Roadha Mihaaru
"މި ޗެލެންޖާ މި ކުރިމަތިލީ މުޅި މާލެ ބަދަލުކޮށްލަން"

"މި ޗެލެންޖާ މި ކުރިމަތިލީ މުޅި މާލެ ބަދަލުކޮށްލަން"

09 ޖެނުއަރީ 2024

މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލެއްވިއިރު ވެސް މިއީ ބޮއްސުންލައި އެތައް ހައްލެއް ބޭނުންވެފައިވާ ސިޓީއެއްކަން އާދަމް އާޒިމަށް އެނގިވަޑައިގަނެ އެވެ. އެކަމަކު ކެމްޕެއިންގައި މިހާތަނަށް އޭނާ ޒިޔާރަތްކުރެއްވި 300-400 ވަރަކަށް ގޭގެއިން އޭނާ އަށް އަދި ފެނުނީ މާ ބޮޑެތި މައްސަލަތަކެވެ. ރައްޔިތުން އުޅެމުންދާ މާ ދަތި ހާލަތާއި އެ ހާލަތުން އެ މީހުން މިންޖުކުރަން ޖެހިފައިވާ މިންވަރުގެ ބޮޑުކަން އާޒިމަށް މިހާރު ތަސައްވުރު ކުރެއްވެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލެއްވިއިރު ވެސް މިއީ ބޮއްސުންލައި އެތައް ހައްލެއް ބޭނުންވެފައިވާ ސިޓީއެއްކަން އާދަމް އާޒިމަށް އެނގިވަޑައިގަނެ އެވެ. އެކަމަކު ކެމްޕެއިންގައި މިހާތަނަށް އޭނާ ޒިޔާރަތްކުރެއްވި 300-400 ވަރަކަށް ގޭގެއިން އޭނާ އަށް އަދި ފެނުނީ މާ ބޮޑެތި މައްސަލަތަކެވެ. ރައްޔިތުން އުޅެމުންދާ މާ ދަތި ހާލަތާއި އެ ހާލަތުން އެ މީހުން މިންޖުކުރަން ޖެހިފައިވާ މިންވަރުގެ ބޮޑުކަން އާޒިމަށް މިހާރު ތަސައްވުރު ކުރެއްވެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ މާލެ ސިޓީގެ މޭޔަރުގެ އިންތިހާބުގައި އާޒިމް ވާދަކުރައްވަނީ އެ ދަތި ހާލުން ރައްޔިތުން ސަލާމަތްކޮށް، މާލެ އަކީ ހިތްފަސޭހަ، ހަމަޖެހޭ ތަނަކަށް ހެދުމުގެ އަޒުމުގަ އެވެ.

"މާލޭގައި ހަމަ ރަނގަޅަށް ހިނގާ އެއްވެސް ކަމެއް ނެތް. ހުރިހާ ކަމެއް ގަޑުބަޑުވެފައި އޮތް ތަނެއް މާލެއަކީ. އަޅުގަނޑު މި އަންނަނީ އެކަމަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަން،" އާޒިމް ވިދާޅުވި އެވެ.

މާލޭގައި ހަމަ ރަނގަޅަށް ހިނގާ އެއްވެސް ކަމެއް ނެތް. ހުރިހާ ކަމެއް ގަޑުބަޑުވެފައި އޮތް ތަނެއް މާލެއަކީ. އަޅުގަނޑު މި އަންނަނީ އެކަމަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަން.

ރާއްޖޭގެ ވެރިކަން ކުރާ މާލެ އަކީ ބޮޑު އާބާދީއެއް ހިމެނޭ، މައްސަލަތަކުން ފުނިޖެހިފައި އޮތް ތަނެއްކަން އެއީ ދެބަހެއް ނެތް ކަމެކެވެ. ގެދޮރުވެރިކަމުގެ މައްސަލަ އިންތިހާ އަށް ބޮޑެވެ. އެއާ އެކު ނުކުންނަ އިޖުތިމާއީ މައްސަލަތައް ދަނީ ފުނި ޖެހެމުންނެވެ. މަގުތަކާއި ޕާކްކުރުމާއި ޓްރެފިކް މައްސަލަ ވެސް އެހާ ބޮޑެވެ. އަމާންކަމާއި ހިތްފަސޭހަކަމާ އެކު ދިރިއުޅެލެވޭނެ މާހައުލެއް މާލެއަކު ނެތެވެ. ކުނީގެ މައްސަލަ އާއި ބުޅަލުގެ މައްސަލައަކީ ވެސް މާލޭގައި ހައްލު ނުވެ އޮތް ކަންކަމެވެ. މާލޭގެ ބަނދަރާއި މާރުކޭޓްތައް ވަނީ ބާވެ، ކުޑަވެފަ އެވެ.

