Roadha Mihaaru
ރާއްޖެއަށް ޕޭޕަލް ހޯދަން އެމެރިކާއާއެކު މަޝްވަރާ ފަށަނީ

ރާއްޖެއަށް ޕޭޕަލް ލިބޭ ގޮތް ހަދަން އެމެރިކާއާ އެކު މަޝްވަރާ ފަށަނީ

07 ޖެނުއަރީ 2024

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފައިސާ ފޮނުވާ އަދި ފައިސާ ލިބިގަތުމަށް ބޭނުންކުރާ މަޝްހޫ ޕޭމަންޓް ސިސްޓަމް "ޕޭޕަލް" ގެ އެކްސެސް ރާއްޖެ އަށް ހޯދުމަށް އެމެރިކާ ސަރުކާރާ އެކު މަޝްވަރާތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފައިސާ ފޮނުވާ އަދި ފައިސާ ލިބިގަތުމަށް ބޭނުންކުރާ މަޝްހޫ ޕޭމަންޓް ސިސްޓަމް "ޕޭޕަލް" ގެ އެކްސެސް ރާއްޖެ އަށް ހޯދުމަށް އެމެރިކާ ސަރުކާރާ އެކު މަޝްވަރާތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

ރައީސް އޮފީހުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ އޮންލައިން ޕޭމަންޓް ޕްލެޓްފޯމް މެދުވެރިކޮށް ފައިސާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ މަސައްކަތްތައް ފެށުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމާފައިވާ ކަމަށެވެ.

ރާއްޖޭން މިހާރު ޕޭޕަލް މެދުވެރިކޮށް ކުރެވޭ ކަމަކީ ފައިސާ ފޮނުވުމެވެ. އެހެންވެ އިންޓަނެޓް މެދުވެރިކޮށް ހިންގާ ވިޔަފާރީގެ އެކި މުއާމަލާތްތަކާއި އާމްދަނީ ލިބޭ މަސައްކަތްތަކަށް ފައިސާ ލިބެން މިކަން ވެފައި ވަނީ ހުރަހަކަށެވެ.

އީ-ވޮލެޓްގެ ހިދުމަތް ގާއިމްކުރުމަށްޓަކައި ބީއެމްއެލް މެދުވެރިކޮށް ގިނަވެގެން ހަފުތާއެއްގެ ތެރޭގައި އެކަން ހަމަޖެއްސުމާއި އެމެރިކާގެ ސަރުކާރާ އެކު މަޝްވަރާކޮށްގެން ޕޭޕަލް އެކްސެސް ހޯދުން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕޭޕަލް ކަހަލަ އެހެން ޕްލެޓްފޯމުތަކަށް އެކްސެސް ހޯދުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރިއަށް ގެންދާނެ އެވެ.

ރައީސް އޮފީހުން ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުން ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

މި ކަމަކީ އިންޓަނެޓާއި ސައިބާ ސެކިއުރިޓީއާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށް ވާތީ، އެކަމާ ގުޅޭ ފަންނީ އެހީތެރިކަން ވެސް ސަރުކާރުން ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޓާނެޓާއި ސައިބާ ސެކިއުރިޓީއާ ވަރަށް ބޮޑަށް ގުޅޭ ކަމަކަށް ވާތީ ސައިބާ ސެކިއުރެޓީގެ ގާނޫނެއް ވުޖޫދަށް ގެނައުމަށްޓަކާ އެކަމަށް ހާއްސަ ބިލެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަން ވަނީ މިއަދު ނިންމައިފައި،" އޭނާ ވިދާޅުވި އެވެ.

އެ މަސައްކަތް ކުރުމަށް ޔޫއޭއީ އާއި ތުރުކީ ސަރުކާރުގެ އެހީތެރިކަން ސަރުކާރަށް ލިބޭނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ޕޭޕަލް އާއި އެހެން އޮންލައިން ޕޭމަންޓް ސިސްޓަމްތައް ރާއްޖޭގައި ބޭނުންކުރެވޭނެ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.