Roadha Mihaaru
ރަސްމާލޭގައި 15،000 ފްލެޓު އަޅަން ހުށަހަޅައިފި

ހިޔާ ފްލެޓް ހެދި ކުންފުނިން ރަސްމާލޭގައި 15،000 ފްލެޓް އަޅަން ހުށަހަޅައިފި

29 ޖެނުއަރީ 2024

މި ސަރުކާރުން އަލަށް ތަރައްގީކުރަމުން އަންނަ ރަސްމާލޭގައި 15،000 ހައުސިން ޔުނިޓު އެޅުމަށް، ހިޔާ ފްލެޓުތައް ހެދި ޗައިނާގެ ކުންފުނިން ހުށަހަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި ސަރުކާރުން އަލަށް ތަރައްގީކުރަމުން އަންނަ ރަސްމާލޭގައި 15،000 ހައުސިން ޔުނިޓު އެޅުމަށް، ހިޔާ ފްލެޓުތައް ހެދި ޗައިނާގެ ކުންފުނިން ހުށަހަޅައިފި އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި، ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖީނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ) އިން ރަސްމާލޭގައި 15،000 ހައުސިން ޔުނިޓް އެޅުމަށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން އިކޮނޮމިކް ކައުންސިލުން ވަނީ، ހައުސިން މިނިސްޓްރީ އާއި އިންފްރަސްޓްރަކްޗާ މިނިސްޓްރީ ގުޅިގެން ކޮސްޓާއި ކޮލިޓީއާ ގުޅޭގޮތުން އިތުރަށް މަޝްވަރާކުރުމަށް ނިންމައިފަ އެވެ.

ފުށިދިއްގަރު ފަޅު ހިއްކައި، ރަސްމާލޭގެ ނަމުގައި ތަރައްގީކުރަން 1،153 ހެކްޓަރުގެ ބިން ހިއްކަން ވަނީ ހަމަޖައްސައިފަ އެވެ. މިހާތަނަށް 10 ހެކްޓަރު ހިއްކައި އިތުރު 29 ހެކްޓަރު ހިއްކަން ބަންޑެލް ވޯލް ޖަހާފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި އެވެ.

ޕީއެސްއެމްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ހައުސިން ޕްރޮޖެކްޓުގައި ބޭނުންކުރާނެ ޓެކްނޮލޮޖީ ބެލުމަށް ރާއްޖޭގެ ވަފުދެއް ޗައިނާއަށް ދާނެ ކަމަށެވެ. އެ ފަރާތުން މިހާރު ހުށަހަޅާފައިވާ މައުލޫމާތަށް ބަލާއިރު، އެ ޓެކްނޮލޮޖީން ދެ އަހަރާ ބައިގެ ތެރޭގައި 12،000 ހައުސިން ޔުނިޓު އަޅައި ނިންމާލެވޭނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

އެ ތަން ހިއްކަން ޑިސެމްބަރު 18، 2023 ގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގޯއްޗާއި ފްލެޓު ހިމެނޭގޮތަށް، ރަސްމާލޭގައި 65،000 ހައުސިން މަޝްރޫއު ކުރިއަށްގެންދާނެ ކަމަށް އިއުލާންކުރައްވައިފަ އެވެ.

ނަމަވެސް، އޭގެ އިތުރު މައުލޫމާތެއް އަދި ހާމައެއްނުކުރެ އެވެ.

އެ ތަން ހިއްކަމުން އަންނަނީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ސިވިލް މެރީން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)ންނެވެ. އެ މަޝްރޫއަށް ދައުލަތުން އެއްވެސް ހަރަދެއް ނުކުރެ އެވެ. އޭގެ ބަދަލުގައި އެ ކުންފުންޏަށް ދެނީ 70 ހެކްޓަރުގެ ބިމެކެވެ. އެއީ ރަސްމާލެއިން 60 އަދި ހުޅުމާލެއިން 10 ހެކްޓަރުގެ ބިމެވެ.

މުއްތަލިބް މީގެ ކުރިން ވިދާޅުވީ ފުށިދިއްގަރުފަަޅު ހިއްކަން 700 މިލިއަން ޑޮލަރު (10.7 ބިލިއަން ރުފިޔާ) އަށް ވުރެ ބޮޑު ހަރަދެއް ކޮންޓްރެކްޓަރުގެ އަތުން ހިނގާނެ ކަމަށެވެ.