Roadha Mihaaru
ވޯލްޑް ކަޕް ކޮލިފައިންގައި ފަލަސްތީނުން ގަދަފަދަ ކޮރެއާއާ އެއްވަރުކޮށްފި

ވޯލްޑް ކަޕް ކޮލިފައިންގައި ފަލަސްތީނުން ގަދަފަދަ ކޮރެއާއާ އެއްވަރުކޮށްފި

06 ސެޕްޓެމްބަރ 2024

ވޯލްޑް ކަޕް ކޮލިފައިންގެ އޭއެފްސީ ޒޯނުގެ ތިން ވަނަ ބުރުގައި އަލަށް ވާދަކުރާ ފަލަސްތީނުން އޭޝިއާގެ ގަދަބާރު ދެކުނު ކޮރެއާއާ އިއްޔެ ލަނޑެއް ނުޖެހި އެއްވަރުކޮށްފި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ އޭއެފްސީ ޒޯނުގެ ތިން ވަނަ ބުރުގައި އަލަށް ވާދަކުރާ ފަލަސްތީނުން އޭޝިއާގެ ގަދަބާރު ދެކުނު ކޮރެއާއާ އިއްޔެ ލަނޑެއް ނުޖެހި އެއްވަރުކޮށްފި އެވެ.

ފަލަސްތީނުގެ ގާޒާ އަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން އެ ގައުމުގެ ފުޓްބޯޅަ ލީގު ހުއްޓި ވަރަށް ގިނަ ކުޅުންތެރިން ތިބީ ކްލަބެއް ނެތި އެވެ. ޓީމުގައި ހިމެނެނީ ހުޅަނގު އައްސޭރީގައި ކުޅޭ ލީގުގެ ކުޅުންތެރިންނާއި، ގައުމުން ބޭރުގެ ކްލަބްތަކަށް ކުޅޭ ކުޅުންތެރިންނެވެ.

ނިކަމެތި ހާލަތެއްގައި އޮތް ނަމަވެސް ފަލަސްތީނުން ވަނީ ސޯލްގައި ކުޅުނު މި މެޗުގައި ކޮރެއާއާ ދެކޮޅަށް ހިތްވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ 22 ވަނަ މިނެޓުގައި ފަލަސްތީނުން ލީޑު ވެސް ނެގި އެވެ. އެކަމަކު ވީއޭއާރް އިން ބެލުމަށް ފަހު ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.

ދެ ވަނަ ހާފުގައި ފަލަސްތީން ކުޅުންތެރިން ވަރަށް ބޮޑަށް ވަރުބަލިވެ، ކުޅުނީ ފަހަތަށް ޖެހިގެންނެވެ. އެޓޭކްކުރަން ހުސް ޖާގަ ލިބުނު ނަމަވެސް ކޮރެއާ އަށް ގޯލެއް ޖެހުމުގައި ކާމިޔާބެއް ނުހޯދުނެވެ. އަނެއްކޮޅުން ކައުންޓާ އެޓޭކެއްގައި ފަލަސްތީނުން ގޯލެއް ޖެހުމާ ވަރަށް ކައިރި އަށް ފަހު ވަގުތު ދިޔަ އެވެ. އެކަމަކު ކޮރެއާ ގޯލްކީޕަރު އެ ބޯޅަ ސަލާމަތްކުރީ އެވެ.

މި މެޗުން މޮޅުނުވެވުމުން ކޮރެއާ ސަޕޯޓަރުން ވަނީ ޓީމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް އަޑުގަދަކޮށްފަ އެވެ. ކޮރެއާ ކޯޗު ހޮންގް މިއުން-ބޯ ބުނީ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދޭ ކަމަށާއި ކުޅުންތެރިން މޮޅުވާން ވަރަށް މަސައްކަތްކުރި ކަމަށެވެ.

ފަލަސްތީނުން އަންނަނީ ޓިއުނީޝިއާ ކޯޗެއް ކަމަށްވާ މަކްރަމްް ދަބޫބްއާ އެކު ރަނގަޅު ނަތީޖާތަކެއް ފަހަކަށް އައިސް ނެރެމުންނެވެ. މި އަހަރުގެ އޭޝިއަން ކަޕުގައި ފަލަސްތީނުން ވަނީ ހޮންކޮން އަތުން 3-0 އިން މޮޅުވެ މުބާރާތުގައި ފުރަތަމަ ފަހަރަށް ތިން ޕޮއިންޓް ހޯދައިފަ އެވެ. އަދި ފުރަތަމަ ފަހަރަށް ނޮކްއައުޓް ބުރުން ފުރުސަތު ހޯދި އެވެ. ނަމަވެސް ޗެމްޕިއަން ގަަތަރު އަތުން 2-1 އިން ބަލިވެ ކެޓީ އެވެ.

ފަލަސްތީނުން ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް ބީ ގެ މެޗުތަކަށް ތައްޔާރުވަނީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގަ އެވެ. ޖޯޑަންއާ ދެކޮޅަށް އަންގާރަ ދުވަހު ފަލަސްތީން ކުޅޭ ހޯމް މެޗު ވެސް އޮންނާނީ ކުއާލަލަމްޕޫރުގަ އެވެ. ގައުމު އޮތް ހާލަތުގެ ސަބަބުން ފަލަސްތީން ހޯމް މެޗުތައް އާއްމުކޮށް ކުޅެނީ ނިއުޓްރަލް ދަނޑެއްގަ އެވެ.

ފަލަސްތީނާ އެކު ގްރޫޕް ބީ ގައި ހިމެނެނީ ކޮރެއާ އާއި ޖޯޑަންގެ އިތުރުން އިރާގާއި، ކުވޭތާއި، އޮމާނެވެ. ގްރޫޕުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ވޯލްޑް ކަޕުން ފުރުސަތު ލިބޭނެ އެވެ. ތިން ވަނަ އާއި ހަތަރު ވަނަ ދާނީ އިތުރު ބުރަކަށެވެ. ފުލަށް ދާ ދެ ޓީމު ކަޓާނީ އެވެ.

ފަލަސްތީނުން ކޮލިފައިންގެ ތިން ވަނަ ބުރަށް ދަތުރުކުރީ އޮސްޓްރޭލިއާ ހިމެނުނު ގްރޫޕުގެ ދެ ވަނަ ހޯދައިގެންނެވެ.