Roadha Mihaaru
އާދަޔާޚިލާފު ރީތި ކޭލަކުނަށް އިކޯ ޓޫރިޒަމް

އާދަޔާޚިލާފު ރީތި ކޭލަކުނު ގައި އިކޯ ޓޫރިޒަމް ފައްކާކުރަނީ

08 ޖެނުއަރީ 2024

"ޓްރޫ ފޮރެސްޓް" ނުވަތަ ފޮރެސްޓެއްގައި ހުންނަ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާ ރާއްޖޭގެ ހަމައެކަނި ރަށް ކަމަށްވާ ހދ. ކޭލަކުނުގައި އިކޯ ޓޫރިޒަމް ތައާރަފް ކުރަން ސަރުކާރުން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

"ޓްރޫ ފޮރެސްޓް" ނުވަތަ ފޮރެސްޓެއްގައި ހުންނަ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާ ރާއްޖޭގެ ހަމައެކަނި ރަށް ކަމަށްވާ ހދ. ކޭލަކުނުގައި އިކޯ ޓޫރިޒަމް ތައާރަފް ކުރަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ކޭލަކުނަކީ އިކޯ ޓޫރިޒަމްގެ ރަށެއްގެ ގޮތުގައި ތަރައްގީކުރަން ކަނޑައަޅައި އެ ރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށަން އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ކޭލަކުނުގެ ގުދުރަތީ ރީތިކަމާއި މޫދުގެ ދިރުންތަކަށް ގެއްލުން ނުވާނެ ގޮތަށް އެ ރަށް ތަރައްގީ ކުރެވޭނެ ގޮތްތައް ދެނެގަތުމަށްޓަކައި ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި ކަމާ ގުޅޭ އެހެނިހެން ފަރާތްތަކާ ގުޅިގެން އިތުރު ތަފުސީލީ ސްޓަޑީއެއް ހެދުމަށް ވެސް އެ ކައުންސިލުން ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި، އެ ރަށަށް ޒިޔާރަތްކުރާ މީހުންނަށް އަމާޒުކޮށްގެން ތިމާވެއްޓާ ރައްޓެހި ޒަމާނީ ފެންވަރުގެ ވިޒިޓާ ސެންޓަރެއް ހެދުމަށާއި އެ ރަށުގެ ތާރީހާއި އެ ރަށުގައި ހުރި ތާރީހީ ތަންތަނާއި އެ ރަށުގެ ވަށައިގެންވާ ދިރުންތަކުގެ މައުލޫމާތު ފުރިހަމަ އަށް ދެވޭނެ އިންތިޒާމު ހަމަޖައްސަން ވެސް ވިޒިޓާ އިކޮނޮމީ ކައުންސިލުން ނިންމި އެވެ.

"އެ ރަށުގެ ފަރުތަކާއި މުރަކަތައް އެއްވެސް ގެއްލުމެއް ނުވާނެ ގޮތަށް މި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ފްލޯޓިން ރޫމްތަކެއް އެޅޭނެ ގޮތްތަކެއް އޮތްތޯ ބަލަން ދިރާސާކުރަން ވެސް ނިންމާފައިވޭ،" އޭނާ ވިދާޅުވި އެވެ.

ހދ. ކޭލަކުނު: އިކޯ ޓޫރިޒަމްގެ ރަށެއްގެ ގޮތުގައި ކޭލަކުނަކީ ތަރައްގީކުރަން ސަރުކާރުން ވަނީ ނިންމައިފައި.-- ފޮޓޯ: މިހާރު

ހދ. ކޭލަކުނު: އިކޯ ޓޫރިޒަމްގެ ރަށެއްގެ ގޮތުގައި ކޭލަކުނަކީ ތަރައްގީކުރަން ސަރުކާރުން ވަނީ ނިންމައިފައި.-- ފޮޓޯ: މިހާރު

މީހުން ދިރިނޫޅޭ ކޭލަކުނަކީ އާދަޔާ ހިލާފު ސިފަތަކެއް ލިބިފައިވާ ރީތި ރަށެކެވެ. އެ ސަބަބަށްޓަކާ ޓޫރިޒަމް މިނިސްޓްރީން ވަނީ ހިމާޔަތްކޮށްފައިވާ ރަށްތަކުގެ ލިސްޓަށް އެ ރަށުގެ ނަން 2017 ވަނަ އަހަރު އިތުރުކޮށްފަ އެވެ.

އެ ރަށުގައި ރިސޯޓެއް ހަދަން 2017 ވަނަ އަހަރު ވެސް ހުޅުވާލި އެވެ. ނަމަވެސް، ތިމާވެށީގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން އެކަމާ ކަންބޮޑުވުން ފާޅުކުރުމުން އޭރުގެ ސަރުކާރުން ވަނީ އެ ހިޔާލު ދޫކޮށްލާފަ އެވެ.

ހދ.ގެ ވެރިކަން ކުރާ ރަށް، ކުޅުދުއްފުއްޓާ ވަރަށް ކައިރީގައި އޮންނަ ކޭލަކުނަށް ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނީ އެ ރަށުގައި އޮންނަ ބިޔަ ޖަންގަލީގެ ފޮޓޯތައް އާންމުވުމާ އެކު އެވެ. އެ ރަށުގެ ބޮޑު ބަޔަކީ ޗަސްބިމެވެ. އެ ޗަސް ބިމުގައި ރާއްޖޭގެ އެހެން ތަންތަނުން ނުފެންނަ ގަސްތަކާއި ކުޅިފާޗަކަ ބިމުގައި ހެދޭ އެކި ވައްތަރުގެ ގަސްތައް ހުރެ އެވެ. އޭގެ ތެެރޭގައި އެތައް ޒަމާނެއްވީ ބިޔަ ގަސްތައް ހިމެނެ އެވެ.

އެ ރަށަކީ ކުރިން ދަނޑުވެރިކަން ވެސް ކުރި އަދި އަތޮޅުގެ ބައެއް ރަށްރަށުގެ މީހުން ދަރު ކެނޑުމާއި ކާށި ހޮވުން ފަދަ ބޭނުންތަކުގައި ގޮސް އުޅުނު ރަށެކެވެ.

ކޭލަކުނުގެ ތާރީހާ ގުޅޭ "ކޭލަކުނު ތަޅާލި ވިއްސާރައިގެ" ވާހަކައަކީ އާންމުކޮށް އިވޭ ވާހަކައެކެވެ. މީލާދީ ގޮތުން 1820 ގައި ކުރި އެ ގަދަ ވިއްސާރާގައި އެ ރަށް ސުންނާފަތިވެ، އެ ރަށުގައި ދިރިއުޅުނު މީހުން ރަށުން ފައިބައިގެން ދިޔައީ ކަމަށް ތާރީހީ ފޮތްތަކުގައިވެ އެވެ.