Roadha Mihaaru
ސިޔާސީ ބަދަލުހިފަން ރައީސް ވަކިކުރުން ބަލައެއް ނުގަނެވޭ

ސިޔާސީ ގޮތުން ބަދަލުހިފުމުގެ ނިޔަތުގައި ރައީސް ވަކިކުރަން ހުށަހެޅުމަކީ ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުން: ގާސިމް

31 ޖެނުއަރީ 2024

ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫހެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރުމަށް މަސައްކަތް ކުރުމަކީ ދިވެހިންގެ ނިންމުމުގައި ކޮޅުފައިން ޖެހުން ކަމަށް ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫހެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރުމަށް މަސައްކަތް ކުރުމަކީ ދިވެހިންގެ ނިންމުމުގައި ކޮޅުފައިން ޖެހުން ކަމަށް ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވި ރައީސް ޑރ. މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފާސްކޮށްފައިވާތީ ކުރެއްވި ޓުވީޓެއްގަ އެވެ. މަޖިލީހުގެ ގަވައިދަށް ގެނެސްފައިވާ ބަދަލާ އެކު، އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ވޯޓުން ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރެވިދާނެ އެވެ.

ގާސިމް މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވިތާ ދެ މަސްވެފައި ވަނިކޮށް، ނިމެމުންދާ މަޖިލީހުގެ ދައުރެއްގެ ތެރެއިން މިފަދަ ކަމެއް ކުރަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ހޮވާފައިވާ ރައީސް ޑރ. މުއިއްޒު ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު ނުވާހާ ހިނދަކު، އަދި ރައީސް ކަމުގެ ޝަރުތެއް އުނިނުވާހާ ހިނދަކު ރައީސްގެ މަގާމުން ވަކިކުރުމަކީ ދިވެހިންގެ ނިންމުމުގައި ކޮޅުފައިން ޖެހުން ކަމަށް ދެކޭ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"މަޖިލީހުގެ މެޖޯރިޓީ އޮތަތީވެ، ހަމަ ތިބެފައި ޖެއްސުމަށް ކޮށްލާ ކަމަކަށް މިފަދަ ކަންކަން ކުރުމަކީ ގައުމުގެ ދުސްތޫރީ ހަމަތަކާއި ޑިމޮކްރަސީގެ އުސޫލުތަކާ ވެސް މުޅީން ހިލާފު އަމަލެކެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ގައުމަށް ލިބެގެން ދާނީ އިތުރު ހިތާމަ އާއި ނިކަމެތި ކަމެވެ،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވަނީ ރައީސް ޑރ. މުއިއްޒު މަގާމުން ވަކިކުރުމަށް އިދިކޮޅުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ނަސޭހަތްތެރިވެވޑައިގެންފަ އެވެ.

ގާސިމް ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުއިއްޒު މިހާތަނަށް ވެރިކަން ކުރައްވަމުން ގެންދަވަނީ ދިވެހި ގައުމާއި ދިވެހިންނަށް ކުރިއެރުން ހާސިލު ކޮށްދެއްވުމަށެވެ. އެހެންވެ، ރައީސަށް ގާނޫނީ ވެރިކަން ހިންގުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ދޭން ޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.