Roadha Mihaaru
ރަށްވެހިކަން ދޫކޮށްލަން ފީ ނެގުން ގާނޫނުއަސާސީއާ ހިލާފް

ތިނަދޫގެ ރަށްވެހިކަން ދޫކޮށްލަން ފީ ނެގުން ގާނޫނުއަސާސީއާ ހިލާފް

08 ޖެނުއަރީ 2024

ގދ. ތިނަދޫގެ ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން ފީ ނަގަން ކައުންސިލުން ނިންމިޔަސް އެކަން ގާނޫނުއަސާސީއާ ހިލާފް ކަމަށް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ގދ. ތިނަދޫގެ ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން ފީ ނަގަން ކައުންސިލުން ނިންމިޔަސް އެކަން ގާނޫނުއަސާސީއާ ހިލާފް ކަމަށް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ބުނެފި އެވެ.

ތިނަދޫ ސިޓީއަކަށް ހަދަން ކުރާ މަސައްކަތުގައި، އެ ރަށުގެ އާބާދީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުގައި ރަށުގެ ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން އިދާރީ ފީއެއްގެ ގޮތުގައި 5،000ރ. ނަގަން އެ ރަށު ކައުންސިލުން އިއްޔެ ވަނީ ނިންމައިފަ އެވެ.

ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ކައުންސިލްތަކަށް ދީފައިވާ ބާރުގެ ދަށުން ވެސް ގާނޫނާ ހިލާފު ނިންމުމެއް ނިންމައިފި ނަމަ އެ ނިންމުން ބާތިލްކުރާނެ ކަމަށެވެ.

"ކައުންސިލްތަކަށް ފީ ނެގޭނީ ގާނޫނާއި ގަވައިދާ އެއްގޮތަށް. ކައުންސިިލްތައް ބާރުވެރި ކުރުވުމަކީ މުހިންމު ކަމެއް. ކައުންސިލްތަކުން ނިންމާ ނިންމުންތައް ގާނޫނާ ހިލާފު ނަމަ އެ ނިންމުން ބާތިލް ކުރާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ގާނޫނުގައި ވެސް ލާމަރުކަޒީ ގާނޫނޫނާއި ގަވައިދުތަކާއި ނިންމާ ނިންމުންތައް ރައްޔިތުން މަޖިލީހުން ފާސްކުރާ ގާނޫނުތަކާއި އެ ގާނޫނުތަކުގެ ދަށުން ހަދާ ގަވައިދުތަކުގެ އިމުން ބޭރުވެގެން ނުވާނެ ކަމަށް ގާނޫނުގައި އޮންނަ ކަމަށެވެ.

ގދ. ތިނަދޫ.

ގދ. ތިނަދޫ.

ގާނޫނުއަސާސީގައި ބުނާ ގޮތުން ރާއްޖޭގައި މީހުންދިރިއުޅޭ ކޮންމެރަށެއްގައި ވަޒަންވެރިވުމާއި، އެއްރަށުން އަނެއް ރަށަށް ހިޖުރަކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެ އެވެ.

އެހެންވެ، ތިނަދޫ ކައުންސިލުން ނިންމި ނިންމުން އެލްޖީއޭއާ ގުޅިގެން ބަލާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އާބާދީގައި 10،000 ހަމަ ނުވަނީސް ތިނަދޫ އަކީ ސިޓީއެއް ކަމަށް ކަނޑައެޅީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 30 ގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެއީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 51 ވަނަ މާއްދާގައި ރައީސަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ނަމަވެސް ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހެ އެވެ. އެހެންވެ، އެ މަސައްކަތް މަޖިލީހުން މިހާރު އަންނަނީ ކުރަމުންނެވެ. އާ ސަރުކާރުން ވެސް ވަނީ އެ މަސައްކަތަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ.

ތިނަދޫގެ މިހާރުގެ އާބާދީއަކީ 6،000 އެވެ.