Roadha Mihaaru
ޒުވާނުންގެ ކުއްލި މަރާއި ނަފްސާނީ ބަލި އަދި ކެންސަރު

2023: ޒުވާނުންގެ ކުއްލި މަރާއި ނަފްސާނީ ބަލި އަދި ކެންސަރު

01 ޖެނުއަރީ 2024

އެއް ދުވަހެއްގެ ފަތިހު ހޭލިއިރު ފެނުނީ ސިވިލް ކޯޓުގެ ޒުވާން އިސް ގާޒީ އަހުމަދު ނިމާލް ޖުނެއިދުގެ ކުއްލި ވަކިވުމެވެ. ތިރީސް ހަ އަހަރުގައި، މިދިޔަ ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ ރޭ ފަތިހު އޭނާ ހާޓްއެޓޭކެއް ޖެހިގެން އަވަހާރަވިއިރު، އޭގެ ކުރީ ދުވަހު ވެސް އޮފީހަށް ވަޑައިގެން މަސައްކަތް ކުރެއްވި އެވެ. ސިއްހީ އިތުރު މައްސަލައެއް ނެތެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެއް ދުވަހެއްގެ ފަތިހު ހޭލިއިރު ފެނުނީ ސިވިލް ކޯޓުގެ ޒުވާން އިސް ގާޒީ އަހުމަދު ނިމާލް ޖުނެއިދުގެ ކުއްލި ވަކިވުމެވެ. ތިރީސް ހަ އަހަރުގައި، މިދިޔަ ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ ރޭ ފަތިހު އޭނާ ހާޓްއެޓޭކެއް ޖެހިގެން އަވަހާރަވިއިރު، އޭގެ ކުރީ ދުވަހު ވެސް އޮފީހަށް ވަޑައިގެން މަސައްކަތް ކުރެއްވި އެވެ. ސިއްހީ އިތުރު މައްސަލައެއް ނެތެވެ.

ހަމަ އެ ދުވަސްވަރު އިތުރު ޒުވާނުންތަކެއްގެ ކުއްލި ވަކިވުމާއެކު ގިނަ ޑޮކްޓަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ހިތުގެ ބަލީގެ ފުރަތަމަ ޑޮކްޓަރު، ޑރ. އަލީ ޝަފީގު ވިދާޅުވި ގޮތުގައި ފަހަކަށް އައިސް ހާޓްއެޓޭކް ޖެހިގެން ގިނަ ޒުވާނުން ހޮސްޕިޓަލަށް ގެންދެ އެވެ. ނަމަވެސް، އެ މީހުންގެ ބެކްގްރައުންޑަށް ބަލާއިރު ގިނައިން ހުންނަނީ ދިރިއުޅުމުގެ ވައްޓަފާޅީގެ މައްސަލަތައްކަން ފާހަގަކުރައްވައި ޑޮކްޓަރު ވިދާޅުވީ ސިނގިރޭޓް ބުއިމާއި ހަށިގަނޑަށް ފައިދާހުރި ކާނާ ނުކެއުން އަދި އެ މީހުންގެ ނިދުން ވެސް ރަނގަޅު ނޫން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ހާޓްއެޓޭކް ކަހަލަ ކަންކަން މަދުކުރުމަށް ބަދަލުތައް ގެންނަން ޖެހެނީ ދިރިއުޅުމަށެވެ.

ގައިންގަޔަށް ނާރާ ބަލިތަކުގައި އެތައް ޒުވާނުންނެއް ވަކިވެގެންދާއިރު، މި އަހަރުގެ ތެރޭގައި ވެސް ކަންބޮޑުވާންވި އެއް ކަމަކީ، ނަފްސާނީ މައްސަލަތަކަށް ލުއެއް ނުލިބި، އެ ވޭނުގައި އެތައް ބަޔަކު ތަހައްމަލްކުރުމެވެ.

ޓްރެކްގައި ދެ އަންހެނަކު ދުވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޓްރެކްގައި ދެ އަންހެނަކު ދުވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ގއ. ކަނޑުހުޅުދޫން ފެނުނީ އެ މަންޒަރެވެ.

އަމިއްލައަށް މަރުވާނެ ކަމުގެ އިންޒާރު އެތައް ފަހަރަކު ދިނުމަށްފަހު، 24 އަހަރުގެ ފިރިހެނަކު މަރުވެފައި އޮއްވާ ފެނުނީ އެ ރަށު މޫދުން، މިދިޔަ މާޗު، 31 ގަ އެވެ. ސައިކަލުގައި ވަލެއް އެއްސުމަށްފަހު، އެ ވަލުގެ އަނެއްކޮޅު އޭނާގެ ފައިގައި އޮތީ އައްސައިފަ އެވެ.

ރަށުން ވާހަކަދެއްކި މީހަކު ބުނީ އަމިއްލައަށް މަރުވާނެ ކަމަށް ބުނެ މީގެ ކުރިން ވެސް އޭނާ އެތައް ފަހަރަކު އިންޒާރުދީ، މަރުވާން ވެސް އެތައް މަސައްކަތެއް ކުރި ކަމަށެވެ. އެކަން އާއިލާގެ ފަރާތުން ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް އެތައް ފަހަރަކު ގެނަ އެވެ. އެކަމަކު، މަރުވުމާ ހަމައަށް ވެސް ކަމާބެހޭ ފަރާތުގެ އެހީތެރިކަމެއް ނުލިބުނެވެ.