ހިދުމަތްތައް ހޯދަން ރައްޔިތުންނަށް ވަނީ އުނދަގޫވެފަ އެވެ. އެހެންވެ، މާލޭގެ މޭޔަރަކަށް ވަޑައިގަންނަވާ ބޭފުޅެއްގެ ކުރިމަތީގައި އޮތީ މި ހުރިހާ ކަމަކަށް ހައްލެއް ގެނައުމުގެ ބުރަ، ބޮޑު ޗެލެންޖެވެ. އާޒިމް ހުންނެވީ އެ ޗެލެންޖާ ކެރިގެން ކުރިމަތިލައްވަން ތައްޔާރަށެވެ.

އާޒިމް ވިދާޅުވި ގޮތުގައި މާލެ ސިޓީގެ މޭޔަރުކަމާ އޭނާ ކުރިމަތިލެއްވީ ކަމުގެ އުނދަގޫކަން އެނގި ނަމަވެސް، އޭނާގެ ތަޖުރިބާގެ އަލީގައި ރައްޔިތުންނަށް ހިދުމަތެއްކޮށްދިނުމުގެ ނިޔަތުގަ އެވެ. އެތައް ގިނަ ތަޖުރިބާއެއް ލިބި، ކަންކަން ހައްލު ކުރާނެ ގޮތް ދަސްވުމުން، ރައްޔިތުން އުޅޭ ދަތި ހާލު ބަލަން ގޭގައި މަޑުން އިނުމަކީ އޭނާއަށް ގަބޫލު ކުރެއްވޭ ކަމެއް ނޫން ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ފަސޭހަކޮށްލަން ބޭނުންވާ ނަމަ، ގޭގައި އޮންނަންވީ. އެކަމަކު މިއީ އަޅުގަނޑުމެން ވެސް ގައުމު، އަޅުގަނޑުމެންގެ ތަޖުރިބާ ހިފައިގެން ނުކުންނަން އެބަ ޖެހޭ ގައުމަށް ހިދުމަތް ކުރަން. ގައުމު މި ހާލަތުގައި އޮއްވައި ގޭގައި އޮވެގެން ނުވާނެ.

"ފަސޭހަ ކަންތަކާ އެކަންޏެއް ނޫން ކުރިމަތިލާން ޖެހެނީ. އުނދަގޫ ކަންކަމާ ވެސް ކުރިމަތިލުމުގެ ހިތްވަރު ހުންނަން ޖެހޭނެ. ގަބޫލެއް ނުކުރަން ހައްލު ނުކުރެވޭނެ ކަމެއް ދުނިޔޭގައި އޮންނާނެ ކަމަކަށް. ފަސޭހަކޮށްލަން ބޭނުންވާ ނަމަ، ގޭގައި އޮންނަންވީ. އެކަމަކު މިއީ އަޅުގަނޑުމެން ވެސް ގައުމު، އަޅުގަނޑުމެންގެ ތަޖުރިބާ ހިފައިގެން ނުކުންނަން އެބަ ޖެހޭ ގައުމަށް ހިދުމަތް ކުރަން. ގައުމު މި ހާލަތުގައި އޮއްވައި ގޭގައި އޮވެގެން ނުވާނެ. [އަޅުގަނޑަށް] ފަސޭހަ ނިންމުމެއް ނޫން މިއީ، އުނދަގޫ ކަމެއް މިއީ،" އާޒިމް ވިދާޅުވި އެވެ.

"އެންމެ ގިނަ ދުވަސްވީ ކެޕިޓަލް ސިޓީ މިއީ. މިހާ އަސާރީ ތާރީހީ ސިޓީއެއް ސްލަމްއަކަށް ވާއިރު އަޅުގަނޑުމެން ތިބެންވީތޯ ހަމަ ބަލަހައްޓައިގެން."

