Roadha Mihaaru
ބަލިވިޔަސް މުޅިދަނޑުން ދައްކާލީ ފަލަސްތީނަށް އޮތް ލޯބި

ބަލިވިޔަސް މުޅި ދަނޑުން ދައްކާލީ ފަލަސްތީނަށް އޮތް ލޯބި

15 ޖެނުއަރީ 2024

އައްރައްޔާން (ޖެނުއަރީ 15) - އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ފަލަސްތީީނުން ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން 4-1 އިން އިރާން އަތުން ބަލިވިޔަސް، ހުރިހާ ސަޕޯޓަރުން ތިބީ ފަލަސްތީނާ އެކުގައިކަން ދައްކާލައިފި އެވެ.

އައްރައްޔާން (ޖެނުއަރީ 15) - އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ފަލަސްތީީނުން ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން 4-1 އިން އިރާން އަތުން ބަލިވިޔަސް، ހުރިހާ ސަޕޯޓަރުން ތިބީ ފަލަސްތީނާ އެކުގައިކަން ދައްކާލައިފި އެވެ.

އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި މެޗުބަލަން ތިބި 27،000 އެއްހާ ސަޕޯޓަރުންގެ މުޅިން ވެސް ތިބީ ފަލަސްތީނު ރަމްޒު ކޮށްދޭ އެއްޗެއް ހިފައިގެންނެވެ. އިރާނުގެ ސަޕޯޓަރުންވެސް މެއެވެ.

"މި ދެ ގައުމަށް ވެސް ވަރަށް މުހިއްމު މެޗެއް މިއީ، އެކަމު ހަގީގަތުގައި ފަލަސްތީނު ރައްޔިތުންނަކީ އަހަރެމެންގެ ވެސް އަހުންނާއި އުހުތުން. އެމީހުން އެތިބީ ވަރަށް ބޮޑަށް އަމާންކަންމަތީ ދިރިއުޅުމަށް ބޭނުންވެފަ. އަހަރެން މިހުރީ މި ހާއްސަ ރޭ ދެ ޓީމަށް ސަޕޯޓް ކުރަން،" އިރާނާއި ފަލަސްތީނުގެ ރަމްޒުކޮށްދޭ ދިދައެއް ހިފައިގެން ހުރި އިރާނުގެ ސަޕޯޓަރަކު ބުންޏެވެ.

ފަލަސްތީނުން ރޭގެ މެޗުގައި ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ފަލަސްތީނުން ރޭގެ މެޗުގައި ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

މެޗުގެ ވަރަށް ކުރީކޮޅު އިރާނުން ތިން ގޯލު ޖަހާފައި ވަނިކޮށް ފަލަސްތީނު ސަޕޯޓަރުންނަށް ހިނިތުންވުމެއް ގެނުވީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެޓީމުގެ ތަމާ ސިޔާމް ޖަހައިދިން ގޯލުންނެވެ. މިއާ އެކު ހުރިހާ ސަޕޯޓަރުން ވެސް ވަނީ ފަލަސްތީނަށް ލިބުނު އެ އުފާވެރި ވަގުތުކޮޅުގައި ބައިވެރިވެފަ އެވެ.

ދެވަނަ ހާފުގައި އިރާނުގެ ހަތަރުވަނަ ގޯލު ޖެހީ ރޯމާއަށް ކުޅޭ ފޯވާޑް ސަރުދާރު އަޒުމޫން އެވެ. ފަލަސްތީނުން ދެވަނަ ހާފުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް ގޯލެއް ޖެހޭގޮތެއް ނުވި އެވެ.

"މިއީ ހަމައެކަނި މެޗެއް ނޫން، އަހަރެމެންނަށް އަބަދުވެސް ގާޒާއާ މެދު ވިސްނޭ،" ދެހާހުގެ ކުރީކޮޅު ޖޯޑަން އަށް ހިޖުރަކޮށް އެ ގައުމުގައި އުޅެ ބޮޑުވި ފަލަސްތީނުގެ ރައްޔިތަކު ބުންޏެވެ.

"މިއީ 100 ދުވަސް ވަންދެން ވާ ކަމެއް ނޫން، 100 އަހަރާ ގާތްކުރަނީ މިކަމެއް ހިނގާތާ. އެކަމު މުޅި ދުނިޔޭގައި ވެސް މިކަން ހުއްޓުވާނެ ބަޔަކު ނެތް."

ފަލަސްތީނާއި އިރާނާ އެއް ގުރޫޕެއްގައި ހިމެނޭ ޔޫއޭއީ ވަނީ ރޭ 3-1 އިން ހޮންގް ކޮންގް ބަލިކޮށްފަ އެވެ.

ގުރޫޕް ޑީގައި ހިމެނޭ ޖަޕާނާއި ވިއެޓްނާމް ރޭ ބައްދަލުކުރި މެޗުން ޖަޕާން މޮޅުވީ 4-2 އިންނެވެ.