Roadha Mihaaru
ޗައިނާގެ ނޫސްތަކުގައި އިންޑިއާއަށް މެސެޖުތަކެއް

ޗައިނާގެ ނޫސްތަކުން ބުނަނީ ރައީސް މުއިއްޒުގެ ދަތުރުފުޅުން އިންޑިއާއަށް ބިރެއް ނެތް ކަމަށް

10 ޖެނުއަރީ 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ އެކު ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ބަދަހިވުމަކީ އިންޑިއާއަށް އޮތް ބިރެއް ނޫން ކަމަށް ބުނެ ޗައިނާގެ ބައެއް ނޫސްތަކުން އިންޑިއާއަށް ވަރުގަދަ މެސެޖުތަކެއް ދީފި އެވެ.

އަހުމަދު ހަމްދޫން ޗައިނާއިން އަހުމަދު ހަމްދޫން

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ އެކު ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ބަދަހިވުމަކީ އިންޑިއާއަށް އޮތް ބިރެއް ނޫން ކަމަށް ބުނެ ޗައިނާގެ ބައެއް ނޫސްތަކުން އިންޑިއާއަށް ވަރުގަދަ މެސެޖުތަކެއް ދީފި އެވެ.

އިންޑިއާގެ ކަނޑުގެ ބާރު ހޯދަން ސަރަހައްދީ ގަދަހިފުމެއްގައި ޗައިނާ އާއި އިންޑިއާ އަބަދުވެސް އުޅޭ އިރު، އިންޑިއާއާ ދެކޮޅު ވަރުގަދަ ކެމްޕޭނަކަށް ފަހު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން، އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅު މި ކުރެއްވީ ޗައިނާ އަށެވެ. މީގެ ކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުން ވެސް ޗައިނާއަށް ވުރެން ކުރިން ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވަނީ އަވައްޓެރި އިންޑިއާ އަށެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅާ ދިމާކޮށް، އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ލަކްޝަދީބް ޕްރޮމޯޓު ކުރުމުގެ ނަމުގައި ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް ވަރުގަދަ އެންޓި ކެމްޕޭނަކާ އެކު، ދެ ގައުމުގެ ސޯޝަލް މީޑިޔާ އެކްޓިވިސްޓުންގެ މެދުގައި ފެށުނު ބޮޑު ހަނގުރާމައިން މިހާރު ވަނީ ދެ ގައުމުގެ ހާރިޖީ ގުޅުމަށް ވެސް ލޮޅުން އަރައިފަ އެވެ.

ޗައިނާގެ މީޑިޔާތައް ސަރުކާރުން ކޮންޓްރޯލް ކުރާ އިރު، ރައީސް މުއިއްޒުގެ ދަތުރުފުޅާ ގުޅުވައި ގެންނަ ކަވަރޭޖުގައި އިންޑިއާ ރުއްސަން ހާއްސަ ސަމާލުކަމެއް ވަނީ ދީފަ އެވެ.

ގްލޯބަލް ޓައިމްސް ނޫހުގައި ޝާއިއުކުރި އޮޕްއެޑެއްގައި ބުނީ، ރައީސް މުއިއްޒުގެ ޗައިނާ ދަތުރުފުޅުން، އިންޑިއާއިން ނުބައި މާނައެއް ނެރެފައިވާ ކަމަށެވެ.

ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމާއި އުމްރާނީ ތަރައްގީ ގާއިމުކުރުމަށް ބޭރުގެ އެހީތެރިކަން ބޭނުންވާ އިރު، އެކަމުގެ މާލީ އަދި ފަންނީ ގާބިލުކަން ޗައިނާއަށް ފޯރުކޮށްދެވޭނެ ކަމަށް ބުނެފައިވެ އެވެ.

"އިންޑިއާ އިން އަމިއްލައަށް ދެކެނީ އިންޑިއާއަކީ ދެކުނު އޭޝިއާ ސަރަހައްދުގެ އެހެން ގައުމުތަކަށް ވުރެން މާ ބާރުގަދަ ގައުމެއްގެ ގޮތުގައި. އެކަމަކު ސަރަހައްދީ ކޮންޓްރޯލް ހޯދަން އިންޑިއާއިން ގެންގުޅެމުން އައި ހުވަފެން އެބަޖެހޭ ދޫކޮށްލަން. ކަން ހިނގަމުންދާ ގޮތުގެ ހަގީގަތް ގަބޫލުކުރަންޖެހޭ،" ސޫޗޯ ޔުނިވާސިޓީގެ ޕްރޮފެސަރެއް ލިޔުއްވާފައިވެ އެވެ.