އާޒިމް، ވިލިމާލޭގައި ދޮރުން ދޮރަށް ވަޑައިގަންނަވަނީ

އާޒިމް، ވިލިމާލޭގައި ދޮރުން ދޮރަށް ވަޑައިގަންނަވަނީ

އާޒިމް ވިދާޅުވީ މާދަމާގެ ކުދިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދޭން އޭނާގެ ތަޖުރިބާގެ އެހީގައި ހިދުމަތް ކުރަން ޖެހޭ ކަމަށާއި މިފަދަ ކަންކަމާ ކުރިމަތިލުމުގެ ހިތްވަރު ކޮންމެ މީހެއްގެ ވެސް ހުންނަން ޖެހޭ ކަމަށެވެ. އަދި ކަމަކަށް ނުކުންނަ މީހުންނަށް ހިތްވަރު ވެސް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ބޮޑު ޗެލެންޖާ ކުރިމަތިލެއްވިއިރު ވެސް އޭނާއާ ދިމާއަށް އަންނާނެ ހަމަލާތަކާއި ފަހަތަށް ޖައްސަން ކުރާނެ މަސައްކަތް އެނގިވަޑައިގަންނަވާ ކަމަށާއި އަބުރު ކަތިލާނެ ކަން ވެސް އެނގިވަޑައިގަންނަވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

ނަމަވެސް. އޭނާގެ ދިރިއުޅުން ކޮންޓްރޯލް ކުރައްވަނީ ސޯޝަލް މީޑިއާ އިން ނޫން ކަމަށާއި އެހެން ކިޔާނެ އެއްޗަކަށް ބަލައިގެން ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ފަހަތަށް ޖެހިގެން އިނުމަކީ ފިނޑި ކަމެއް ކަމަށް އާޒިމް ވިދާޅުވި އެވެ. އޭނާ އެއަށްވުރެ ހިތްވަރު ވަރުގަދަވާނެ ކަމަށް ވިދާޅުވި އެވެ.

"ވަރަށް މަދު ބަޔަކަށް މި ކެރެނީ ނުކުންނަން. އަޅުގަނޑު ދާނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ކެރިގެން ކުރިއަށް،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މާލޭ މޭޔަރު ކަމަކީ އޭނާ މިހާތަނަށް ނަންގަވާނެ އެންމެ ބޮޑު ޒިންމާ ކަމަށާއި އެ ޒިންމާ ރަނގަޅަށް އަދާކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

"މިއީ ވަރަށް ބޮޑު ޗެލެންޖެއް، މިކަމަށް އަޅުގަނޑު މި ނުކުންނަނީ ވެސް އަޅުގަނޑުގެ ކެރިއާގެ އެންމެ ޕީކް މި އަންނަނީ. މިއީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ބެލީ އަޅުގަނޑުގެ ތަޖުރިބާ ބޭނުންކޮށްގެން މާލޭގައި ހުރި މައްސަލަތައް ހައްލު ކުރުމަށް. މި ޗެލެންޖް މި ނަގަނީ ވަރަށް އިހްލާސްތެރިކަމާ އެކު ކަންކަން ކޮށްދިނުމުގެ ނިޔަތުގައި،" އާޒިމް ވިދާޅުވި އެވެ.

"އެދެނީ ރައްޔިތުން މި ފުރުސަތު ދިނުމަށް. ރައްޔިތުންނަށް ތަފާތުތަކެއް ފެންނާނެ."

