Roadha Mihaaru
ގެދޮރު ނުލިބޭ މީހަކު މާލޭގައި ނުހުންނާނެ: ރައީސް

100 ޕަސެންޓް ޔަގީން، ފަސް އަހަރު ނިމޭއިރު ގެދޮރު ނުލިބޭ މީހަކު މާލޭގައި ނުހުންނާނެ: ރައީސް

05 ޖެނުއަރީ 2024

މާލެ ސަރަހައްދުގައި ދިރިއުޅޭ އެއްވެސް މީހަކަށް، އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު، ގެދޮރުގެ މައްސަލަ ހައްލު ނުވެ ނުހުންނާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މާލެ ސަރަހައްދުގައި ދިރިއުޅޭ އެއްވެސް މީހަކަށް، އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު، ގެދޮރުގެ މައްސަލަ ހައްލު ނުވެ ނުހުންނާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްވައިފި އެވެ.

މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިން މެނިފެސްޓޯ އިފުތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ގެދޮރުވެރިކަމުގެ މައްސަަލައަކީ މާލެ ސަރަހައްދަށް އޮތް އެންމެ ބޮޑު މައްސަލަ ކަމަށެވެ. އެހެންވެ، މި ސަރުކާރުން ބާރު ސްޕީޑުގައި މަސައްކަތް ކުރަނީ އެ ކަމަށް އަވަސް ހައްލެއް ހޯދުމަށް ކަމަށް ވިދާޅުވި އެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިމާއި ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާ ކަމަށާއި އެ ތަންތަން ހިއްކާނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިއްކަން ނިންމި ވަރަށް ވުރެ ބިން ވެސް އިތުރުވާ ގޮތަށް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސްގެ އެންމެ އުއްމީދީ މަޝްރޫއު، ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ ރަސްމާލެ އަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ސަތޭކަ ޕަސެންޓަށް މިރޭ ވެސް ޔަގީންކަން މި ދެނީ. މި ދައުރުގެ ފަސް އަހަރު ނިމޭއިރު މި ހަތަރު ބިމުން އުފެދޭ ޖާގައާ އެކު އެ ލިބޭ ގޯއްޗާއި ފްލެޓް ލިބިގެން ދިޔައީމާ މި މާލެއަކު ނުހުންނާނެ ގެދޮރުގެ މައްސަލަ ހައްލު ނުވާ އެކަކު ވެސް،"--- ރައީސް ޑރ. މުއިއްޒު

"އެހެންވީމާ ބާރު ސްޕީޑުގައި އަޅުގަނޑުމެންގެ މަސައްކަތްތައް މި ދަނީ ކުރިއަށް. ގެދޮރުގެ މައްސަލަަ އަށް އެންމެ އިސްކަމެއް ދީގެން ދައުރުގެ އެންމެ ކުރީކޮޅުގައި އެންމެ ދުވަހެއް ވެސް ބޭކާރުކޮށް ނުލައި މި ގެންދަނީ ބާރު ސްޕީޑްގައި،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރަސްމާލެ އާއި ހުޅުމާލެ އާއި ގުޅީފަޅު އަދި ގިރާވަރު އެއްވުމުން އުފެދޭ ބިމުން ހުރިހާ ރައްޔިތުންނަށް ގެދޮރު ލިބޭނެ އެވެ. ގެދޮރަށް ހާއްސަކޮށް ތައާރަފްކުރާ ލުއި ލޯނާއި އެހެން ވެސް ފުރުސަތުގެ އެހީގައި ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ނިމުން އަންނާނެ ކަމަށް ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއާ މިރޭ އަލަށް ގުޅުނު ބައެއް މީހުންނާ އެކު، ރައީސް ޑރ. މުއިއްޒު ފޮޓޯފުޅެއް ނަންގަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއާ މިރޭ އަލަށް ގުޅުނު ބައެއް މީހުންނާ އެކު، ރައީސް ޑރ. މުއިއްޒު ފޮޓޯފުޅެއް ނަންގަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

"ސަތޭކަ ޕަސެންޓަށް މިރޭ ވެސް ޔަގީންކަން މި ދެނީ. މި ދައުރުގެ ފަސް އަހަރު ނިމޭއިރު މި ހަތަރު ބިމުން އުފެދޭ ޖާގައާ އެކު އެ ލިބޭ ގޯއްޗާއި ފްލެޓް ލިބިގެން ދިޔައީމާ މި މާލެއަކު ނުހުންނާނެ ގެދޮރުގެ މައްސަލަ ހައްލު ނުވާ އެކަކު ވެސް،" މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ މުއިއްޒު ވިދާޅުވި އެވެ.

"ހަމަ އެންމެ ދިވެހި ރައްޔިތަކު ވެސް ނުހުންނާނެ، އިރާދަކުރެއްވިއްޔާ 100 ޕަސެންޓް ޔަގީންކަން މި ދެނީ. މާލެއަކު ނުހުންނާނެ ގެދޮރުގެ މައްސަލަ ހައްލު ނުވާ އެކަކު ވެސް."

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ކުރީގެ ބަންޑާރަ ނައިބު އާޒިމާގެ ކެމްޕެއިން ހަރަކާތުގައި ރައީސް ޑރ. މުއިއްޒު މިރޭ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ކުރީގެ ބަންޑާރަ ނައިބު އާޒިމާގެ ކެމްޕެއިން ހަރަކާތުގައި ރައީސް ޑރ. މުއިއްޒު މިރޭ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ނަމަވެސް، މިކަންކަން ކުރަން ބޭނުން ވަނީ ސިޓީ ކައުންސިލް މެދުވެރިކޮށް ކަމަށާއި އެހެންކަމުން ސަރުކާރަށް އެއްބާރުލުން ދޭނެ ކައުންސިލެއް މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ. ސަރުކާރަށް 100 ޕަސެންޓް އެއްބާރުލުން ދޭނެ މޭޔަރަކަށް ވާނީ އާޒިމާ ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.