Roadha Mihaaru
ކުއްޖާގެ މަރާ ގުޅިގެން 6 އިދާރާއެއް ކޮމިޓީއަށް

ކުއްޖާ މަރުވި މައްސަލައިގައި ހަ އިދާރާއެއްގެ ވެރިން ހޯމަ ދުވަހު ހިއުމަން ރައިޓްސް ކޮމިޓީއަށް ހާޒިރުކުރަނީ

25 ޖެނުއަރީ 2024

ގއ. ވިލިނގިލީގައި ހާލު ދެރަވެ، އިތުރު ފަރުވާ އަށް މާލެ ގެނައުމަށް ގިނަ ވަގުތު ނެގި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ ނިޔާވި މައްސަލައިގައި ހަ އިދާރާއެއްގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހޯމަ ދުވަހު ހާޒިރުކުރަން ނިންމައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ގއ. ވިލިނގިލީގައި ހާލު ދެރަވެ، އިތުރު ފަރުވާ އަށް މާލެ ގެނައުމަށް ގިނަ ވަގުތު ނެގި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ ނިޔާވި މައްސަލައިގައި ހަ އިދާރާއެއްގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހޯމަ ދުވަހު ހާޒިރުކުރަން ނިންމައިފި އެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ވިލިނގިލި ހޮސްޕިޓަލުން ވެންޓިލޭޓަރަށް ލީ ކުއްޖާ މާލެ ގެނެވޭ ވަރުވީ ޖެހިގެން އައި ބުރާސްފަތި ދުވަހު އިރުއޮއްސެން އުޅެނިކޮށެވެ. ނަމަވެސް، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެނިކޮށް ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ހާއިރު އެ ކުއްޖާ ވަނީ ނިޔާވެފަ އެވެ.

އެ މައްސަލައިގެ އިންކުއަރީއެއް ހަދަން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމާފައިވާއިރު، މަޖިލީހަށް ހާޒިރުކުރަން ނިންމާފައިވަނީ އާސަންދަ އާއި އެންސްޕާ އާއި ވިލިނގިލީ ހޮސްޕިޓަލާއި ހެލްތް މިނިސްޓްރީގެ އިތުރުން ޑިފެންސް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އެވެ.

ޑިފެންސް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީއަކީ އެ ކޮމިޓީގެ މެންޑޭޓުގައި ނުހިމެނޭ ތަންތަން ކަމުގައިވީނަމަވެސް، ހޯމަ ދުވަހު ދެ މިނިސްޓަރުން ކޮމިޓީއަށް ހާޒިރުވާން ޗިޓު ފޮނުވާފައިވާ ކަން "މިހާރު"އަށް ވަނީ އެނގިފަ އެވެ.

ކޮމިޓީގެ އިންކުއަރީގައި މި މައްސަލައިގައި މޯލްޑިވިއަން އެއާލައިންގެ ފްލައިޓު ލަސްވިއިރު، އިމަޖެންސީގައި އިންޑިއާގެ ޑޯނިއާ ނުވަތަ ހެލިކޮޕްޓަރު ބޭނުން ނުކުރި ސަބަބެއް ސާފުކުރަން ވަނީ ނިންމައިފަ އެވެ.

އިދިކޮޅު މެންބަރުންގެ މެޖޯރިޓީ އޮންނަ އެ ކޮމިޓީގެ މެންބަރުން ތުހުމަތުކުރާ ގޮތުގައި އިންޑިއާއެކު މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ކުއްޖާ ޑޯނިއާގައި އުފުލެން އޮއްވާ އެކަން ނުކޮށް ވަނީ ލަސްކޮށްފަ އެވެ. އެކަން އެއީ އިހުމާލެއްގެ ގޮތުގައި މެންބަރުން ސިފަ ކުރެ އެވެ.

ވިލިނގިލީގެ ކުއްޖާ ނިޔާވުމާ އެކު، ސަރުކާރުން ވަނީ ކުއްލި ހާލަތުގައި ބޭސްފަރުވާގެ ބޭނުމަށް މީހުން އުފުލުމުގައި ޝެޑިއުލް ފްލައިޓުތަކަށް ވުރެ އިސްކަން ދީގެން، ބަލި މީހުން އުފުލުމުގެ ދަތުރުތަކަށް އިސްކަންދޭ ގޮތަށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ އުސޫލު ރެއިން ފެށިގެން ބަދަލުކޮށްފަ އެވެ.