Roadha Mihaaru
ވޯޓުލީ މީހުންގެ އަދަދު މަދުވުމުން އީސީގެ ކަންބޮޑުވުން!

ވޯޓުލީ 17،000 މީހުން، އީސީން އަންދާޒާކުރި ވަރަށް ވުރެ ވެސް މާ ދަށް އަދަދެއް!

14 ޖެނުއަރީ 2024

މާލޭ ސިޓީ ކައުންސިލް މޭޔަރާއި ތިން މެންބަރުން ހޮވުމަށް އިއްޔެ ބޭއްވި ބައި-އިލެކްޝަންގައި ވޯޓުލީ މީހުންގެ އަދަދު މަދުވުމުން އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މާލޭ ސިޓީ ކައުންސިލް މޭޔަރާއި ތިން މެންބަރުން ހޮވުމަށް އިއްޔެ ބޭއްވި ބައި-އިލެކްޝަންގައި ވޯޓުލީ މީހުންގެ އަދަދު މަދުވުމުން އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިއްޔެގެ އިންތިހާބު ބާއްވާފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ މާފަންނު ދެކުނާއި، މެދު ހެންވޭރު އަދި ސިޓީ ކައުންސިލުން އަންހެނުންނަށް ހާއްސަކޮށްފައިވާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރުން ސަރުކާރުގެ އެހެން މަގާމުތަކަށް އައްޔަން ކުރެއްވުމާ ގުޅިގެން އެ ގޮނޑިތައް ހުސްވުމުންނެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު 54،680 މީހަކަށް ލިބޭ ނަމަވެސް ވޯޓުލުމުގެ ވަގުތު ހަމަވިއިރު ވޯޓުލާފައި ވަނީ އެންމެ 17،000 އެއްހާ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް މިއަދު ވިދާޅުވީ، އިންތިހާބުގައި ވޯޓު ލާފައިވަނީ ވޯޓުލެވޭ އާބާދީގެ 32 ޕަސެންޓް މީހުން ކަމަށާއި މިއީ އަންދާޒާ ކުރި އަދަދަށް ވުރެ މާ ދަށް އަދަދެއް ކަމަށެވެ.

ހަބީބް ވިދާޅުވީ، އާންމުކޮށް ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަންތަކުގައި ވޯޓު ލާ މީހުންގެ އަދަދު މަދު ނަމަވެސް މޭޔަރަކު ހޮވުމަށް ބޭއްވި އިންތިހާބެއް ކަމުން ވޯޓު ލާން ގިނަ ބަޔަކު ނުކުންނާނެ ކަމަށް ލަފާކުރި ކަމަށެވެ.

އެންމެ ފަހުން 2021 ވަނަ އަހަރު މާލެ މޭޔަރުގެ އިންތިހާބުގައި 40.93 ޕަސެންޓް މީހުން ވޯޓު ލި އެވެ.

ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތަކުގައި ވޯޓު ލާ މީހުންގެ އަދަދު މަދުވުމުގެ ކަންބޮޑުވުން އަބަދުވެސް އޮންނަކަން ފާހަގަކޮށް، ހަބީބް ވިދާޅުވީ ވޯޓު ލާން ނުކުންނަ މީހުންގެ އަދަދު މިކަހަލަ އިންތިހާބުތަކުގައި މަދުވާ ސަބަބު ބަލަން ޖެހިފައިވާ ކަމަށެވެ.

އިއްޔެގެ އިންތިހާބުގެ ވަގުތީ ނަތީޖާ ރޭ އިއުލާން ކޮށްފައި ވާއިރު މޭޔަރުގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމެވެ.

ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން މެދު ހެންވޭރު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް، އަހުމަދު ރިޝްވާން ކާމިޔާބު ކޮށްފައިވާއިރު، ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް އައިމިނަތު ރިޝްފާ އެވެ. އަދި މާފަންނު ދެކުނު ދާއިރާގެ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ހަސަން ނިޒާމެވެ.