އެ މައްސަލައާ ގުޅިގެން ޖެންޑާއިން ބުނީ ނަފްސާނީ ބަލީގެ މީހުން އަތޮޅުތެރޭގައި ވެސް ގިނަވަމުންދާ ކަމަށެވެ.

ނަފްސާނީ ބަލީގެ މައްސަލަތައް ގިނަވަމުން ދާތީ، ކުރީގެ ސަރުކާރުން ވަނީ އެކަމާ ދެކޮޅަށް ގައުމީ މަޝްރޫއެއް ފަށައިފަ އެވެ. "ކިހިނެއް" ނަމުގައި އެ ކެމްޕެއިން ފެށުމަށް ހެލްތު މިނިސްޓްރީން އާއްމުކުރި މައުލޫމާތުގައި ބުނެފައި ވަނީ ރާއްޖޭގައި ފަސް މީހުންގެ ތެރެއިން އެކަކު ޑިޕްރެޝަންގެ އުނދަގޫ އިހްސާސްކުރަން ޖެހޭ ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ހިންގާ އޮންކޯ ސެންޓަރުގައި ނަރުހަކު މަސައްކަތްކުރަނީ.-- ފައިލް ފޮޓޯ: މިހާރު

ހުޅުމާލެ ހޮސްޕިޓަލުގައި ހިންގާ އޮންކޯ ސެންޓަރުގައި ނަރުހަކު މަސައްކަތްކުރަނީ.-- ފައިލް ފޮޓޯ: މިހާރު

ކެންސަރު ވެސް ވަރަށް ގިނަ އެވެ. އެންމެ ފަހުގެ ތަފްސީލު ނޭނގުނަސް، ކެންސަރުގެ އެކި ބަލިތަކުގައި 2020 ވަނަ އަހަރު 125 ދިވެހިން މަރުވި އެވެ. އެއީ 50 އަންހެނުންނާއި 75 ފިރިހެނުންނެވެ. މިއީ، އެއް ބައްޔަކާ އަޅާބަލާއިރު ވަރަށް ގިނަ އަދަދެކެވެ.

އެ ބަލި ޖެހިގެން 2016 އިން 2019 އަށް 7،500 އަށްވުރެ ގިނަ މީހުން މަރުވި އެވެ.

ރާއްޖޭގައި އާންމުކޮށް ފިރިހެނުންނަށް ޖެހޭ ކެންސަރުގެ ތެރޭގައި ހިމެނެނީ ފުއްޕާމޭގެ ކެންސަރާއި ޕްރޮސްޓޭޓް، ކޮލޮރެކްޓަލް، އަދި ބަނޑާއި ފުރަމޭގެ ކެންސަރު ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އަދި އަންހެނުންނަށް އެންމެ ގިނައިން ޖެހޭ ކެންސަރުގެ ތެރޭގައި ހިމެނެނީ އުރަމަތީގެ ކެންސަރާއި ފުއްޕާމޭ އަދި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާއި ތައިރޮއިޑް ކެންސަރެވެ.

އޯވަރީ ކެންސަރަކީ ރާއްޖޭގައި އަންހެނުންގެ މެދުގައި އާއްމު ކެންސަރުގެ ލިސްޓަށް އަރާ ވައްތަރެއް ނޫނެވެ. އެކަމަކު، ނުވަ އަހަރުގެ އަންހެން ކުއްޖަކަށް އޯވަރީ ކެންސަރު ޖެހި، އެ ބަލީގައި އެ ކުއްޖާ ވަނީ މިދިޔަ ސެޕްޓެމްބަރު 23 ވަނަ ދުވަހު ނިޔާވެފަ އެވެ.

ކެންސަރަށް ހާއްސަ ޑޮކްޓަރަކު ވެސް ވިދާޅުވި ގޮތުގައި މިހާ ކުޑަކުއްޖަކަށް އޯވަރީ ކެންސަރު ޖެހުމަކީ ވަރަށް މަދުން ނޫނީ ނުވާނެ ކަމެކެވެ.

އާއްމު ސިއްހަތަށް ބަލާނަމަ ރާއްޖެއިން މި އަހަރު މާ ބޮޑު ކުރިއެރުމެއް ހޯދި ކަމަކަށް ނުބުނެވޭނެ އެވެ. ރާއްޖެއިން ނައްތާލިކަމަށް ޑަބްލިއުއެޗްއޯއިން 2016 ވަނަ އަހަރު ކަނޑައެޅި ފައިލޭރިއާއަށް ގިނަ އަދަދެއްގެ ބިދޭސީންތަކެއް ޕޮޒިޓިވްވީ މި އަހަރުގެ ތެރޭގަ އެވެ. އެއާ އެކީގައި، ނަފްސާނީ މައްސަލަތަކާއި ކެންސަރު ބަލި އަދި ޒުވާނުންގެ ކުއްލި މަރުތައް ވެސް މި އަހަރު ގިނަ އެވެ.