މޭޔަރު ކަން ލިބިއްޖެ ނަމަ އޭނާ އެންމެ ފުރަތަމަ ވެސް ކުރާނެ ކަމަކީ، އާޒިމް ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލްގެ ހިންގުން ހަމައަކަށް އެޅުވުމެވެ. ސިޓީ ކައުންސިލަކީ ރައްޔިތުންނަށް ވާނުވާ ނޭނގޭ ވަރަށް ސިއްރު އޮގަނައިޒޭޝަނެއް ކަމަށާއި އެއަށްވުރެ ސިއްރު ތަނެއް މުޅި މާލޭގައި ވެސް ނެތް ކަމަށް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ އިތުބާރެއް އެތަނަށް ނެތީ ވެސް ތަނުގެ ސިއްރު ކަމުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން އެންމެ ފުރަތަމަ ދުވަހު ވެސް ބަދަލުކުރައްވަން ފައްޓަވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ކައުންސިލަށް ލިބޭ އާމްދަނީ އާއި އެހެން ވެސް މައުލޫމާތުތައް އެ އާންމު ކުރެވެން އޮތް އެންމެ ބޮޑަކަށް އާންމު ކުރަމުންދާނެ ކަމަށެވެ. އަދި ކޮރަޕްޝަނާއި ވައްކަމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރަން ވެސް އަވަސް ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"ރައްޓެއްސެއް ނެތި ހިދުމަތް ނުލިބޭ ތަނެއް މިހާރު ސިޓީ ކައުންސިލަކީ. އާދޭސްކޮށްގެން ހިދުމަތް ހޯދުމަކީ އެއީ ސިސްޓަމް އޮންނަން ޖެހޭނެ ގޮތެއް ނޫން. ހިންގުން ހަރުދަނާ ކުރުމަށް ކުރަން ޖެހޭ ކަންކަން ވަރަށް ބޮޑަށް އިސްކަން ދީގެން ކުރާނަން. އަޅުގަނޑުގެ ހިދުމަތުގެ ދިގު ތާރީހުގައި ހިންގި ތަންތަން އެ ރަނގަޅަށް ހިންގިފައި ވަނީ އަޅުގަނޑު ދާގޮތަށް ގޮސް އެ ތަންތަނުގެ ހިންގުން ރަނގަޅު ކުރާތީ. އެއީ ކޮރަޕްޝަނާއި ވައްކަމަށް ހުންނަ ދޮރުތައް ވަރަށް ބޮޑަށް ބަންދު ކުރަން، އަޅުގަނޑަށް އެނގޭ އެ ފިޔަވަޅުތައް އަޅަން،" އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު ހަވާލުވާ ތަނެއް އެ ތަނަކުން އަޅުގަނޑު ނުކުންނައިރު މި އޮންނަނީ މާ ބޮޑަށް ކުރިއަރާފައި. ކޮރަޕްޝަނަށް މަގު ހުޅުވިފައި އޮންނަ ނަމަ، ތަން ކުރިއަކަށް ނުދާނެ. ހަމަ ދާނީ ފަހަތަށް."

އާޒިމް ވިދާޅުވީ އޭނާ މަގާމަށް ހޮވިއްޖެ ނަމަ، ދެ އަހަރާއި ބައިގެ ދައުރު ނިންމާލާއިރު މާލެ ސިޓީ ކައުންސިލަކީ 'ހާދަ ރަނގަޅު ތަނެކޭ' ރައްޔިތުން ބުނާ ވަރު ކުރާނެ ކަމަށެވެ. އަދި ރައްޔިތުންގެ އަޑު އަހައި، ވާހަކަ ދައްކައި، ޖަވާބުދާރީވެގެން ހިދުމަތް ކުރުމުގައި ދެމިހުންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮންމެ އަހަރަކު ވެސް މަދުވެގެން ހަތަރު ރައްޔިތުންގެ ބައްދަލުވުން އޭނާ ބާއްވާނެ އެވެ.

އެމްޑީޕީގެ ޓިކެޓްގައި މޭޔަރު ކަމަށް ވާދަކުރައްވާ އާޒިމް ވިދާޅުވި ގޮތުގައި އޭނާ މަގާމަށް ކުރިމަތިލައްވަނީ ރައްޔިތުންނާ ހިދުމަތް ކުރެއްވުމަށެވެ. ސިޔާސީ ގޮތުން ފިކުރު ތަފާތު ސަރުކާރެއް އޮތް ނަމަވެސް، ޖެއްސުން ކުރުމުގެ އެއްވެސް ނިޔަތެއް އޭނާގެ ނޯންނާނެ ކަމަށް ވިދާޅުވި އެވެ. ރައްޔިތުންނަށް ފައިދާ ހުރި ކަންކަމުގައި އެއްބާރުލުން ދެއްވާނެ ކަމަށާއި ކަންކުރަން އޮތް ގޮތަކީ ވެސް އެއީ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު އަންނަނީ ރައްޔިތުންނަށް ހިދުމަތް ކުރަން. ގަބޫލެއް ނުކުރަން އެއް ބަޔަކު އަނެއް ބަޔަކަށް އުނދަގޫކޮށް ޖެއްސުން ކުރަން ޖެހޭނެ ކަމަކަށް. މިތާ 30 އަހަރުވެފައިވާ މައްސަލަތައް އެބަޖެހޭ ހައްލުކުރަން. އަޅުގަނޑުމެން އެބަ ޖެހޭ ގައުމަށްޓަކައި ރައްޔިތުންނަށްޓަކައި މަސައްކަތް ކޮށްދޭން. ރައްޔިތުންނަށް ބޭނުންވާ ކަމެއް ކުރަން އުޅެގެން ހުރަސް އަޅާނެ ކަމަކަށް ގަބޫލެއް ނުކުރަން،" އާޒިމް ވިދާޅުވި އެވެ.

