Roadha Mihaaru
އެފްރިކަން ކަޕްގައި ސަލާހުގެ މިސްރަށް އުނދަގޫ ފެށުމެއް

އެފްރިކަން ކަޕްގައި ސަލާހުގެ މިސްރަށް އުނދަގޫ ފެށުމެއް

15 ޖެނުއަރީ 2024

އައިވަރީ ކޯސްޓް (ޖެނުއަރީ 15) - ހޮނިހިރު ދުވަހުގެ ރޭ ފެށި އެފްރިކަން ކަޕް އޮފް ނޭޝަންސް 2023 ގައި ލިވަޕޫލްގެ ފޯވާޑް މިސްރުގެ މުހައްމަދު ސަލާހުގެ ފެށުން އުނދަގޫވެއްޖެ އެވެ.

އައިވަރީ ކޯސްޓް (ޖެނުއަރީ 15) - ހޮނިހިރު ދުވަހުގެ ރޭ ފެށި އެފްރިކަން ކަޕް އޮފް ނޭޝަންސް 2023 ގައި ލިވަޕޫލްގެ ފޯވާޑް މިސްރުގެ މުހައްމަދު ސަލާހުގެ ފެށުން އުނދަގޫވެއްޖެ އެވެ.

މިހާތަނަށް ހަތް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ މިސްރު، އެންމެ ފަހު ވަގުތު ސަލާމަތްވީ ކެޕްޓަން މުހައްމަދު ސަލާހު ޖަހައިދިން ގޯލަކުންނެވެ. މެޗުގެ އިތުރު ވަގުތުގެ ހަތްވަނަ މިނިޓުގައި ޕެނަލްޓީއަކުން ސަލާހު ޖަހައިދިން މި ގޯލާ އެކު މިސްރު ނިންމާލީ މޮޒަންބިކާ ވާދަކޮށް 2-2 އިންނެވެ.

މޮސްތަފާ މުހައްމަދު މެޗުގެ ދެވަނަ މިނިޓުގައި މިސްރަށް ގޯލެއް ޖަހައިދީފައި ވަނިކޮށް މޮޒަންބިކުން ވަނީ ދެވަނަ ހާފުގެ ކުރީކޮޅު ގާތްގާތުގައި ދެ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. މެޗުގެ 56 ވަނަ މިނިޓުގައި ވިޓީ އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދިން އިރު ލީޑު ނެގީ ދެވަނަ މިނިޓު ފަހުން ކްލޭސިއޯ ޖަހައިދިން ގޯލުންނެވެ.

ވަރުގަދަ ނައިޖީރިއާ އާއި ގާނާ ވަނީ ފުރަތަމަ މެޗުތަކުން އުންމީދުކުރި ނަތީޖާ ނުނެރެވިފަ އެވެ.

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ގާނާ ވަނީ ރޭ ކޭޕް ވާޑޭއާ ދެކޮޅަށް ކުޅެ ފަހު ވަގުތު 2-1 އިން ބަލިވެފަ އެވެ. ނައިޖީރިއާ އަށް ޖެހުނީ އިކުއެޓޯރިއަލް ގިނީއާ ވާދަކޮށް 1-1 އިން އެއްވަރުވެގެން ޕޮއިންޓަކުން ފުއްދާލާށެވެ.

ގާނާ ކުޅުނު މެޗުގެ 17 ވަނަ މިނިޓުގައި ކޭޕް ވާޑޭ އިން ލީޑު ނެގީ ޖެމީރޯ މޮންޓެއިރޯ ޖަހައިދިން ގޯލުންނެވެ. ގާނާ އަށް ނަތީޖާ އެއްވަރު ކުރެވުނީ ދެވަނަ ހާފު ފެށިގެން 11 ވަނަ މިނިޓުގައި އަލެކްސެންޑާ ޖިކޫ ޖަހައިދިން ގޯލުންނެވެ. ކޭޕް ވާޑޭ މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ގެރީ ރޮޑްރިގޭޒް އެވެ.

ނައިޖީރިއާއާ ދެކޮޅަށް މެޗުގެ 36 ވަނަ މިނިޓުގައި އިބާން ސަލްވަޑޯ ޖަހައިދިން ގޯލުން ފުރަތަމަ ލީޑު ނެގީ އިކުއެޓޯރިއަލް ގިނީ އެވެ. އޭގެ ދެ މިނިޓް ފަހުން ނައިޖީރިއާ އަށް އެއްވަރު ކޮށްދިން ގޯލު ޖަހައިދިނީ ނަޕޯލީއަށް ކުޅޭ ފޯވާޑް ވިކްޓާ އޮސީމެން އެވެ.

މުބާރާތް ފެށުމުގެ ގޮތުން ގިނީ ބިސޯ އާއި މުބާރާތް ބާއްވާ ގައުމު، އައިވަރީ ކޯސްޓް ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބު ކުރީ ދެ ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ އައިވަރީ ކޯސްޓުންނެވެ.

އެންމެ ފަހުގެ ޗެމްޕިއަން ސެނެގާލް އެޓީމުގެ ފުރަތަމަ މެޗު މިރޭ ކުޅޭނެ އެވެ. ރާއްޖެ ގަޑީން މިރޭ 7 ޖަހާއިރު ސެނެގާލް ނުކުންނާނީ ގެމްބިއާއާ ދެކޮޅަށެވެ. އަދި 10 ޖަހާއިރު ކެމަރޫނާއި ގިނީ ބައްދަލު ކުރާއިރު، ދަންވަރު 1 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ އަލްޖީރިއާ އާއެި އެންގޯލާ އެވެ.