Roadha Mihaaru
ކައުންސިލަށް ބަދަލުވާން އަންގައި ފޮނުވި ސިޓީތައް ބާތިލު

ކައުންސިލަށް ބަދަލުވާން އަންގައި އެޗްޑީސީން މުވައްޒަފުންނަށް ފޮނުވި ލިޔުންތައް ބާތިލުކޮށްފި

31 ޖެނުއަރީ 2024

އެޗްޑީސީގެ މުނިސިޕަލް މުވައްޒަފުންގެ ތެރެއިން މާލޭ ސިޓީ ކައުންސިލަށް ބައެއް މުވައްޒަފުން ބަދަލުކުރުމަށް އަންގައި އެކަމުގެ ލިޔުން މުވައްޒަފުންނަށް ހަވާލުކުރުމަށް ފަހު އެ ސިޓީތައް ބާތިލުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އެޗްޑީސީގެ މުނިސިޕަލް މުވައްޒަފުންގެ ތެރެއިން މާލޭ ސިޓީ ކައުންސިލަށް ބައެއް މުވައްޒަފުން ބަދަލުކުރުމަށް އަންގައި އެކަމުގެ ލިޔުން މުވައްޒަފުންނަށް ހަވާލުކުރުމަށް ފަހު އެ ސިޓީތައް ބާތިލުކޮށްފި އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒި އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ހުޅުމާލޭގެ ރަށްވެހިކަން ކައުންސިލުގެ ދަށަށް ބަދަލުކޮށް އެކަކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. އެޗްޑީސީން ބަލަހައްޓަމުން އައި މުނިސިޕަލް ހިދުމަތްތައް ކައުންސިލަށް ބަދަލުކުރަނީ މާދަމާއިން ފެށިގެންނެވެ.

އެއާ އެކު ނިންމީ އެޗްޑީސީގައި މަސައްކަތްކުރާ މުނިސިޕަލް ހިދުމަތްދޭ މީހުން ކައުންސިލުގެ ދަށަށް ބަދަލުކުރާށެވެ. އެކަމަކު އޭގެ ތެރެއިން ބައެއް މީހުން ކައުންސިލަށް ބަދަލުވާން ބޭނުމެއް ނުވެ އެވެ.

އެ ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މީހަކު "މިހާރު" އަށް ބުނި ގޮތުގައި އޭނާއަށް ކައުންސިލަށް ބަދަލުވުމަށް އަންގައި، އެކަމުގެ ލިޔުން އިއްޔެ ހަވާލުކުރި އެވެ. އެކަމަކު ކައުންސިލަށް ޓްރާންސްފާކުރަން ފޮނުވި ލިޔުން ބާތިލުކުރިކަން އަންގައި ރޭ ދަންވަރު އެކެއް ޖަހަނިކޮށް މެސެޖްކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ. އެޗްޑީސީގައި އެ މީހުން އަދާކުރަމުން އަންނަ ވަޒީފާއަށް ނުކުމެވޭނެ ކަމަށް އެ މެސެޖުގައިވެ އެވެ.

އިއްޔެ ވަނީ އެޗްޑީސީން ކައުންސިލަށް ބަދަލުވާން ބޭނުންނުވާ މީހުންނަށް ވެސް މުނިސިޕަލް ހިދުމަތް ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުމުން އެ ޑިޕާޓްމަންޓުގައި މަސައްކަތްކުރަމުން އައި މުވައްޒަފުން ކުރާނެ ކަމެއް ނޯންނާނެ ކަމަށް ބުނެ ވަޒީފާ އިން ވަކިވާން އަންގައި ލިޔުމެއް ފޮނުވައިފަ އެވެ.

ތިން މަހުގެ މުސާރައާ އެކު ވަޒީފާ އިން ވަކިވުމުގެ ފުރުސަތުދީ ފޮނުވި އެ ލިޔުމުން ބާތިލުކުރިކަމެއް ސާފެއް ނުވެ އެވެ. އެކަމާ ގުޅިގެން އެޗްޑީސީގެ ބަހެއް ވެސް ނުލިބެ އެވެ.

ކައުންސިލަށް ބައެއް މުވައްޒަފުން ބަދަލުވާން ބޭނުންނުވަނީ އެ މީހުންނަށް އެޗްޑީސީގައި ލިބެމުން އައި އެލަވަންސްތަކާއި އަހަރީ ބޯނަސް ވެސް އަދި އޮތީ އެއް އަހަރުގެ މުއްދަތަކަށް ލިބޭ ގޮތަށްކަމަށްވާތީ އެވެ. ދާއިމީ ގޮތެއްގައި އެ ލިބޭނެކަމުގެ ޔަގީންކަމެއް ނެތުމުން އެކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް މިފަހުން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެއް އަހަރަށް ފަހު ވެސް އިނާޔަތްތައް އުނި ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

އެކަމަކު އެމީހުންނާ އެކު އެއްބަސްވުން ހަދާފައި ވަނީ އެއް އަހަރުގެ މުއްދަތަކަށް ކަމަށްވާތީ އެ ޔަގީންކަން އެމީހުންގެ ނެތެވެ.

އެޗްޑީސީގެ މުނިސިޕަލް ހިދުމަތް ދިނުމުގައި އުޅޭ 600 އަށް ވުރެ ގިނަ މުވައްޒަފުން ކައުންސިލަށް ބަދަލުކުރާނެ ކައުންސިލުން ބުނެ އެވެ.

އެޗްޑީސީގެ ދަށުން ހިންގި މުނިސިޕަލް ހިދުމަތްތައް ކައުންސިލަށް ބަދަލުކުރުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. ކުރިން މޭޔަރު ކަމުގައި މުއިއްޒު ހުންނެވިއިރު ހުޅުމާލޭ ބިމުގެ އިހްތިސާސް އަދި މިލްކުވެރިކަމާ ގުޅޭ ގޮތުން އެޗްޑީސީ އާއި ކައުންސިލާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދި ބޮޑު ކޯޅުމަކަށް ވެސް ދިޔަ އެވެ. އެކަމަކު ޕީޕީއެމްގެ މެޖޯރިޓީ އޮތް ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ 2021 ގައި ބާތިލުކުރުމުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުން އެކަން ނިމުނީ ހުޅުމާލެއަކީ އެޗްޑީސީގެ ބިމެއްގެ ގޮތުގަ އެވެ.