސޯޓުން 3.2 މިލިއަން ޑޮލަރު (50 މިލިއަން ރުފިޔާ) ހޭދަކުރާނެ އެވެ.

ތިން ވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ލިބުނީ ޝެވަލް ބްލަންކް ރަންދެލި ރިސޯޓުގެ މުވައްޒަފުންނަށެވެ. އެއީ، ކޮންމެ މުވައްޒަފަކަށް 3،525 ޑޮލަރު (54،000ރ.) އެވެ. އޭގެ އިތުރުން ވޮލްޑޯފް އެސްޓޯރިއާ އާއި ޖޯލި މޯލްޑިވްސްގެ މުވައްޒަފުންނަށް ވަނީ ސާވިސް ޗާޖުގެ ގޮތުގައި 2،800 ޑޮލަރު (43،176ރ. ލިބިފައިވެ އެވެ.

އެންމެ ބޮޑު ސާވިސް ޗާޖެއް ލިބުނު 10 ރިސޯޓު

1. ވެލާ ޕްރައިވެޓް އައިލެންޑް : 4،693 ޑޮލަރު (72،366ރ.)

2. ރިޒް ކާލްޓަން : 4،283 ޑޮލަރު (66،044ރ.)

3. ޝެވަލް ބްލަންކް ރަންދެލި : 3،525 ޑޮލަރު (54،356ރ.)

4. ވޮލްޑޯފް އެސްޓޯރިއާ އިތާފުށި : 2،897 ޑޮލަރު (44،671ރ.)

5. ޖޯލި މޯލްޑިވްސް : 2،817 ޑޮލަރު (43،438ރ.)

6. ފޯ ސީޒަންސް : 2،758 ޑޮލަރު (42،528ރ. )

7. ސޮނޭވާފުށި : 1،931 ޑޮލަރު (29،776ރ.)

8. ސެއިންޓް ރެޖިސް މޯލްޑިވްސް : 1،812 ޑޮލަރު (27،941ރ.)

9. ސޮނޭވާ ޖާނީ :1،723 ޑޮލަރު (26،567ރ.)

10. ޖޯލި ބީން : 1،552 ޑޮލަރު (23،932ރ.)

ޖެނުއަރީ މަހަކީ ރިސޯޓުތަކުން އެންމެ ބޮޑު ސާވިސް ޗާޖު ލިބޭ މަހެވެ. މިދިޔަ މަހު ގިނަ ރިސޯޓުތަކަކުން ވަނީ ސާވިސް ޗާޖުގެ ގޮތުގައި 1،000 ޑޮލަރަށް ވުރެ ބޮޑު އަދަދެއް ލިބިފަ އެވެ.

ރާއްޖޭގެ ހުރިހާ ޓޫރިސްޓް ފެސިލިޓީއަކުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓު ނެގުން މިހާރު ވަނީ ގާނޫނީ ގޮތުން މަޖުބޫރު ކޮށްފަ އެވެ. ސާވިސް ޗާޖު ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ބައި ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް އޮވެ އެވެ.