"އެކަން ކޮށްގެން ވެސް ނުވާނެ. މީހުން ތަންތަނަށް އައްޔަން ކުރަނީ ޖެއްސުން ކުރާކަށް ނޫން. ރައްޔިތުން ކުރިއަރުވަން."

އެހެންނަމަވެސް، މި ސަރުކާރުން ކުރަން ރާވާފައި އޮތް ފުށިދިއްގަރުފަޅު މަޝްރޫއުއަށް އޭނާއަށް އެއްބާރުލުން ދެއްވެން ނެތް ކަމަށް އާޒިމް ވިދާޅުވި އެވެ. ސަބަބަކީ ރައްޔިތުންގެ ފައިސާ އިން އިސްރާފު ކުރުމަށް އޭނާ ޖާގަ ދޭން ބޭނުން ނުވުން ކަމަށާއި އޭގެ ބަދަލުގައި އޭނާ ބޭނުން ވަނީ ރައްޔިތުންނަށް މި ވަގުތުން ވަގުތަށް ހައްލު ލިބޭނެ ކަންކަމަށް އިސްކަން ދިނުމަށް ކަމަށް އާޒިމް ވިދާޅުވި އެވެ.

"ގެދޮރުގެ މައްސަލަ ވަރަށް ބޮޑު. އަޅުގަނޑު މި ޒިޔާރަތްކުރި ގެތަކުން ވެސް ފާހަގަކުރެވެނީ 90 ޕަސެންޓް ގެއަކީ ދިރިއުޅެވޭ ހާލަތުގެ ތަންތަނެއް ނޫން، ދެން މަޖުބޫރުވެގެން އުޅެނީ. 10 ފޫޓް 8 ފޫޓްގެ ތަންތަންކޮޅުގައި ދެމަފިރިން ކުދިން ލިބިގެން އުޅޭ ތަންތަން އެބަހުރި. ކޮންމެ ދުވަހަކީ ވެސް ހައުސިން އިތުރަށް ބޭނުންވާ ދުވަހެއް، އެހެންވީމަ އަޅުގަނޑު މި ބުނަނީ މިދިޔަ ސަރުކާރުން ދީފައިވާ ގޯތިތައް އަވަހަށް ދޭށޭ. މާލެ ތަނަވަސްކޮށް އުޅޭ މީހުންނަށް އިހުސާސެއް ނުކުރެވޭ ނިކަމެތިން އުޅޭ ހާލެއް. އެހެން ތަނެއް ހިއްކައި ފައިސާ އިސްރާފު ކުރުން އެއީ މިވަގުތަށް އެންމެ ރަނގަޅު ގޮތެއް ނޫން،" އާޒިމް ވިދާޅުވި އެވެ.

"މިހާރު ގެވަޅު ދީފައި ހުރި ތަންތަން އަވަހަށް އާބާދުކުރުމަށްޓަކައި އެތަންތަނަށް ފެނާއި ނަރުދަމާ އާއި ކަރަންޓު ގާއިމްކޮށް ސްކޫލާއި މިސްކިތާ ތަންތަން ވެސް އަޅާށޭ. އަޅާފައި އެ ތަންތަނަށް މީހުންނަށް ދެވޭ ގޮތް ހަދައިދޭށޭ. އެ ތަންތަނަށް ނުދެވި ހޭދަވާ އެންމެ ދުވަހަކީ ވެސް އެތައް ބައެއްގެ ހައްގުތައް ގެއްލި ނިކަމެތިކަން ލިބިގެންދާ ކަމެއް."

އާޒިމް ވިދާޅުވީ ގައުމުގެ ވެރިއަކަށް ބޭފުޅަކު ރައްޔިތުން އިންތިހާބު ކުރަނީ އެ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ކަމަށެވެ. ނަމަވެސް، އޭގެ ބަދަލުގައި ފެނިގެން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ ހުވަފަނެއް ހަގީގަތަކަށް ހެދުމަށްޓަކައި ފުށިދިއްގަރުފަޅު ހިއްކައިގެން އެ ތަން ތަރައްގީ ކުރަން މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކައިގެން އެތަން ތަރައްގީ ކުރަން ވިސްނާއިރު، އެއީ ކުރެވޭނެ ކަމެއްތޯ ވެސް ބަލަން ޖެހޭ ކަމަށެވެ. މުޅިން އަލަށް ހުރިހާ ވަސީލަތެއް ގާއިމްކޮށް ފުށިދިއްގަރުގައި ބަޔަކަށް އުޅެވޭ ވަރު ކުރަން 20 އަހަރެއްހާ ދުވަސް ހޭދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިވަގުތަށް ހޮސްޕިޓަލް އަޅައި ސްކޫލްތަކާއި މިސްކިތްތައް އަޅައި އެތަނަށް ބޮޑު އާބާދީއެއް ކުރިއަށް އޮތް 20 އަހަރު ތެރޭ ވެސް ނުގެންދެވޭނެ. މާލެ ތެރެ ނޭވާ ލެވޭނެ ތަނަކަށް ހެދުމަށްޓަކައި މިވަގުތަށް ވެސް ތަސައްލީއެއް ލިބޭނީ ބްރިޖަކުން ގުޅާލެވޭނެ ތަނަކަށް ދިޔުމަށް ފުރުސަތު ދީގެން،" އާޒިމް ވިދާޅުވި އެވެ.

"ބޭނުންވާ އަސާސީ ހިދުމަތްތައް ނެތް ތަނަކަށް މީހުން ގެންދިޔައީމަ އެ މީހުން ހާލުގައި އުޅެން ޖެހޭނީ. މާލެ އަންނަ ގޮތަށް ފުށިދިއްގަރުން ދަތުރު ކުރާ ނަމަ، ދެ ގަޑިއިރުގެ ދަތުރެއް ކޮށްފައި އަންނަން ޖެހޭނީ. މިހާރު ވެސް ވިލިމާލެއަށް ވެސް ދަތުރު ނުކުރެވިފައި އެބަ ތިބެން ޖެހޭ ކަނޑުގަދަވީމަ."

އެހެންވެ އޭނާގެ ޑިމާންޑަކީ ގުޅީފަޅާއި ގިރާވަރު އަދި އުތުރުތިލަފަޅު ވެސް އަވަހަށް ހިއްކައި އެ ތަންތަނުގައި ވަސީލަތްތައް ގާއިމް ކުރުން އަވަސް ކުރުމެވެ. އަދި ރައްޔިތުންނަށް ދީފައިވާ ގޯތިތަކަށް ވަދެވޭނެ ގޮތް ހަދައި، އެ ތަންތަން އަވަހަށް މާލެއާ ގުޅާލުމެވެ.

"އިހްލާސްތެރިކަމާ އެކު ކަންކަން ކުރަން ނޫޅޭތި މިހެން މި ދިމާވަނީ. ވަޒީފާތައް ކިހިނެއް އެއް ފަހަރާ އުފައްދާނީ، ކިހިނެއް 50،000 މީހުން ފުށިދިއްގަރަށް ގެންދާނީ؟ ކޮންތާކުން އެ މީހުން ގެންނަނީ؟ ކޮން ބައެއް އެތަނަށް ދަނީ؟" އާޒިމް އެއްސެވި އެވެ.

އާޒިމް ވިދާޅުވީ އޭނާއަށް މޭޔަރު ކަން ލިބިއްޖެ ނަމަ ދެން ފެންނާނީ މިހާރު އޮތް މާލެއެއް، ހުޅުމާލެއެއް، ވިލިމާލެއެއް ނޫނެވެ. އެއަށްވުރެ އުފާވެރި ތަންތަނަށް މުޅި މާލެ ހަދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވަ އެވެ.

"އަޅުގަނޑުގެ މަސައްކަތަކަށް ވާނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދިނުން،" އާޒިމް ވިދާޅުވި އެވެ.