އޭނާ ވިދާޅުވީ އިންޑިއާއަށް ބާރު ހިންގޭ ގައުމުތަކެއް ގޮތުގައި ދެކިގެން އުޅުމަކީ އިންޑިއާއަށް އެންމެ ފައިދާ ހުރި ގޮތެއް ނޫން ކަމަށެވެ. އަދި ރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ނާޒުކު ގައުމެއްގެ މިނިވަންކަމާއި އިސްތިގުލާލަށް އިންޑިއާއިން ފުރިހަމައަށް އިހުތިރާމް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ރާއްޖެއިން އިންތިޒާމު ކޮށްގެން ޗައިނާގައި މިއަދު ބޭއްވި ބިޒްނަސް ފޯރަމްއަށް ރައީސް ޑރ. މުއިއްޒު ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއިން އިންތިޒާމު ކޮށްގެން ޗައިނާގައި މިއަދު ބޭއްވި ބިޒްނަސް ފޯރަމްއަށް ރައީސް ޑރ. މުއިއްޒު ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

"ރާއްޖޭގެ އާ ރައީސަކު ދަތުރުފުޅު ކުރައްވާނެ ގައުމެއް ކަނޑައެޅުމުގެ އިހުތިޔާރު ދިވެހި ސަރުކާރަށް ފުރިހަމައަށް ލިބިގެންވޭ. އެއީ އެހެން ގައުމެއްގެ ނުފޫޒާއި ބާރު ފޯރުވިގެންވާނެ ނިންމުމެއް ނޫން."

މީގެއިތުރުން، އޭނާ ވަނީ ދިވެހި ސަރުކާރުގެ އެދުމާ އެއްގޮތަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ވީއެންމެ އަވަހަކަށް އަނބުރާ ގެންދިއުމަށް ވެސް ގޮވާލާފަ އެވެ.

އެހެން ދުވަހު ނޫހެއްގެ އެޑިޓޯރިއަލްއެއްގައި ލިޔެފައިވަނީ، ރައީސް މުއިއްޒު ޗައިނާ އަށް ދަތުރުފުޅެއް ކުރެއްވުމަކީ، ރާއްޖެ އާއި އިންޑިއާގެ ދެމެދަށް ޗައިނާއިން ވަންނަން އުޅުން ކަމަށް ދެކިގެން ނުވާނެ ކަމަށެވެ.

އެ ދަތުރުން އެއްވެސް މެސެޖެއް އޮތް ނަމަ، އެ ލިޔުމުގައި ބުނި ގޮތުގައި، އެއީ އިންޑިއާގެ ކަނޑުގެ ސަރަހައްދީ ގަދަހިފުމެއްގެ ތެރެއަށް ރާއްޖޭން ވަންނަން ބޭނުންނުވުމެވެ. އަދި އިންޑިއާ ވެސް ހިމެނޭ ގޮތަށް ހުރިހާ ގައުމަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދެއްވާފައިވާ ޔަގީންކަން އެ ލިޔުމުގައި ވަނީ ފާހަގަކޮށްފަ އެވެ.

މީގެއިތުރުން، ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ރާއްޖޭގައި ހިންގާފައިވާ ސިނަމާލެ ބުރިޖު މަޝްރޫއުތައް ފާހަގަކޮށް، އެ ލިޔުމުގައި ބުނީ ދެ ގައުމުގެ ގުޅުން ބިނާވެފައިވަނީ، ދެ ފަރާތަށް ވެސް ފައިދާވާ ގޮތަށް ކަމަށެވެ.

"އެ އުސޫލުތަކުގެ މަތީގައި، ޗައިނާ އިން ދޭ އެހީތެރިކަމެއް ނޫނީ ގައުމަކާ ބާއްވާ ގުޅުމަކަށް ސިޔާސީ އެއްވެސް ޝަރުތެއް ނުކުރާނެ،" އެ ލިޔުމުގައި ބުންޏެވެ.

އެއާ އެކު، ޗައިނާއިން ރާއްޖެއާ ގުޅުން ބަދަހިކުރަނީ އިންޑިއާއާ ދުރުކުރަން ކަމަށް ފަތުރަމުންދަނީ، ނުބައި ނިޔަތެއް އޮވެގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ.