ގއ. ވިލިނގިލީގައި ހާލު ދެރަވެ، އިތުރު ފަރުވާ އަށް މާލެ ގެނައުމަށް ގިނަ ވަގުތު ނެގި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ ނިޔާވި މައްސަލައިގައި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ވެރިން ހާޒިރުކޮށް، އިންކުއަރީއެއް ހިންގުމަށް ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ނިންމައިފި އެވެ.
21 ޖެނުއަރީ 2024
ގއ. ވިލިނގިލީގައި ހާލު ދެރަވެ، އިތުރު ފަރުވާ އަށް މާލެ ގެނައުމަށް ގިނަ ވަގުތު ނެގި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ ނިޔާވި މައްސަލައިގައި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ވެރިން ހާޒިރުކޮށް، އިންކުއަރީއެއް ހިންގުމަށް ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ނިންމައިފި އެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ވިލިނގިލި ހޮސްޕިޓަލުން ވެންޓިލޭޓަރަށް ލީ ކުއްޖާ މާލެ ގެނެވޭ ވަރުވީ ޖެހިގެން އައި ބުރާސްފަތި ދުވަހު އިރުއޮއްސެން އުޅެނިކޮށެވެ. ނަމަވެސް، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނިކޮށް އިއްޔެ ހެނދުނު 11:00 ހާއިރު ވަނީ ނިޔާވެފަ އެވެ.
އެ މައްސަލައިގައި ސަރުކާރުން އިހުމާލުވެފައިވާ ކަމުގެ ތުހުމަތު އަމާޒުވެފައިވާއިރު، ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މުގައްރިރު ޖީހާން މަހުމޫދު ވިދާޅުވީ، ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމުގައި އަމަލު ކުރާ އުސޫލަކީ ކޮބައިތޯ މުއައްސަސާތަކުގެ އިސްވެރިންނާ ސުވާލުކުރުމުގައި ބަލާނެ ކަމަށެވެ.
އެ ނިޒާމަކީ ކޮބައިކަން ދަނެގަނެ، ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރޭގައި މި ސަރުކާރުން ބަލި މީހުން އުފުލަން ޑޯނިއާ އާއި ހެލިކޮޕްޓަރު ބޭނުން ކުރުމަކީ އޮތް ކަމެއްތޯ ނުވަތަ ނޫންތޯ ސާފު ކުރާނެ ކަމަށާއި އެ ކަން ނެތް ނަމަ އޭގެ ބަދަލުގައި ހުށަހަޅާ ހިދުމަތަކީ ކޮބައިކަން ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެފަދަ މައްސަލަތަކުގައި އަމަލުކުރާ އެސްއޯޕީތައް ހުރިތޯ ބަލައި، ވިލިނގިލީ ކުއްޖާ އުފުލުމުގައި އެސްއޯޕީތަކަށް އަމަލުކުރެވިފައިވޭތޯއާއި އިހުމާލެއް ވާ ނަމަ ކާކުގެ އިހުމާލެއްތޯ ވެސް ބަލާނެ ކަމަށް ޖީހާން ވިދާޅުވި އެވެ.
"ނުރައްކާތެރި ހަރުކަށި ގައުމިއްޔަތެއްގެ ސަބަބުން ރައްޔިތުންގެ ފުރާނަ އަށް ގެއްލުން ވެދާނެ ފަދަ ކަންކަމަށް ފާރަވެރިވާން ޖެހޭ ކަން ހުރިހާ ބޭފުޅުން ވެސް ފާހަގަކުރެއްވި،" ޖީހާން ވިދާޅުވި އެވެ.
ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން -- ފޮޓޯ: މަޖިލިސް
ކޮމިޓީގައި ބައިވެރިވި ގިނަ މެންބަރުން ވަނީ އެ ކުއްޖާ އުފުލުމުގައި ސަރުކާރުގެ އިހުމާލު އޮތް ކަން މިހާތަނަށް އިދާރާތަކުން ނެރެފައިވާ ބަޔާންތަކުން ހާމަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި، މި މައްސަލައިގައި މޯލްޑިވިއަން އެއާލައިންގެ ފްލައިޓު ލަސްވިއިރު، އިމަޖެންސީގައި އިންޑިއާގެ ޑޯނިއާ ނުވަތަ ހެލިކޮޕްޓަރު ބޭނުން ނުކުރި ސަބަބެއް ސާފުވާން ޖެހޭ ކަން އެ މެމްބަރުން ފާހަގަކުރެއްވި އެވެ.
ޖީހާން ވަނީ މަޖިލިސް ރިސެސްގައި އޮތް ނަމަވެސް، މި މައްސަލަ ވީ އެންމެ އަވަހަށް ނިންމުމަށް ކޮމިޓީ މެންބަރުންގެ އެއްބާރުލުމަށް އެދިވަޑައިގެންފަ އެވެ.
އެ ކުއްޖާ ނިޔާވުމުގައި ފަރުވާގެ އިހުމާލެއް ނުވަތަ އެހެން ކަމެއް އުޅެނީތޯ ބަލަމުން އަންނަ ކަމަށާއި އިހުމާލެއް ވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ހަލީލް "މިހާރު" އަށް މިއަދު ވިދާޅުވި އެވެ.
ވިލިނގިލީގެ ކުއްޖާ ނިޔާވުމާ އެކު، ސަރުކާރުން ވަނީ ކުއްލި ހާލަތުގައި ބޭސްފަރުވާގެ ބޭނުމަށް މީހުން އުފުލުމުގައި ޝެޑިއުލް ފްލައިޓުތަކަށް ވުރެ އިސްކަން ދީގެން، ބަލި މީހުން އުފުލުމުގެ ދަތުރުތަކަށް އިސްކަންދޭ ގޮތަށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ އުސޫލު ރެއިން ފެށިގެން ބަދަލުކޮށްފަ އެވެ.
ދެމައިން މަރުވި މައްސަލާގައި އިހުތިޖާޖުކޮށްފި
އަލަތު ފިރިހެން ދަރިފުޅާ އެކު އުމުރަށް ވަކިވީ!
"ހޮސްޕިޓަލަށް އިތުބާރު ލިބޭނީ ބަދަލުތައް ގެނެސްގެން"
ދެމައިން ނިޔާވި މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރަނީ
ދެމައިން މަރުވި މައްސަލަ ހެލްތުން ބަލަން ފަށައިފި
އެޗްއާރުސީއެމްއިން ކުރީ މުސާރަ ކުޑަވުމުގެ ޝަކުވާ!
ކުއްޖާގެ މަރާ ގުޅިގެން 6 އިދާރާއެއް ކޮމިޓީއަށް
ކުއްޖާ ނިޔާވީ އިހުމާލަކުންތޯ ބަލަން ފަށައިފި
ރައީސް އެންގެވީ ބަލި މީހުން އުފުލުން އިސްލާހުކުރަން
ވިލިނގިލިން މާލެ ނުގެނެވި ލަސްވި ކުއްޖާ ނިޔާވެއްޖެ