Roadha Mihaaru
ބާސާގެ ލިސްޓަށް ކްލޮޕާއި ޓުޗެލް އަދި ފްލިކް

ބާސާގެ ލިސްޓަށް ޖަރުމަނުގެ ތިން ކޯޗުން؛ ކްލޮޕާއި ޓުޗެލް އަދި ފްލިކް

30 ޖެނުއަރީ 2024

ބާސެލޯނާ (ޖެނުއަރީ 30) - ބާސެލޯނާގެ ކޯޗުގެ މަގަމަށް ޖަރުމަނުގެ ޔާގަން ކްލޮޕާއި ތޯމަސް ޓުޗެލް އަދި ހެންސް ޑިއެޓާ ފްލިކްގެ ތެރެއިން، ކޮންމެ ވެސް އެކަކު ހަމަޖެއްސުން ގާތްކަމަށް އެ ގައުމުގެ މީޑީއާތަކުން ބުނެފި އެވެ.

ބާސެލޯނާ (ޖެނުއަރީ 30) - ބާސެލޯނާގެ ކޯޗުގެ މަގަމަށް ޖަރުމަނުގެ ޔާގަން ކްލޮޕާއި ތޯމަސް ޓުޗެލް އަދި ހެންސް ޑިއެޓާ ފްލިކްގެ ތެރެއިން، ކޮންމެ ވެސް އެކަކު ހަމަޖެއްސުން ގާތްކަމަށް އެ ގައުމުގެ މީޑީއާތަކުން ބުނެފި އެވެ.

ބާސާގެ މިހާރުގެ ކޯޗު ޒަވީ ހެނާންޑޭޒްގެ އެއްބަސްވުމުގައި ބާކީ ދޮޅު އަހަރު އެއްވައި، އޭނާ ވަނީ މި ސީޒަނަށް ފަހު ބާސާ ދޫކޮށްލާނެކަން އިއުލާން ކޮށްފަ އެވެ.

އޭނާގެ މަގާމު ފޫބައްދާނެ ކޯޗަކާ މެދު، އެންމެ ބޮޑަށް ވާހަކަ ދައްކަނީ ޖަރުމަނުގެ މީޑީއާތަކުންނެވެ. ސަބަބަކީ އެ ގައުމުގެ ތިން ކޯޗުން ބާސާގެ ފޭވަރިޓުންގެ ލިސްޓުގައި ހިމެނޭތީ އެވެ.

ޖަރުމަނުގެ "ބިލްޑް" ނޫހުން ބުނީ ބާސާގެ މަގާމާ ހަވާލުވުން އެންމެ ގާތީ، އެ ގައުމުގެ ގައުމީ ޓީމާއި ބެޔާން މިޔުނިކްގެ ކުރީގެ ކޯޗު ފްލިކް ކަމަށެވެ. ފްލިކްގެ ކޯޗުކަމުގެ ދަށުން ބެޔާނުން ވަނީ 2020 ގައި ސީޒަނުގެ ތިން ތަށި ހޯދައިފަ އެވެ.

ލިވަޕޫލްގެ މިހާރުގެ ކޯޗު ކްލޮޕްގެ ނަން އެ ލިސްޓަށް އައީ، މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލާނެކަމަށް އޭނާ އިއުލާން ކުރިތާ އެއް ދުވަސް ފަހުން، ޒަވީ ވެސް ބާސާ ދޫކޮށްލާނެކަމަށް އިއުލާން ކުރުމުންނެވެ.

ބެޔާންއާ އެކު އަންނަ އަހަރު ޖޫން މަހުގެ ނިޔަލަށް ކޮންޓްރެކްޓް ހަދާފައިވާ ޓުޗެލްގެ ނަން، ބާސާއާ ގުޅުވައި ވާހަކަ ދައްކަން ފެށި، ސްޕެނީޝް ލީގުގައި މަސައްކަތް ކުރަން ޝައުގުވެރިވާކަމަށް އޭނާ ބުނުމުންނެވެ.

"ގައުމުން ބޭރަށް ބަދަލުވުމަކީ އަހަރެން އަދިވެސް ޝައުގުވެރިވާ ކަމެއް، ސްޕެއިންގައި އޮތީ ވަރަށް ރަނގަޅު ލީގެއް." ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޓުޗެލް ބުންޏެވެ.

"އަހަރެންގެ ނަޒަރުގައި، އަދި ސްޕޭނުގެ ކުޅުންތެރިންނާ އެކު މަސައްކަތް ކުރުމުގެ ތަޖުރިބާގެ އަލީގައި، އެ ކުޅުންތެރިން ސިފަވަނީ އަމިއްލަ ނަފްސަށް ވަރަށް ބޮޑު އިތުބާރެއް ހޯދައިގެން ކުޅޭ ކުޅުންތެރިންތަކެއްގެ ގޮތުގައި."

އެކަމަކު ބާސާގެ މަގާމު ފޫބައްދާނެކަމަށް، ސްޕެއިންގެ މީޑިއާތަކުން ލަފާ ކުރަނީ ބާސާގެ ޔޫތު ޓީމުގެ މިހާރުގެ ކޯޗު ރަފާ މާކުއޭޒް ހަމަޖައްސާނެ ކަމަށެވެ. އެ ލިސްޓަށް ރެއާލް ސޮސިއެޑާޑްގެ ކޯޗު އިމަނޯލް އަލްގުއާސިލް އެވެ.